ހަވީރު ނޫސް ނެރުމުގެ މަސައްކަތް ސަރުކާރުން މާދަމާ ފަށަނީ

ހުއްޓާލާފައިވާ ހަވީރު ނޫސް ނެރުމުގެ މަސައްކަތް މާދަމާ ފައްޓަވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ދިޓީވީގެ ޚަބަރު ތެރެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ އުމަރު ވިދާޅުވީ، ހަވީރު ނޫސް ނެރުން ހުއްޓާލާފައި އޮތުމަކީ "ގައުމުގެ މަސްލަހަތު ތަންދޭ ކަމެއް ނޫން" ކަމަށެވެ.
އުމަރު މިގޮތަށް ވިދާޅުވިއިރު، ހަވީރު ނޫސް ހުއްޓާލާފައިވާތީ އެ ނޫސް ފަށަން އެންގުމުގެ އަމުރަކަށް، ބައެއް ހިއްސާދާރުން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށައަޅާފައެވެ.
މިނިސްޓަރ ވިދާޅުވީ "ހަވީރު ނޫހުގެ މައްސަލައިގައި" އޭޓާނީ ޖެނެރަލް އާއި ސަރުކާރުގެ އިސް ޤާނޫނީ ވަކީލުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި ވެސް މިހާރު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
"ސަރުކާރުން ނިންމާފައި އޮތީ މިމައްސަލައިގެ ތެރެއަށް ވަންނަން. ހަވީރު ނޫސް ނެރުމަށް ކުރަން ޖެހޭ މަސައްކަތް ޙުކުމާއި ޚިލާފުނުވާ ގޮތައް ކުރާނަން." މިނިސްޓަރ ވިދާޅުވިއެވެ.
ނަމަވެސް ހަވީރު ނޫސް ނެރުމަށްޓަކައި ކުރާނެ މަސައްކަތުގެ ތަފްސީލެއް މިނިސްޓަރ ނުދެއްވައެވެ.
ހަވީރު ނޫހުގެ ދެހިއްސާދާރަކު ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ސިވިލް ކޯޓުން ނެރެފައިވާ އަމުރެއްގައި ބުނެފައި ވަނީ ހަވީރު ނޫހުގެ ހިއްސާދާރުން ބައިވެރިވުމެއް ނެތި ހަވީރު ނުސް ހިންގައިގެން ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ