މެމްބަރު އަބުޅޯ އާއި ސައުދު އަލުން ޕީޕީއެމާ ގުޅިވަޑައިގަތުމަށް ޝަހީމް ދައުވަތު ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ގދ. ތިނަދޫ ދެ މެމްބަރުން ކަމަށްވާ އަބްދުﷲ އަހުމަދު (އަބުޅޯ) ސައުދުﷲ ހިލްމީ އަލުން ޕީޕީއެމާ ގުޅިވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ދައުވަތު ދެއްވައިފި އެވެ.
އެ ރަށުގައި މިއަދު ހަވީރު ބޭއްވި އެއްވުމެއްގައި އިދިކޮޅު ޕާޓީތަކުގެ މެމްބަރުންނަށް ޝަހީމް ވިދާޅުވީ "އަޅުގަނޑުމެންނަކީ ތިޔަ ބޭފުޅުންގެ އެކުވެރިންނޭ، އަޅުގަނޑުމެންނަކީ ތިޔަ ބޭފުޅުންގެ އަޚުންނޭ" ކަމަށެވެ.
"އަބްދުﷲ އާއި ސައުދަށް ވެސް އަޅުގަނޑު ދަންނަވާނީ މި ސަފަށް އަރައިވަޑައިގަންނަވާށޭ. މިތާ މިތިބީ ތިބޭފުޅުން އިންތިހާބުކުރި މެމްބަރުން. ޕީޕީއެމްގެ މެމްބަރުން. ޕީޕީއެމް މިއޮތީ މިތާނގައޭ އިނގޭތޯ،" ވަރަށް ޖޯޝާއެކު ވާހަކަދައްކަވަމުން އޭނާ ވިދާޅުވި އެވެ.
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބުޅޯ އަށާއި ދެކުނު ދާއިރާގެ ސައުދަށް ޝަހީމް ދައުވަތު ދެއްވިއިރު، އެ ދެ ބޭފުޅުން ގެންދަވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުން ތިނަދޫގައި ވަރަށް ފުޅާ ދާއިރާއެއްގައި ކެމްޕޭން ކުރައްވަމުންނެވެ. އެގޮތުން އަބުޅޯ މިހާރު ވެސް ހުންނެވީ ކެމްޕޭންކުރެއްވުމަށް ތިނަދޫގަ އެވެ.
ޝަހީމް ވިދާޅުވީ ޕީޕީއެމްއަކީ ރާއްޖޭގެ ވަތަނީ ފައުޖު ކަމަށެވެ. އަދި އެ ފައުޖު ވަނީ ރާއްޖޭގެ އުތުރުން ދެކުނަށް ފެތުރިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ރަށުގައި އަޅުގަނޑު އުޅުނު ދެތިން ދުވަހުގެ ތެރޭގައި މިރަށުގެ ރައްޔިތުންގެ ފަރާތުން ބައެއް ހިޔާލުތަކާއި މަޝްވަރާ އަޅުގަނޑަށް ލިބުނު. އަދި މިރަށަށް ބޭނުންވާ އިތުރު ކަންތައްތަކެއް ރައްޔިތުން ހުށަހެޅި. އަޅުގަނޑު ވަނީ ވަރަށް ގިނަ ގޭބިސީތަކަށް ޒިޔާރަތްކޮށްފައި، މީހުންނާ ބައްދަލުކޮށް ވާހަކަދައްކާފައި،" ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ފިކުރުތަކުގެ މީހުންނާ ވެސް ބައްދަލުކުރެއްވި ކަމަށާއި އެ ފިކުރުގެ ވަރަށް ގިނަ މީހުން މިހާރު ބަދަލުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އެހެންވީމަ އެއީ އަޅުގަނޑުމެންނަށް ލިބޭ ހިތްވަރެއް. އެ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ޝަހީމް ވިދާޅުވި އެވެ.
އެ އެއްވުމުގައި ތިބި މީހުންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ތިނަދުއަށް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދެއްވީ ރައީސް ޔާމީން ކަމަށެވެ. އަދި އެރަށުގެ ތަރައްގީއަށް ރައީސް ޔާމީން ދެއްވާ އަހަންމިއްޔަތު ވަރަށް ބޮޑަށް ފެނިވަޑައިގަންނަވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ