މަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ އިމާރާތް ބާވެ، ތަންތަންގަނޑު ވެއްޓެމުން ދާތީ އެ ސްކޫލްގެ ކިޔެވުން ވަގުތީ ގޮތުން މިއަދުން ފެށިގެން މެދުކަނޑާލުމާ ގުޅިގެން އެ ސްކޫލް ދޮށުގަޔާއި މާލޭގެ ބައެއް މަގުތަކުގައި ބަޔަކު މިއަދު މުޒާހަރާ ކޮށްފި އެވެ.
މަޖީދީމަގުގައި ހުންނަ އަރަބިއްޔާ ސްކޫލް ދޮށަށް، ހަވީރު 00: 4 ގެ ފަހުން އެއްވެ މުޒާހަރާ ކުރަން ފެށި މީހުން ވަނީ އެ ސްކޫލުގެ ދަރިވަރުން ކިޔަވަން ދާނެ އެހެން އިމާރާތެއް ވަގުތުން ވަގުތަށް ހަމަޖައްސައި ދިނުމަށް ސަރުކާރަށް ގޮވާލައި އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލައިފަ އެވެ.
އަދި އަރަބިއްޔާ ސްކޫލް ކުދިން ވަނީ "މަގުމަތި ވެފައި" ކަމަށާއި "އިސްލާމީ ތައުލީމް ހަލާކު" ނުކުރުމަށް ލައުޑްސްޕީކަރުގެ އެހީގައި ގޮވަމުން މަޖީދީމަގާއި އޯކިޑްމަގުގައި ހިނގާފައިވެ އެވެ.
އަރަބިއްޔާ ސްކޫލުގެ ޕީޓީއޭގެ މެމްބަރުންނާއި އެހެން ބައެއް ބެލެނިވެރިން ވެސް ބައިވިެރިވި އެ މުޒާހަރާ ނިންމާލީ ވެސް އެ ސްކޫލް ކުރިމަތިންނެވެ.
އަރަބިއްޔާގެ މުދީރު އާއްމު މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު މިއަދު ވިދާޅުވީ 20 އަހަރު ވެފައިވާ އިމާރާތުގައި ވަރަށް ބޮޑަށް ރެނދު އަޅައި ހަލާކުވެފައި ވާތީ އެކަން ސަރުކާރާއި ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަވާފައިވީ ނަމަވެސް ބަޖެޓްގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ބުނެ، އެކަމަށް އެންމެ އެދެވޭ ހައްލެއް ފޯރުކޮށްދެވިފައި ނުވާ ކަމަށެވެ.
އަރަބިއްޔާ ސްކޫލުގެ ކިޔެވުން މިއަދު ހެނދުނުގެ ދަންފަޅި އަށް ފަހު މެދުކަނޑާލާފައިވާ އިރު އެ ތަނުގައި އަލުން ކިޔަވައިދޭނެ ދުވަހެއް އެ ސްކޫލުން އަދި ނުބުނެ އެވެ.
ރަޝީދު އިތުރަށް ވިދާޅުވިގޮތުގައި އިމާރާތުގައި ބޮޑަށް ރެނދުލައި، ތަންތަން ނެއްޓެން ފެށިތާ މިހާރު ހައެއްކަ އަހަރު ވެދާނެ އެވެ. އަދި އެފަދަ ގޮތަކަށް އެތަން ހުންނާތީ ބައެއް ދަރިވަރުން ބިރުން އުޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލް ވަގުތީ ގޮތުން ބަންދު ކުރުމުން މުޒާހަރާ ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ