ޓީވީ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ލާމަސީލު މާމަކާފަ އެވޯޑުގައި ލާމަސީލު މާމައަކަށް ސ. ހުޅުދޫ، ރަށްދެބައިގޭ މަރިޔަމް އަހުމަދު ދީދީ އަދި ލާމަސީލް ކާފައަކަށް ހ. ރީތިގަސްދޮށުގޭ ސައީދު ހުސައިން ރޭ ހޮވައިފި އެވެ.
ޓީވީ މޯލްޑިވްސް ސްޓޫޑިއޯގައި ރޭ ބޭއްވި އެވޯޑު ހަފުލާގައި މަރިޔަމް އަހުމަދު ދީދީ ލާމަސީލު މާމަގެ މަގާމް ހޯދައިފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް އެސް.އެމް.އެސް ފޮނުވަން ހުޅުވާލި ފުރުސަތުގައި އެކި ފަރާތްތަކުން އޭނާ އަށް ފޮނުވި 7،045 އެސް.އެމް.އެސް އިން 15،697 ޕޮއިންޓު ހޯދައިގެންނެވެ.
ލާމަސީލު ކާފައަކަށް ސައީދު ހޮވިފައި ވަނީ ފަހު ބުރުގައި ޖުމްލަ 10 މާމަ އާއި 10 ކާފަ ވާދަކުރި އެވޯޑަށް ފޮނުވައިފައިވާ 69،000 އެސްއެމްއެސްގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދައިގެންނެވެ. މި އެވޯޑުގައި ސައީދަށް ޖުމްލަ 18،316 އެސްއެމްއެސް ފޮނުވައިފައިވާއިރު 24،584 ޕޮއިންޓް ވަނީ ލިބިފަ އެވެ.
ލާމަސީލު މާމަ އާއި ކާފަ ހޮވަން ކޮންމެ ނަންބަރަކުން ވެސް ފުރަތަމައަށް ފޮނުވާ އެސް.އެމް.އެސް އަށް ދީފައި ވަނީ ފަސް ޕޮއިންޓެވެ. އަދި ތަކުރާރުވާ ކޮންމެ އެސް.އެމް.އެސްއަކަށް އެއް ޕޮއިންޓެވެ.
މުނިފޫހިފިލުވުމުގެ އައިޓަމްތައް ހިމަނައިގެން ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ލާމަސީލް މާމައަށާއި ކާފަ އަށް ވެސް ކަނޑައަޅައިފައިވާ 100،000ރ.ގެ ފައިސާގެ އިނާމާއި އެވޯޑު ހަވާލުކޮށްދެއްވީ ހަފުލާގެ ޝަރަފުވެރި މެހްމާނާ ޖެންޑަ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޮވައިފައިވާ ލާމަސީލު 10 މާމަ އާއި 10 ކާފައަށް މި ރަސްމިއްޔާތުގައި ޓީވީ މޯލްޑިވްސްގެ ފަރާތުން ވެސް ހަނދާނީ ފިލައެއް ވަނީ ދީފަ އެވެ. މީގެ އިތުރުން މިފްކޯގެ ފަރާތުން ވަނީ ވާދަކުރި ކޮންމެ މާމަ އަކަށާއި ކާފައަކަށް 1،000ރ. ވައުޗަރެއް ހަދިޔާކޮށްފަ އެވެ. އެ ވައުޗަރުން މިފްކޯގެ މަސް ފިހާރަތަކުން 1،000ރ.ގެ އަގުހުރި ފަސްމީރު ބްރޭންޑުގެ ބާވަތްތައް ލިބޭނެ އެވެ. ވާދަކުރި ކޮންމެ މާމައަކާއި ކާފައަކަށް އެސްޓީއޯ އިން ވެސް ވަނީ ހަދިޔާއެއް ދީފަ އެވެ. އަދި ވިލާ ގްރޫޕުގެ ފަރާތުން ކޮންމެ މާމައަކާއި ކާފައަކަށް ވެސް އެ ގްރޫޕުގެ ކޮންމެ ވެސް ރިސޯޓެއްގައި ތިން ދުވަހު ޗުއްޓީ ހޭދަކޮށްލެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ލާމަސީލު މާމަކާފަ އެވޯޑުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި ނަން ހުށަހަޅައިފައިވާ 13،000 މާމަ އާއި ކާފައިގެ ތެރެއިން އެންމެ ލާމަސީލު ކާފައަކަށް ހޮވުނު ސައީދު ބުނީ އެ ވޯޑާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
މި މަގާމް ހޯދައިފައިވާ މަރިޔަމް އަހުމަދު ދީދީ ބުނިގޮތުގައި ޓެލެވިޒަން މޯލްޑިވްސް އިން މި ފަދަ އެވޯޑެއް އިންތިޒާމްކުރުމަކީ ކުރިއަށް އޮތް ތަނުގައި މާމައިންނާއި ކާފައިންނަށް އިތުރު ހިތްވަރެއް ލިބުމުގެ އިތުރުން، އާއިލާ ފިޔަވައި އެހެން ފަރާތްތަކުން ވެސް އެ މީހުން ކުރާ މިންނެތް މަސައްކަތުގެ އަގު ވަޒަންކުރާނެ ބަޔަކު ތިބޭކަން ހާމަވެގެންދާ ކަމެކެވެ.
"މިފަދަ އެވޯޑެއް ދިނުމަކީ ވަރަށް މަތިވެރި އުފަލެއް ލިބޭނެ ކަމެއް. މިފަދަ އެވޯޑުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ވެސް އިތުރު ހިތްވަރެއް ލިބި ކޮންމެ މާމައެއް އަދި ކާފައެއް ވެސް ކުދިންނާ ދޭތެރޭ ކުރެވޭ އިހުސާސްތައް ބޮޑުވެގެން ދާނެ،" އޭނާ ބުންޏެވެ.
ލާމަސީލު މާމަކާފަ އެވޯޑު ވުޖޫދަށް ގެނެސްދެއްވި އިންފޮމޭޝަން މިނިސްޓަރު މުހަންދު ނަޝީދު އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކާފަމާމަ އެވޯޑަކީ ގައުމީ އެވޯޑެއް ނޫން ކަމަށެވެ. ނަމަވެސް ޓީވީގެ ޕްރޮގްރާމެއްގެ ގޮތުގައި މި އެވޯޑު ގެނެސްދެއްވުމުގެ މަގުސަދަކީ މާމާއިންނާއި ކާފައިން އާއިލާތަކަށާއި މުޖުތަމައަށް ކުރާ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކޮށްދިނުން ކަމަށެވެ.
ލާމަސީލު މާމަކާފަ އެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި އެސް.އެމް.އެސްގެ ޒަރިއްޔާއިން 13،000 މީހުންގެ ނަން ޓީވީ މޯލްޑިވްސް އަށް ވަނީ ފޮނުވައިފަ އެވެ. އެހެން ނަމަވެސް ކޯލް ސެންޓަރުތަކެއް ގާއިމްކޮށްގެންނާއި އެ ރަށެއްގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ މީހުން މެދުވެރިކޮށް މައުލޫމާތު އޮޅުންފިލުވައި އެ ނަންތައް 8،000 އަށް މަދުކޮށް ޕެނަލަކަށް ހުށަހަޅައިގެން އޭގެ ތެރެއިން 15 މާމަ އާއި ކާފަ ހޮވައިފައިވާ ކަމަށް ޓީވީން ބުންޏެވެ. އޭގެ ތެރެއިން ހޮވައިފައިވާ 10 މާމަ އާއި ކާފައަކީ އެންމެ ގިނަ ޕޮއިންޓް ހޯދި މީހުންނެވެ.
ޓީވީ މޯލްޑިވްސްއިން ބުނިގޮތުގައި ލާމަސީލު މާމަކާފަ އެވޯޑަކީ އާއިލީ ގުޅުން ބަދަހިކުރުމާއި އާއިލާތައް ބިނާކުރުމަށް ކާފައިންނާއި މާމައިން ކޮށްދީފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމަށް، އުމުރުން ދުވަސްވީ މީހުންގެ ގަދަރާއި އިއްޒަތް އަދި މުޖުތަމައުގައި އެ މީހުންގެ ޝަހުސިއްޔަތު އަންގައިދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.
ޓީވީއެމް ލާމަސީލު މާމަކާފަ އެވޯޑު: ލާމަސީލު މާމައަކަށް މަރިޔަމް އަހުމަދު ދީދީ، ކާފައަކަށް ސައީދު ހުސައިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ