މައުމޫން އޮފީހުން ދިދަ ބޭލައިގެން ގެންދިއުމަކީ ބޮޑު ފޭރުމެއް: ދިޔާނާ ސައީދު

ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމުގެ އޮފީހުގައި ނަގާފައިވާ ގައުމީ ދިދަ ފުލުުހުން ބޭލުމަކީ ފުލުހުން ހިންގާފައިވާ ބޮޑު ފޭރުމުގެ އަމަލެއްކަމަށް ކުރީގެ ބަންޑާރަ ނާއިބް އަލްއުސްތާޒާ ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މައުމޫން އޮފީހުގައި ނަގާފައިވާ ގައުމީ ދިދަ ފުލުހުން ބާލާއިގެން ގެންގޮސްފައިވާކަމަށް ބުނާ ހަބަރާއި ގުޅޭގޮތުން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ދިޔާނާ ސައީދު ވިދާޅުވީ ފުލުހުން ހިންގާފައިވަނީ ބޮޑު ފޭރުމުގެ އަމަލެއްކަމަށާ، ދިވެހި ދިދައަކީ އެންމެހާ ރައްޔިތުންގެ ހައްގެއްކަމަށެވެ. އަދި އެ ދިދައިގެ ދަށުގައި އެންމެންވެސް ހަމަހަމަވެގެންވާކަމަށް ދިޔާނާ ވިދާޅުވިއެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމުގެ އޮފީހުގައި ނަގާފައިވާ ގައުމީ ދިދަ ފުލުުހުން ބާލާފައިވަނީ މިއަދުއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫންގެ ފަޅިން ޕީީޕީއެމްގެ ސެކެރެޓީ ޖެެނެރަލް ކަމަށް އައްޔަންކުރައްވާފައިވާ އަބްދުލް އަލީމް ވިދާޅުވީ ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ނަގާފައިވާ ގައުމީ ދިދަ ފުލުހުން ބާލާފައިވާ ކަަމަށެވެ.
އަދި ގަައުމީދިދަ އެ އޮފީހުގައި ނަގަން ބޭނުންވާނަމަ "ދިވެހި ގައުމީ ދިދަ ބޭނުންކުރުމުގެ އައު އުސޫލު"ގެ ދަށުން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދުމަށް ފުލުހުން އަންގާފައިވާ ކަމަށް އަލީމް ވިދާޅުވިއެވެ.
އަލީމް ވިދާޅުވީ ރައީސް މައުމޫންގެ އޮފީހުގައި ނަގާފައިވާ ގައުމީ ދިދަ ބޭލުމަށްފަހު އެ ދިދަ އެ އޮފީހާ ހަވާލްކޮށްފައިވާ ކަމަށެވެ.
މައުމޫންގެ އޮފީހުގައި ނަގާފައިވާ ގައުމީ ދިދަ ފުލުހުން ބާލާފައިވާއިރު، ގައުމީ ދިދަ އެ އޮފީހުގައި ނުނެގޭނެ ކަމަށް ކުރިންވެސް ފުލުުުހުން ވަނީ އަންގާފައެވެ.
ފުލުހުންގެ އިދާރާއިން ބުނީ ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ނަގާފައިވާ ދިދަ ބޭލުވީ ގައުމީ ދިދަ ބޭނުންކުރުމުގެ އުސޫލެއް ހޯމް މިނިސްޓްރީން އެކުލަވާލާފައިވާތީ، އެ އުސޫލު ތަންފީޒު ކުރުމުގެ ގޮތުން ކަމަށެވެ.
ދިވެހި ގައުމީ ދިދަ ބޭނުންކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ހައްގެއް ކަމަށާ، އިހުތިރާމާއިއެކު ގައުމީ ދިދަ ބޭނުންކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ހައްގެއް ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
"ދިވެހި ގައުމީ ދިދަ ބޭނުންކުރުމުގެ އައު އުސޫލު"ގެ ދަށުން ގަައުމީ ދިދަ ނެގޭނެ ތަންތަނާއި، ގައުމީ ދިދަ ބޭނުންކުރެވޭނެ އުސޫލުތައް ވަނީ އެކުލަވާލާފައެވެ. އެކަމަކު ގައުމީ ދިދައާއި ބެހޭ ގާނޫނެއް ނެތި އުސޫލެއް ނުހެދޭނެ ކަމަށާ، އެއީ ބާތިލް އުސޫލްތަކެއް ކަމަށް ގާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ