މަސީހުގެ ވޯޓާއި ގުޅިގެން މެންބަރުނަށް ބިރެެއް ނުދެއްކޭނެ: މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން މެންބަރުނަށް ބިރު ނުދެއްކޭނެކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކްފާނު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ވޯޓް ދެއްވުމަކީ މެންބަރުނަށް އޮތް ހައްގެއްކަމަށެވެ. އަދި އެކަމާއި ގުޅިގެން މަޖިލީސް މެންބަރުނަށް ބިރު ނުދެއްކޭނެކަމަށް މައުމޫން ވިދާޅުވިއެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން މެންބަރުނަށް ބިރު ނުދެއްކޭނެކަމަށް ރައީސް މައުމޫން ވިދާޅުވިއިރު، މަސީހުގެ ވޯޓާއި ގުޅިގެން މެންބަރުނަށް ބިރު ދެއްކުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމަށް ގިނަ މެންބަރުން ގެންދަަވަނީ ވިދާޅުވަމުންނެވެ.
އަދި މަސީހާއި ދެކޮޅަށް ވޯޓް ދެއްވައިފިނަމަ އެ މެންބަރަކަށް ގެއްލުމާއި ކުރިމަތިވާނެކަމަށް ވިދާޅުވެ ޕީޕީއެމްގެ ރައީސް ޔާމީނަށް ތާއީދު ކުރާ ބައެއް މެންބަރުން ގެންދަވަނީ އިދިކޮޅު މެންބަރުނަށް އިންޒާރުވެސް ދެއްވަމުންނެވެ.
ރައީސް ޔާމީންގެ ފެކްޝަނުން ބުދަ ދުވަހު ބޭއްވި ޖަލްސާއެއްގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވުމަށްފަހު މިހާރު އިންތިހާބުވީ ހައިސިއްޔަތު ބަދަލުކޮށްފައިވާ ދަގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވަނީ ހޫނު ފެނުގައި އަތްލާން ބޭނުމިއްޔާ މަސީހު ވަކިކުރަން ވޯޓުލާންވީކަމަށް ވިދާޅުވެ މެންބަރުނަށް އިންޒާރު ދެއްވާފައެވެ.
މަސީހާ ދެކޮޅަށް ވޯޓު ދޭ މެމްބަރުންގެ ފައިމައްޗަށް ހޫނުފެން އެޅުމުން ތަދުވެގެން މެސެޖެއްކޮށް، "ސޮރީއޭ" ބުންޏަސް ގަބޫލެއް ނުކުރެވޭނެ ކަމަށާއި އޭރުން ބުނެވެން އޮންނާނީ "ނޯ" ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ