ރިޔާސީ އިންތިހާބު 2008: ޑީއާރުޕީން މަސް މާރުކޭޓުގައި ބާއްވަން އުޅުނު ބައްދަލުވުމުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދު ހޯދުމުގެ ގޮތުން މަސްވެރިންގެ ބަޔަކު އިންތިޒާމްކޮށްގެން މާލޭ ރޯމަސްމާރުކޭޓުގައި ރޭ ބައްދަލުވުމެއް ބާއްވަން އުޅުމުން، އެކަމާ ދެކޮޅު ހެދި އެމްޑީޕީ ބަޔަކާއި ޑީއާރުޕީ ބަޔަކާ ދެމެދު ހިނގި ހަމަނުޖެހުމަކާ ގުޅިގެން އެކަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އިއްޔެ އިރާކޮޅު މަސްމާރުކޭޓް ސަރަހައްދުގައި ދެ ޕާޓީގެ މީހުންގެ މެދުގައި ހިނގި މި ހަމަނުޖެހުން ކޮންޓްރޯލްކުރުމުގެ ތެރޭގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް ހައްޔަރުކުރީ އެކަކު ކަމަށެވެ. އެހެން ނަމަވެސް އެ ހަމަނުޖެހުން ހިނގި ސަބަބަކާއި އެ މީހާ ހައްޔަރުކުރި ސަބަބެއް ފުލުހުންގެ އޮފިޝަލް ވިދާޅެއްނުވެ އެވެ.
ރޭގެ 30: 9 ގައި އޮތް މި ބައްދަލުވުމަށްޓަކައި މަސްމާރުކޭޓު ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ މީހުން ބުނި ގޮތުގައި އެމްޑީޕީގެ ބައެއް މީހުންނާ ދެމެދު ހަމަނުޖެހުން ހިނގީ، އެ ތަނުގައި އެލުވާފައި ހުރި ޑީއާރުޕީގެ ފުއްޕާހަންތަކާއި ދަމާފައި ހުރި އެހެން އެއްޗެހިއްސަށް އެމްޑީޕީއަށް ތާއީދުކުރާ ބައެއް މީހުން ގެއްލުންދޭން ފެށުމުންނެވެ.
"ހީވާ ގޮތުން އެއީ އެމްޑީޕީން ބޭއްވި ލޮރީބުރު ނިންމާފައި އައި ބައެއް. އަހަރެމެން މި ތަން ތައްޔާރުކުރަން ތިއްބާ އެ މީހުން ކުއްލިއަކަށް އައިސް ޒުވާބުކޮށްފައި ބުނީ މިކަން ހުއްޓާލާށޭ. އެކަމަކު އަހަރެމެން އެކަމާ ދެކޮޅު ހެދުމުން (މާރުކޭޓުގައި) އެލުވާފައި ހުރި ފުއްޕާހަންތައް ފަޅާލައި އަހަރެމެން ގެންގުޅުނު އެއްޗިއްސަށް ގެއްލުންދޭން ފެށީ. އެ މީހުންގެ ފޮތިގަނޑެއް ވެސް އައިސް މި ތަނުގައި ދެމި. އެހެން ހެދީމަ އަހަރެމެންގެ ވެސް ލޭ ކެކި ރުޅި އައީ،" ޑީއާރުޕީގެ ބައްދަލުވުމަށް މަސްމާރުކޭޓް ތައްޔާރުކުރުމަށް ހަރަކާތްތެރިވި ޒުވާނަކު ރޭ ބުންޏެވެ.
ޑީއާރުޕީއާ އެމްޑީޕީގެ ބައެއް މީހުންގެ ދެމެދުގައި ހަމަނުޖެހުން ހިނގަން ފެށިތާ މާ ގިނައިރުތަކެއް ނުވަނީސް ފުލުހުން ގޮސް ދެބައި މީހުން ކޮންޓްރޯލްކުރެވޭތޯ ބެލި އެވެ. އެހެން ނަމަވެސް އެ ސަރަހައްދަށް އިތުރު ބަޔަކު ޖަމާވެ، ގޮވަމުންދިޔައީ މަސްމާރުކޭޓަކީ ސަރުކާރުގެ އިމާރާތެއް ކަމަށާއި ޑީއާރުޕީގެ ބައްދަލުވުން އިންތިޒާމްކުރަން ތިބި އެންމެން އެތަނުން ނެރުމަށެވެ. އެމްޑީޕީ ނުވަތަ އިއްތިހާދަށް ތާއީދުކުރާ މީހުން އެހެން ގޮވަމުންދިޔަ ނަމަވެސް ފުލުހުން މަސައްކަތް ކުރަމުންދިޔައީ ދެބައި މީހުން ދުރުކޮށް، އެ ސަރަހައްދަށް އެއްވެ ތިބި އެމްޑީޕީ އަށް ތާއީދުކުރާ މީހުން ފޮނުވާލުމަށެވެ. އަދި މީހުން ފޮނުވާލުމުގެ ތެރޭގައި ގަދަހެދި ބައެއް މީހުން ވަގުތުން ބިޑި އަޅުވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު ވެސް ފެނިފައި ވެ އެވެ. ޑީއާރުޕީ އާއި އެމްޑީޕީއަށް ތާއީދުކުރާ މި މީހުން ކޮންޓްރޯލް ކުރުމުގެ ތެރޭގައި ދެ ބައި މީހުން ބަހުގެ ހަމަލަތައް ވެސް ބަދަލުކުރި އެވެ. އެމްޑީޕީއަށް ތާއީދުކުރާ މީހުން މަސްމާރުކޭޓް ސަރަހައްދު ދޫކޮށް ދިޔައީ "އިސްލާހަށް މަސައްކަތްކުރާ މީހުން މި ސަރަހައްދު ދޫކޮށް ވަޑައިގަންނަވާ" މިހެން އެމްޑީޕީއަށް ތާއީދުކުރާ މީހަކު އަޑުގަދަކުރާއަކުން ގޮވަން ފެށުމުންނެވެ.
ދެ ޕާޓީގެ ބައެއް މީހުންގެ މި ކުރިމަތިލުމަށްފަހު، ޑީއާރުޕީން ވަނީ މަސްވެރިންނާއެކު މަސްމާރުކޭޓުގައި ބައްދަލުވުން ރޭ ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ރައީސް މައުމޫނާއި އެ ޕާޓީގެ އެހެން ބޭފުޅުން ވާހަކަ ދައްކަވަމުން ގެންދިޔަ ނަމަވެސް، މާރުކޭޓާ އިންވެގެން ހުންނަ އިމާރާތެއްގައި ހަދާފައިވާ އެމްޑީޕީގެ ޖަގަހައަކުން، ރޭ ބޭއްވި އަދާލަތު ޕާޓީގެ ޖަލްސާ ވަގުތުން ސްކްރީނަކުން ދައްކަމުންދިޔަ އެވެ. އަދި އޭގެ ސަބަބުން ޑީއާރުޕީއަށް ތާއީދުކުރާ މީހުން ދައްކަމުންދިޔަ ވާހަކަތަކެއް ވެސް އަދި އަދާލަތު ޕާޓީގެ ޖަލްސާގައި ކިޔާ އެއްޗެއް ވެސް ރަނގަޅަށް ސާފުވާވަރެއްނުވެ އެވެ.
މަސްވެރިންގެ ބަޔަކު އިންތިޒާމްކޮށްގެން ރޭ ބޭއްވި މި ބައްދަލުވުމުގައި މައުމޫން ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އަށް ބަހުގެ ހަމަލަތަކެއް ވެސް ދެއްވައިފަ އެވެ. މައުމޫން ވިދާޅުވީ އެމްޑީޕީން މިހާރު އަމަލުކުރަމުންދާ ގޮތުން އެނގެނީ އެ ޕާޓީ ބަލިވެއްޖެ ކަމަށެވެ. އަދި ވެރިކަން ކުރުމުގެ ގާބިލްކަމެއް އަންނިގެ ކިބައިގައި ނެތް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މަސްމާރުކޭޓުގައި ރޭ ޑީއާރުޕީގެ ބައްދަލުވުން ބޭއްވިއިރު ފުލުހުން އެ ސަރަހައްދު ވަރަށް ގަދައަށް ބަލަހައްޓަމުން ގެންދިޔަ އެވެ. އަދި މަސްމާރުކޭޓުގައި ސިފައިން ވެސް ހަރަކާތްތެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ