އެންމެ ހެޔޮ އެގުގައި މުދާ ހުންނަ ފިހާރަތައް ދެނެގަންނަން އެހީއަކަށް މިނިސްޓްރީން ''އަގުމަގު'' އެޕް
އެންމެ އަގުހެޔޮކޮށް މުދާ ލިބޭނެ ފިހާރަތައް ދައްކުވައިދޭ ޕޯޓަލްއެއް 'އަގުމަގު'ގެ ނަމުގައި ތައާރަފު ކުރުމަށްފަހު، އެކަމަށް ޚާއްސަ އެޕްލިކޭޝަނެއް ވެސް އިކޮނޮމިކް މިނިސްޓްރީން ތައާރަފުކޮށްފިއެވެ. އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު 'އަގުމަގު' ޕޯޓަލް މިދިޔަ އަހަރު އިފުތިތާހުކޮށްދެއްވީ، އެ އަހަރުގެ ރޯދަމަހާ ދިމާކޮށް ފެބުރުވަރީ 28ގައެވެ. އެއަށްފަހު، މިއަދު މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އަގުމަގު އެޕް ވެސް މިހާރު ޕްލޭސްޓޯރާއި އެޕަލް ސްޓޯރުން ޑައުންލޯޑް ކުރެވޭނެ ކަމަށް ބުނެފައެވެ. އެއީ، އެންމެ ހެޔޮ އެގުގައި މުދާ ހުންނަ ފިހާރަތައް ދެނެގަނެ، ފަސޭހަކަމާއެކު ތަކެތީގެ އަގުތައް ބަލައި، އަގުތަކަށް އަންނަ ބަދަލުތައް ދައްކުވައިދޭނެ އެޕެއްގެ ގޮތުގައި މިނިސްޓްރީން ވަނީ ސިފަކޮށްފައެވެ. https://x.com/MoEDmv/status/2077427385348354052 އިކޮނޮމިކް މިނިސްޓްރީން ހިއްސާކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަކެތި އެންމެ އަގުހެޔޮ ލިބެން ހުރި ފިހާރަތައް އެ އެޕުން ފެންނަން ހުންނާނެއެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ ނެޕީ ފަދަ ތަކެއްޗާއި ކާބޯތަކެތި ވެސް ހިމެނޭނެއެވެ. އަދި އެ އެޕުން، އެކި ފިހާރަތަކުގައި ތަކެތި ވިއްކާ އެންމެ ހެޔޮ އަގާއި އެވަރެޖު އަގާއި އެންމެ ބޮޑު އަގު ވެސް ދައްކުވައިދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ހަމައެއާއެކު، އެކި ރަށްރަށުގައި މުދާ ލިބެން ހުންނަ އަގުތައް ބަލައި، ގަންނަން ބޭނުންވާ ތަކެތީގެ ލިސްޓެއް ވެސް ހެދޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. https://sun.mv/224595 މުދަލުގެ އެންމެ ހެޔޮ އަގުތައް ދައްކުވައިދޭ އެޕެއް އިކޮނޮމިކް މިނިސްޓްރީން ނެރެފައިވަނީ، ތަކެތީގެ އަގު އުފުލުމުގެ ކަންބޮޑުވުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ކާބޯތަކެތީގެ އަގު ހިމެނޭ ގޮތަށް، އަސާސީ ތަކެތީގެ އަގު މަހުން މަހަށް އުފުލެމުން އަންނަކަން ތަފާސްހިސާބުން ވެސް ދައްކައެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ދިގު ދެމިގެން ދިޔުމުން، މި އަހަރުގެ ބާކީ މަސްތަކުގައި ތަކެތީގެ އަގު އިތުރަށް އުފުލޭނެ ކަމަށް އިދާރާތަކުން ވަނީ ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ