ދިވެހި ތަރިކައިގެ "ސިގްނޭޗަރ ރިސާރޗް" ސްކޮލަރޝިޕަށް އެދި ހުށަހެޅުމަށް ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ، މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިންނެވެ.
ދިވެހި ތަރިކައަށް ޚާއްސަ ސިފަތައް ހޯދައި ދެނެގަތުމަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ "ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް" ފުރުސަތުތަކަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މާސްޓަރސް ޑިގްރީއެއް ހާސިލުކުރެވޭ ގޮތަށް، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ސްޕޮންސަރ ކުރާ ރިސާރޗް މަސައްކަތް ކުރުމުގެ ފުރުސަތުތަކެކެވެ. މި ސްކޮލަރޝިޕަކީ ދިވެހި ތަރިކައިގެ ޢިލްމު އުފެއްދުމާއެކު، ޤާބިލު ތަރިކަވެރިންތަކެއް އުފެއްދުމުގެ މަޤުޞަދުގައި ހިންގާ މަޝްރޫއެކެވެ.
މި ސްކޮލަރޝިޕް ފުރިހަމަ ކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ "މާސްޓަރ އިން ރިސާރޗް އެންޑް ޕަބްލިކޭޝަންސް" ސަނަދު ހާސިލު ކުރެވޭނެއެވެ. މި ސްކޮލަރޝިޕުގެ ދަށުން ހިންގާ ރިސާރޗް މަސައްކަތްތަކުގެ މުއްދަތަކީ، 2 އަހަރު ދުވަހެވެ. ރިސާރޗް މަސައްކަތުގައި ކޮންމެ މަހަކު އެއްފަހަރު ދިވެހި ތަރިކަ ދިރާސާ ކުރާ ޤައުމީ މަރުކަޒުގައި ދާއިރާގެ މަސައްކަތްކުރަން ޖެހޭނެއެވެ.
ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ވިދާޅުވީ، މި ސްކޮލަރޝިޕުގައި ދިރާސާ ކުރާ މައުޟޫޢު ކަނޑައަޅާނީ އެ މަރުކަޒުން ކަމަށެވެ. މި ސްކޮލަރޝިޕުގައި ބައިވެރިވާ ފަރާތްތަކަށް ތަރިކައިގެ ދާއިރާގެ ކޮންމެވެސް އެއް ފަންނެއް ދަސްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވިއެވެ. އަދި ތަރިކައިގެ ދާއިރާގެ ޢިލްމީ އަދި ދިރާސީ ފޮތްތައް ޝާއިޢު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވިއެވެ. މި ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކަށް ސްކޮލަރޝިޕާ ގުޅޭ މައުލޫމާތު ދިނުމުގެ ދަންފަޅިއެއް ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން އިންތިޒާމު ކުރާނެ ކަމަށް ވިދާޅުވިއެވެ.
މި ސްކޮލަރޝިޕުގައި ބައިވެރިވާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ މަސްއޫލިއްޔަތުތަކަށް ބަލާއިރު، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން އެ ކެންޑިޑޭޓަކަށް ކަނޑައަޅާފައިވާ މައުޟޫއާ ގުޅޭ ދާއިރާއިން ކޯހުގެ މުއްދަތުގައި، ކޮންމެ މަހަކު 1 ދިރާސާ ކަރުދާސް ތައްޔާރުކޮށް ޝާއިޢު ކުރުމާއި ކޮންމެ ކެނޑިޑޭޓަކު، އެ ކެންޑިޑޭޓަކު ދިރާސާކުރާ ދާއިރާއިން މައިގަނޑު 1 ފޮތް ދިވެހިބަހަށް ތަރުޖަމާކުރުމުގެ އިތުރުމް ދިވެހިރާއްޖެއާ ގުޅޭގޮތުގެ ކޮމެންޓްރީއެއް ތައްޔާރުކުރުން ހިމެނެއެވެ. މީގެ އިތުރުން ކޯސް ފުރިހަމަ ކުރުމަށްފަހު 2 އަހަރު ދުވަހުގެ މުއްދަތަށް ދިވެހި ތަރިކައިގެ ދާއިރާއަށް ޚިދުމަތްކުރަން ޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ތަރިކަ ދިރާސާ ކުރުމުގެ ދާއިރާއިން ދޭ "ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް" މިދިޔަ އަހަރު 40 މީހުންނަށް ވަނީ ދީފައެެވެ. ދިވެހި ޤައުމިއްޔަތު އިއާދަކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދެވެ.
ދިވެހި ތަރިކައިގެ ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ