ދެ ކުންފުންޏެއް ގުޅިގެން ޕޭޕަލް ގަންނަނީ

ޒަމާނީ ޑިޖިޓަލް ޕޭމަންޓް ދުނިޔެއަށް ތައާރަފްކުރުމުގެ ޝަރަފް އޮތް ޕޭޕަލް ކުންފުނި ގަތުމަށް، ޕޭމަންޓް ކުންފުނި ސްޓްރައިޕް އާއި ޕްރައިވެޓް އީކުއިޓީ ގްރޫޕެއް ކަމަށްވާ އެޑްވެންޓް އިންޓަނޭޝަނަލް ގުޅިގެން ހުށަހަޅާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރުމާ އެކު ވޯލް ސްޓްރީޓްގައި ޕޭޕަލްގެ ހިއްސާގެ އަގު 13 ޕަސެންޓަށް އުފުލިއްޖެ އެވެ. 
އެމެރިކާގެ މީޑިއާތަކުން ބުނާގޮތުގައި، މި ހުށަހެޅުމުގައި ޕޭޕަލްގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ ގާތްގަނޑަކަށް 53 ބިލިއަން އެމެރިކާ ޑޮލަރެވެ. އެއީ ހިއްސާއަކަށް 60.50 ޑޮލަރެވެ. މިއީ އަންގާރަ ދުވަހު މާކެޓް ބަންދުވިއިރު ހުރި އަގަށްވުރެ 28 ޕަސެންޓަށް އިތުރު އަދަދެކެވެ. 
މި ހުށަހެޅުން ހުށަހެޅި ނަމަވެސް، މިއީ ވޭތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ޕޭޕަލްގެ ހިއްސާގެ އަގަށް އައި ބޮޑު ހީނަރުކަމުގެ ކުރިން އެ ކުންފުނީގެ ހިއްސާ މާކެޓުގައި ވިކެމުންދިޔަ އަގަށްވުރެ މާ ދަށް އަދަދެކެވެ.
މި މުއާމަލާތް ވެގެންދާނީ ފިންޓެކް ދާއިރާގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އެއް ވިޔަފާރި މުއާމަލާތަށެވެ. މީގެ ސަބަބުން، އޮންލައިން ވިޔަފާރިތަކުން ފުޅާދާއިރާއެއްގައި ބޭނުންކުރާ ސްޓްރައިޕްގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ އާއި ޕޭޕަލްގެ ބޮޑު ކަސްޓަމާ ބޭސް އެއްވާނެ އެވެ.
އަޔަލެންޑުގެ ދެބެއިން ކަމަށްވާ ޕެޓްރިކް އަދި ޖޯން ކޮލިސަން 2010 ވަނަ އަހަރު އުފެއްދި ސްޓްރައިޕް އަކީ ސިލިކަން ވެލީގެ އެންމެ އަގުބޮޑު އަމިއްލަ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެވެ. އެންމެ ފަހުގެ ހިސާބުތަކުން ދައްކާގޮތުގައި އެ ކުންފުނީގެ އަގު އުޅެނީ 159 ބިލިއަން ޑޮލަރުގަ އެވެ.
ސްޓްރައިޕްގެ ސީއީއޯ އަދި ރައީސްގެ މަގާމުގައި ތިއްބެވި ކޮލިސަންގެ ދެބެއިން، އެ ކުންފުނި ޕަބްލިކް ކުންފުންޏަކަށް ހެދުމަށް (އާންމުންނަށް ހިއްސާ ވިއްކުމަށް) އަބަދުވެސް ދެކޮޅުހައްދަވަ އެވެ.
ޕޭޕަލް އުފެއްދީ 1990 ގެ އަހަރުތަކުގެ ފަހުކޮޅުގަ އެވެ. އޭގެ ބާނީންގެ ތެރޭގައި ބިލިއަނަރު އިންވެސްޓަރު ޕީޓާ ތިއެލް ހިމެނޭއިރު، އީލޮން މަސްކް މި ކުންފުންޏާ ގުޅުނީ އޭނާގެ އަމިއްލަ ސްޓާޓްއަޕް އެއް ކަމަށްވާ 'X.com' ޕޭޕަލްއާ އެއްކޮށްލުމުންނެވެ.
މި ކުންފުނީގެ ކުރީގެ އިސް ވެރިން ސިލިކަން ވެލީގައި މަޝްހޫރުވެފައިވަނީ "ޕޭޕަލް މާފިއާ" ގެ ނަމުންނެވެ. މި ގްރޫޕުގެ ބޭފުޅުން ވަނީ ފަހުން ޓެސްލާ، ސްޕޭސްއެކްސް، ލިންކްޑްއިން، ޔޫޓިއުބް އަދި ޕެލަންޓިއާ ފަދަ ދުނިޔޭގެ ނުފޫޒުގަދަ ކުންފުނިތައް އުފައްދަވައި ނުވަތަ ހިންގަވައިފަ އެވެ.
ނަމަވެސް، ފަހަކަށް އައިސް އެޕަލް ޕޭ އާއި ގޫގުލް ޕޭ ފަދަ ވާދަވެރި ހިދުމަތްތަކާ ފައިތިލަ ހަމަކުރުމުގައި ޕޭޕަލްއަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.
ޕޭޕަލްގެ މާކެޓް އަގު 2021 ވަނަ އަހަރު 360 ބިލިއަން ޑޮލަރާ ގާތްކުރި ނަމަވެސް، ފަހުން އެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. އަދި މި އަހަރު ފެށުމާ އެކު އެ ކުންފުނިން ވަނީ ލިބޭނެ ކަމަށް ލަފާކުރާ ފައިދާގެ މިންވަރު ދަށްވާނެ ކަމަށް ބުނެ ރިޕޯޓް ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ