ސިވިލް ކޯޓުގެ އިސް ގާޒީ ޑްރަގް ކޯޓަށް ބަދަލުކޮށްފި

ސިވިލް ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އަލީ ރަޝީދު ޑްރަގް ކޯޓަށް ބަދަލުކޮށްފި އެވެ. "ހަވީރަ"ށް އެނގިފައިވާ ގޮތުގައި އަލީ ރަޝީދު ޑްރަގް ކޯޓަށް ބަދަލުކުރީ އޭނާގެ އެދިވަޑައިގަތުމަކަށެވެ އޭނާ އެ ކޯޓަށް ބަދަލުކުރި އިރު ޑްރަގް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު ވަނީ ސިވިލް ކޯޓަށް ބަދަލުކޮށްފަ އެވެ. އަލީ ރަޝީދު ވަނީ މީގެ ކުރިން ކްރިމިނަލް ކޯޓުގައި ވެސް ގާޒީކަން ކުރައްވައިފަ އެވެ. ޑްރަގް ކޯޓަށް ބަދަލުވުމަށް އަލީ ރަޝީދު އެދިވަޑައިގެންނެވީ ކީއްވެގެން ކަމެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އޮފިޝަލަކު ވިދާޅުވީ އެ ކަމާ ބެހޭ ގޮތުން މި ވަގުތު މީޑިއާއާ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި ކޮމިޝަނުން ފަހުން ބަޔާނެއް ނެރޭނެ ކަމަށެވެ. ސިވިލް ކޯޓާއި ޑްރަގް ކޯޓުގެ ގާޒީ ބަދަލުކުރި އިރު ޖޭއެސްސީން މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ސިވިލް ކޯޓަށް އިތުރު ހަތަރު ފަނޑިޔާރަކު ހަމަޖައްސާފަ އެވެ. ސިވިލް ކޯޓުގެ ހިންގުމަށް ވަރަށް ބޮޑު ބަދަލުތަކެއް ވެސް ސުޕްރީމް ކޯޓުން މިހާރު ވަނީ ގެނެސްފަ އެވެ. އެ ކޯޓު މިހާރު ހިންގަނީ ސެކްޝަންތަކަކަށް ބަހާލައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ