ހައި ސްކޫލުން ދަތުރުދިޔަ ދަރިވަރުންތަކެއް ކަނޑުމަތިން ހާލު ދެރަވަގެން ފޭދޫއަށް ގެންގޮސްފި

ފީލްޑް ދަތުރެއްގައި ގއ. ކޫއްޑޫއަށް ދިޔަ ދިއުމަށްފަހު ގދ. ވާދޫއިން ފުރައިގެން ސ. ހިތަދޫއަށް ދަތުރުކުރި ބޯޓެއްގައި ތިބި އައްޑޫ ހައި ސްކޫލްގެ ދަރިވަރުންތަކެއްގެ ހާލު ދެރަވެގެން ކޯސްޓްގާޑް ސ. ފޭދޫއަށް ގެންގޮސް ފަރުވާ ދީފި އެވެ.
އެމްއެންޑީއެފުން ބުނީ މިރޭ 8:45 އެހާކަންހާއިރު ފޭދޫއަށް ގެންގޮސް ދިނީ ކޫއްޑޫއަށް ފީލްޑް ޓްރިޕެއްގައި ދިޔަ ކުދިންތަކެއް ކަނޑު ބޯޓެއްގައި ހިތަދޫއަށް ދަތުރު ކުރި މަގުމަތީގައި ބައެއް ދަރިވަރުންގެ ހާލު ދެރަވެގެން ކަމަށެވެ.
މިރޭ ގެ ހާދިސީ އައީ ދަރިވަރުން ފީލްޑް ޓްރިޕް ނިންމާލުމަށްފަހު ބެލެނިވެރިންނާއި ޓީޗަރުން ބޯޓުގައި ކޫއްޑޫއިން ފުރައިގެން ގޮސް ގދ. ވާދޫ ބަނދަރުގައި މަޑުކުރުމަށްފަހު ހިތަދޫއަށް ދަތުރުކުރަމުންދިޔަ މަގުމަތީގަ އެވެ. ފުރުސަތު ނަމަކަށް ކިޔާ ބޯޓުން 147 ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިންނާއެކު 200 މީހުން ދަތުރު ކުރި އިރު އޭގެ ތެރެއިން ހަތް ކުއްޖަކު ފިޓްޖެހި ނޭވާ ހާސްވެ އަކުނިވަޔަށް ދަމަން ފެށުމުން ކޯސްޓްގާޑުގެ އެހީ ހޯދީ ބޯޓުން އެމްއެންޑީއެފާ ގުޅައިގެނެވެ. ބައެއް ކުދިން ބޯ އަނބުރާ ހޮޑުވެސް ލާފައި ވެއެވެ.
ހާލުދެރަވި ހަތްކުދިންނާއި އެކުދިންގެ އެހީތެރިން ފޭދޫއަށް ގެންދިޔައީ އައްޑު އަތޮޅާއި ފަސް މޭލު ބޭރުން ދަތުރު ކުރަނިކޮށެވެ. މިދަތުރުގައި ބައިވެރިވެފައިވަނީ ހައި ސްކޫލްގެ ބިޒްނަސް ސްޓްރީމްގެ ދަރިވަރުންގެ އިތުރުން ސައިންސް ސްޓްރީމްގެ ދަރިވަރުންގެ ތެރެއިން ބައިލޮޖީ ކިޔަވާ ދަރިވަރުންނެވެ.
ހިތަދޫ ރީޖިނަލް ހޮސްޕިޓަލުން ބުނީ ސިފައިންގެ އެހީތެރިކަމާއެކު ފޭދޫ ސިއްހީ މަރުކަޒަށް ގެންދިޔަ 12 ކުދިންގެ ހާލު ސީރިއަސް ނޫން ކަމަށާއި އޭގެ ތެރެއިން ބައެއް ކުދިން ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް ބޯޓްގައި ދަތުރު ކުރަމުން ދިޔައިރު އެ ކުދިންގެ ހާލު ވަރަށް ސީރިއަސްވި ކަމަށާއި ފޭދޫ ސިއްހީ މަޒުކަޒުގައި މިވަގުތު ވެސް ތިން ކުއްޖަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
ދެހާސް އެގާރަ ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ހިރިޔާ ސްކޫލްގެ ދަރިވަރުންތަކެއް ފިޝަރީޒް ސައެންސް ފީލްޑް ޓްރިޕަކަށް ކ. ހުރާ ގޮސް އުޅެނިކޮށް ހުރާ ކޭމްޕްގެ ފުންގަނޑަށް ގެނބި ދަރިވަރުންގެ ތެރެއިން ހަތަރު ކުދިން މަރުވެ، ޕްރިންސިޕަލް ވެސް ވަނީ އަވަހާރަވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ