ނަޝީދު ޖަލަށް ގެންދިޔަ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން ޖަލަށް ގެންދިޔައީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ. ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ނަޝީދު ދެ މަހަށް ވުރެ ގިނަ ދުވަހު ގޭ ބަންދުގައި ބެހެއްޓުމަށް ފަހު ކަރެކްޝަނަލް ސާވިސުން ރޭ ވަނީ ކުއްލި ގޮތަކަށް އަލުން މާފުށީ ޖަލަށް ގެންގޮސްފަ އެވެ. ނަޝީދު އަލުން ޖަލަށް ގެންދިޔައީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ނިންމީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ކޯޓުން ބުނީ ނަޝީދަކީ އެ ކޯޓުގެ ގަޒިއްޔާއަކުން 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ބޭފުޅަކަށް ވާތީ ޖަލު ހުކުމްތައް ތަންފީޒުކުރުމަކީ ކަރެކްޝަނަލް ސާވިސްގެ ޒިންމާއެއް ކަމަށް ވާތީ ކަމަށެވެ. އެހެންވެ އެއީ ކޯޓުތަކުގެ ގާނޫނުގެ ދަށުން ބަލައިގަނެވޭނެ މައްސަލައެއް ނޫން ކަމަށް ވަނީ ނިންމައިފަ އެވެ. ނަޝީދު އަލުން ޖަލަށް ގެންދިޔައީ އެމަނިކުފާނުގެ ޖަލު ހުކުމުގެ ބާކީ އޮތް މުއްދަތު އެއްކޮށް ގޭގައި ތަންފީޒުކުރާ ގޮތަށް ހަމަޖައްސައި، އެކަމުގެ ލިޔުން ސަރުކާރުން ދިން ފަހުން ކަމަށް ނަޝީދުގެ ވަކީލުން ދަނީ ބުނަމުންނެވެ. ނަމަވެސް ކަރެކްޝަނަލް ސާވިސުން ބުނަނީ އެފަދަ ލިޔުމެއް ދީފައި ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ