ފުލުސް މީހާގެ ގައިގައި ސައިކަލުން "ޖެއްސި" މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ދީފި
ޑިއުޓީގައި ރޭ ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން "ޖައްސައިގެން" އޭނާ މަރުވި މައްސަލައިގެ ތަހުގީގަށް، ސައިކަލް ދުއްވަން އިން މީހާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިރޭ 15 ދުވަހުގެ މުއްދަތު ޖަހައިދީފި އެވެ. ބ. ހިތާދޫ ނަސީމީވިލާ ކޮންސްޓަބަލް މިސްބާހު އަބްދުﷲ މަރުވީ ބާރު ސްޕީޑެއްގައި ދުއްވި ސައިކަލަކުން ޖައްސައިގެން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ހެނދުނު އެވެ. އެ ސައިކަލު ދުއްވަން އިނީ ށ. ފޯކައިދޫ އާރާމުގޭ ހުސެއިން އަފީފެވެ. އޭނާ އަކީ މީގެ ކުރިން ވެސް ފުލުހެއްގެ ގައިގައި ގަސްތުގައި ސައިކަލުން ޖައްސާފައިވާ މީހެއް ކަމަށާއި ރޭ ވެސް އޭނާ މިސްބާހުގެ ގައިގައި ސައިކަލުން ޖެއްސީ ކަމަށް ފުލުހުން ބުނެ އެވެ. ހުސެއިން އަފީފުގެ ބަންދަށް 15 ދުވަސް ކޯޓުން ދިން ނަމަވެސް، ސައިކަލް ފަހަތުގައި އިން ގދ. ތިނަދޫ މާދޫނި ހުސެއިން އަބްދުﷲ ވަނީ ޝަރުތުތަކަކާ އެކު ދޫކޮށްލައިފަ އެވެ. ބޮޑު ފާލަން ކައިރިން ބޮޑުތަކުރުފާނު މަގުގައި ސައިކަލްތަކެއް ޗެކްކުރަމުން ދަނިކޮށް މިސްބާހުގެ ގައިގައި ޖެއްސުމާ އެކު އޭނާ 80 ފޫޓަށް ވުރެ ދުރަށް ވިއްސައިގެން ގޮސް މިސްބާހުގެ ކަރާއި ފައި ވެސް ވަނީ ބިނދިފަ އެވެ. ސައިކަލް ކޮންޓްރޯލް ވީ ޖުމްހޫރީ މައިދާން ތެރޭގައި ހުރި ސިމެންތި ގޮނޑިއެއްގައި ޖެހިގެން ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ