ޤުރުއާން މުބާރާތްތަކުން ވަނަ ހޯދާ މީހުންނަށް ފުރުސަތު ދޭން ރައީސް އޮފީހުން އަންގައިފި

ސަރުކާރުގެ އެކި އިދާރާތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިންތިޒާމްކުރާ ރަސްމިއްޔާތުތަކާއި ޖަލްސާތަކުގައި ޤުރުއާން ކިޔެވުމަށް ކުދިންނާއި މީހުން ހަމަޖައްސާއިރު، ގައުމީ ފެންވަރުގައި ބާއްވާ ޤުރުއާން މުބާރާތްތަކުން މަތީ ވަނަތައް ހޯދާ ފަރާތްތަކަށް އިސްކަން ދީ، އެ ފުރުސަތު ދިނުމަށް ރައީސް އޮފީހުން މިއަދު އަންގައިފި އެވެ. ރައީސް އޮފީހުގެ ދެންނެވުމެއްގައި ބުނީ މިގޮތަށް ހަމަޖެއްސީ ޤުރުއާން ކިޔެވުމުގެ 28 ވަނަ ގައުމީ މުބާރާތުގައި ވާހަކަފުޅު ދައްކަވަމުން އެގޮތަށް އެދިވަޑައިގެންފައި ވާތީ ކަމަށެވެ. އެ ރަސްމިއްޔާތުގައި ރައީސް ވަނީ ރާއްޖޭގެ ރޭޑިއޯ ސްޓޭޝަންތަކާއި ޓީވީ ސްޓޭޝަންތަކުން ވެސް، ޤުރުއާން މުބާރާތްތަކުން ވަނަ ހޯދާ ކުދިންނާއި މީހުންނަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފަ އެވެ. ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށްވުމާއެކު، އެކުދިންނަށާއި މީހުންނަށް ޤުރުއާން ކިޔެވުމުގެ ފުރުސަތު އެކި ޕްރޮގްރާމްތަކުން ލިބޭގޮތަށް މަސައްކަތް ކޮށްދެއްވުމަށް މީޑިއާގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކަށާއި ކަމާބެހޭ އިދާރާތަކަށް ވެސް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ. ރައީސް އޮފީހުން ބުނީ ޤުރުއާން މުބާރާތްތަކުން ވަނަ ހޯދާ ކުދިންނާއި މީހުންނާބެހޭ މައުލޫމާތު ކީރިތި ޤުރުއާނާ ބެހޭ މަރްކަޒުން ލިބެން ހުންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ