އިންޑިއާގައި ހުންނަވާ ސަފީރަކަށް އަހުމަދު މުހައްމަދު އައްޔަންކުރައްވައިފި

ރާއްޖޭން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރަކަށް، ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު މުހައްމަދު (އަންޑޭ) ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަންކުރައްވައިފި އެވެ. އިންޑިއާގައި ހުންނަވާ ދިވެހި ސަފީރަކަށް އަހުމަދު އައްޔަން ކުރުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ އޮކްޓޯބަރު މަހު ފާސްކޮށްފަ އެވެ. ސަފީރު ކަމުގެ ފަތްކޮޅު އަހުމަދު މުހައްމަދާ ރައީސް ޔާމީން މިއަދު ހަވާލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުން އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އަހުމަދު އައްޔަން ކުރެއްވީ މިދިޔަ އޯގަސްޓް މަހު ކުރީކޮޅުގަ އެވެ. ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި އަހުމަދު ވިދާޅުވެފައި ވަނީ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ބަދަލުކުރެއްވީ އޭނާގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. މީގެ އިތުރުން، ރާއްޖޭން ޔޫއޭއީ އަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އަބްދުﷲ ހަމީދު ވެސް ވަނީ މިއަދު އައްޔަންކުރައްވާފަ އެވެ. ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް ހަމީދު މިހާތަނަށް ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރު އެޓް ލާޖު ކަމުގެ މަގާމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ