ކުޅުދުއްފުއްޓަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ އެންމެ ބޮޑު އިންޖީނު ހަލާކުވެއްޖެ

ކުޅުދުއްފުށި ސިޓީއަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ އެންމެ ބޮޑު އިންޖީނުގައި މައްސަލައެއް ޖެހި، ވީހާވެސް މަދުން ކަރަންޓް ބޭނުންކުރުމަށް ފެނަކަ އިން އިލްތިމާސްކޮށްފި އެވެ. މައްސަލަ ޖެހިފައިވަނީ ކުޅުދުއްފުއްޓަށް އެންމެ ފަހުން ގެނައި 1.2 މެގަވޯޓްގެ އިންޖީނުގައި އެވެ. އެ އިންޖީނު ކުޅުދުއްފުއްޓަށް ގެނެސްފައިވަނީ މިހުސްވި ޖޫންމަހުގެ ތެރޭގައި އެވެ.
ފެނަކަ ކުޅުދުއްފުށީ ބުރާންޗުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އިންޖީނަށް މައްސަލަ ދިމާވުމުން އެއް މައްސަލަ ހައްލުކުރެވެންދެން ކޮންމެ ދުވަހަކު 8:30 - 16:00 އާ ދެމެދު އެކި ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓްގެ ހިދުމަތް މެދުކެނޑޭނެ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާކަމަށްވެސް އިއުލާނުގައިވެ އެވެ.
އެހެންވުމުން މި ދުވަސްވަރު ވީހާވެސް މަދު ކަރަންޓް ބޭނުންކުރުމަށް އެފަރާތުން އިލްތިމާސްކުރެ އެވެ. ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކުވެސް ކަރަންޓް އައުމުގެ ކުރިން ބޭނުންކުރައްވާ އިލެކްޓޯނިކް އަދި އިލެކްޓްރިކް ސާމާނު ސްވިޗް އޮފް ކޮށްފައި ބެހެއްޓުމަށް ފެނަކައިން އިލްތިމާސްކުރެ އެވެ. މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެފަރާތުން ވަނީ މާއަފަށް އެދިފަ އެވެ.
މައްސަލަ ކުރިމަތިވި އިންޖީނުގެ އިތުރުން މިހާރު ކުޅުދުއްފުއްޓަށް ކަރަންޓް ފޯރުކޮށްދިނުމަށް 6 އިންޖީނު ދަނީ ބޭނުންކުރަމުންނެވެ. އެއީ 1 މެގަ ވޯޓުގެ ދެ އިންޖީނާއި 800 ކިލޯ ވޯޓުގެ 4 އިންޖީނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ