ހަވީރު ހަތަރަކުން ފެށިގެން ކާފިއު ހިންގަން ނިންމައިފި

މާދަމާއިން ފެށިގެން ހަވީރު 4:00 އިން ފަތިހު 4:00 އަށް މާލެ ސަރަހައްދުގައި ކާފިއު ހިންގަން ނިންމައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ހަފްތާއެއްގެ މުއްދަތަށް މާލެ ސަރަހައްދުގައި ކާފިއު ވަގުތު އިތުރުކުރަން ނިންމާފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި މާދަމާއިން ފެށިގެން ހަވީރު 4:00 ގެ ފަހުން މަގުމަތީގައި ހިނގާ ބިނގާވެ އުޅުމާއި އެއްގަމު އުޅަނދު ދުއްވުންވެސް މަނާވާނެ އެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތް ހޯދާ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިން ހުއްޓައިލަންވެސް އެޗްޕީއޭއިން ވަނީ އަންގައިފަ އެވެ. އެހެންނަމަވެސް ޑެލިވަރީއާއި ޓޭކްއަވޭ ހިދުމަތް ރޭގަނޑު 12 ޖަހަންދެން ދެވޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މާދަމާއިން ފެށީގެން ޑިލިވަރީގެ ހިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ހުއްދަ ދޫކުރާނީ ފުލުހުން ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރަންވެސް އެޗްޕީއޭއިން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ