ހަވީރު 4:00 އިން ފަތިހު 4:00 އަށް މާލެ ސަރަހައްދުގައި ކާފިއު ހިންގަން ނިންމައިފިއެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުން އިތުރުވެ، ކާފިއު ހިންގަން ފެށީ މެންދަމު 12 އިން ފަތިހު 4 އަށެވެ. އެފަހަރު ހަމައެކަނި މަނާކުރީ މާލޭގައި ވެހިކަލް ދުއްވުމެވެ. ނަމަވެސް ފަހުން ގެއިން ބޭރަށް ނުނިކުމެވޭ ގޮތަށް ރޭގަނޑު 9 އިން ފަތިހު 4 އަށް ކާފިއު ހިންގަން ފެށިއެވެ.
ނަމަވެސް އެފަހުންވެސް ކޮވިޑް-19ގެ އަދަދުތައް 600 އިން މައްޗަށް އެރުމަށްފަހު، ކޭސްތައް 700 އިން މައްޗަށް ވެސް އެރިއެވެ. އަދި މިދިޔަ ދެ ދުވަހު އަދަދުތައް އުޅެނީ 1000 އިން މަތީގައެވެ. އެއީ ކުރިން ނެގި ސާމްޕަލްތަކާވެސް އެކުގައެވެ.
އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ، އިތުރަށް ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ. އެގޮތުން ހަވީރު 4 އިން ފަތިހު 4 އަށް ގެއިން ބޭރަށް ނުކުތުން މަނާކޮށްފައިވާ އިރު، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަންވެސް ވަނީ އަންގައިފައެވެ.
އަދި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިން ހުއްޓާލަންވެސް ވަނީ އަންގައިފައެވެ. އެތަންތަނުން މާދަމާ އިން ފެށިގެން ދެވޭނީ ޑެލިވަރީ އަދި ޓޭކްއަވޭ ހިދުމަތް އެކަންޏެވެ.
އެޗްޕީއޭ އިން ބުނީ، ޑެލިވަރީގެ ހިދުމަތްވެސް ޕޮލިސް ޕާމިޓާއެކު ދެވޭނީ މެންދަަމު 12 އާ ހަމައަށް ކަމަށެވެ. އަދި ގައިޑްލައިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑި އިރަށް ބަންދު ކުރާނެ ކަމަށް ބުންޏެވެ.
މި ފިޔަވަޅުތަކުގެ އިތުރުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިންނަށް ޓޫރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަންވެސް ވަނީ ނިންމައިފައެވެ. މިހާރުވެސް ދެކުނު އޭޝިއާގެ މަސައްކަތްތެރިން ރާއްޖެ އެތެރެވުން އޮތީ މަނާކޮށްފައެވެ.
ހަވީރު 4 އިން ފަތިހު 4 އަށް ގެއިން ބޭރަށް ނުކުތުން މަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ