ވަނުއާޓޫ ރަށެއްގެ ރައްޔިތުން ލޮނު ފެން ބޯން ޖެހިފަ

ތޫފާން ސައިކްލޯން ޕާމް ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރެއިން އެއް ގައުމު ކަމަށްވާ ވަނުއާޓޫގެ ބައެއް ރަށްްރަށަށް އަރާ ފުނޑު ފުނޑު ކޮށްލާފައި ދިޔައިރު އެއްރަށެއްގެ މީހުން ލޮނުފެން ބޯން ޖެހިއްޖެއެވެ.
ލޮނު ބުއިމަކީ ސިއްހަތަށް ގެއްލުންވެ މީހާ މަރުވުމަށް މަގުފަހި ކުރުވާ ކަމަކަށް ވިޔަސް ވެރިރަށް ޕޯޓް ވިލާ އާއި ދުރުގައި އެކަހެރިކޮށް އޮންނަ ރަށްރަށަށް ސާފު ބޯފެނާއި ކާނާ ހިފައިގެން ދާ އެހީގެ ޖަމާއަތްތަކަށް ފެން ބޮޑުވުމުގެ ސަބަބުން މަތިންދާ ބޯޓު ޖެއްސޭ ގޮތް ނުވެފައެވެ.
ބީބީސީން ބުނި ގޮތުގައި މޯސޯގެ ރަށްވެހިން އަދިވެސް ތިބީ ބޭރުގެ އެހީ އަންނާނެ އިރަކަށް އިންތިޒާރުކޮށްގެންނެވެ.
އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުން ބުނާ ގޮތުގައި ވެރި ރަށަށް ވުރެ، އެހެން ރަށްރަށަށް ލިބުނު ގެއްލުން މާ ބޮޑެވެ.
ސައިކްލޯ ޕާމްގެ ސަބަބުން ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަން ސީދާ ބުނަން ނޭނގުނު ކަމުގައިވިޔަސް ވަނުއާޓޫވަނީ ގާތްގަނޑަކަށް ބިމާ ހަމަވެ އަދި އެގައުމުން މިފަހުން ހޯދި އުމްރާނީ ތަރައްގީ ގާތްގަނޑަކަށް ދޮވެވިފައެވެ. ވަނުއާޓޫގެ ރައީސް ވެސް ވަނީ ދުނިޔޭގެ ދީލަތި އެހީއަށް އެދިވަޑައިގެންފައެވެ.
ތޫފާނުގެ ނުރައްކާތެރި ކަމާ އަޅާބަލާއިރު މަރުވި މީހުންގެ އަދަދު މަދުވީ ރައްކާތެރިވުމުގެ ގޮތުން ކުރިން ދިން އިންޒާރު ތަކުގެ ސަބަބުން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މިހާދިސާގައި މަރުވި މީހުން އަދަދަކީ 11 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ