އަބްދުﷲ ދީދީ އާއި ޝުޖާއު އުސްމާން ހައި ކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވައިފި

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ޝުޖާއު އުސްމާން ހައިކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައިފިއެވެ.
އެ ދެ ބޭފުޅުން ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔައީ މިއަދު ހެނދުނު ސުޕްރީމް ކޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައިއެވެ.
އެ ދެ ބޭފުޅުންނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް އާދަމް މުހައްމަދެވެ.
ހައި ކޯޓަށް މި ދެބޭފުޅުން އައްޔަން ކުރައްވާފައިމިވަނީ ހައި ކޯޓްގެ ފަނޑިޔާރު ޔޫސުފް ހުސައިން ރިޓަޔާ ކުރެއްވުމުންނާއި އެ ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފްގެ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައި ވުމުންނެވެ.
އަބްދުﷲ ދީދީ އާއި ޝުޖާއު އުސްމާނަކީ، ޓެރަރިޒަމްގެ ކުށް ސާބިތުވެގެން 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލަ އާއި ބައްލަވާފައިވާ ފަނޑިޔާރުންގެ ބެންޗްގައި ހިމެނިވަޑައިގެންނެވި ދެ ބޭފުޅުންނެވެ.
މީގެއިތުރުން ކުރީގެ ދެ ޑިފެންސް މިނިސްޓަރުން ކަމުގައިވާ މުހައްމަދު ނާޒިމާއި ތޮލްހަތު އިބްރާހިމް ކަލޭފާނާއި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ މައްސަލަ ވެސް މިދެބޭފުޅުން ބައްލަވާފައިވެއެވެ.
ދެ ބޭފުޅުން ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރީ ހައި ކޯޓަށް ފަނޑިޔާރުން ނެގުމާ ބެހޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލި އުސޫލަކީ ރަނގަޅު އުސޫލެއް ކަމަށް މިދިޔަ މަހުގެ ފަހުކޮޅު ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ