ތިމާއަށް ބޭނުން ނުވާ މިންވަރަށް ކާބޯތަކެތި ގަނެ، ރައްކާ ކުރުމުން ދުރުހެލިވޭ: ހުތުބާ

މި ދުވަސްވަރު ކާބޯތަކެތިން އިސްރާފު ކުރުމާއި އެހެން މީހުންގެ މުހުތާދުތަކަށް ބެލުމެއް ނެތި ތިމާއަށް ބޭނުން ނުވާ ވަރަށް ކާބޯތަކެތި ގެނަ ރައްކާކުރުން ފަދަ ކަންކަމުން ދުރުހެލިވުމަށް މިއަދުގެ ހުތުބާގައި ގޮވާލައިފިއެވެ.
އިސްރާފުކުރުމުގެ ނުބައިކަމުގެ މައްޗަށް އަލިއަޅުވާލާ މިއަދު އިއްވި ހުކުރު ހުތުބާގައި ބުނެފައި ވަނީ އިސްރާފަކީ ކޮންމެ ކަމެއްގައި ވެސް ހައްދު ފަހަނަ އަޅައި ދިއުން ކަމަށާއި އެއީ ހަމައެކަނި ކެއިންބުއިމާ ގުޅިފައިވާ ކަމެއް ނޫން ކަމަށެވެ. އަދި އުރެދުންތަކަށް އަރައިގަތުން ގިނަކޮށް ކުފްރުވުމާ ހަމައަށް ހިނގައްޖެ ނަމަ އެއީ ވެސް އިސްރާފު ކުރުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ މުޅި މުޖްތަމައުގެ ރައްކާތެރިކަމަށްޓަކައި ކޮންމެ މީހަކު ވެސް އަދާކުރަން ޖެހޭ ފަރުދީ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށް ސިއްހީ ހިދުމަތްތެރިންގެ އިރުޝާދުތަކަށް ބޯލަނބައި ކިޔަމަންވާން ޖެހޭ ކަމަށެވެ. އަދި މިފަދަ ކާރިސާއެއްގެ ވަގުތުގައި މުޖްތަމައުގެ އާންމު މަސްލަހަތަށް އިސްކަންދީ ކެތްތެރިކަމާއި އެއްބައިވަންތަކަމާއި، މުވާސާތާއި، އީސާރުގެ ސިފަތަކަށް އިސްކަން ދޭން ޖެހޭ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
"މުސްލިމު އަހުންނޭވެ! މި ދުވަސްވަރަކީ އެންމެން ގޭގައި ތިބެން ޖެހޭ ދުވަސްތަކަކަށް ވުމުން ކެއިން ބުއިން ގިނަކުރުމުގެ ބަދަލުގައި މިދަފަ ތަދުމަޑުކަމުގެ ވަގުތުގައި ކެއިންބުއިން މަދުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. މާގިނައިން ކެއުމަކީ ތަފާތު އެކި ބަލިތަކުގެ ސަބަބެއް ކަމުގައި ވީ ހިނދު ކެއުން ކޮންޓްރޯން ކުރުމަށް ކީރިތި ރަސޫލާ ދެއްވާފައިވާ އިރުޝާދުގައި ހިފަން ޖެހެއެވެ." ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނެފައިވަނީ މުސްލިމުން ކައިބޮއެ އުޅެން ވާނީ ދިރިހުރމަށްޓަކައެވެ. ކެއުމަށާއި ބުއިމަށްޓަކައި ދިރި ތިބޭ ބަޔަކަށް މުސްލިމުން ވެގެން ނުވާނެ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ގޭގައި ތިބޭ އިރު އަނބިދަރީންގެ ހައްގުތަކަށް ރައްކާތެރިވުމަށާއި އެކަކު އަނެކަކަށް ދަތިކޮށް ޖެއްސުންކޮށް ނޫޅުމަށް ނަސޭހަތްތެރިވާ ކަމަށެވެ.
"ﷲ ނަހީކުރެއްވި ކަންކަމާ ދުރުހެލިވެ އިއްފަތްތެރިވުމަށް ހަނދާންކޮށްދެމެވެ. ބޭކާރު ކަންކަމާ ދުރުހެލިވެ އެކަކު އަނެކަކަށް އަޅާލައި އުޅުމަށް ހަނދާންކޮށްދެމެވެ. ފަރްޟު ފަސް ނަމާދަށް ރައްކާތެރިވެ ދުއާ ކޮށް އިސްތިޣްފާރު ކުރުން ގިނަ ކުރުމަށް ހަނދާންކޮށްދެމެވެ. ގިނަގިނައިން ކީރިތި ގުރްއާން ކިޔެވުމަށް ވަސިއްޔަތް ކުރަމެވެ." ހުތުބާގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ