ބަނަފްސާ 2
"ހައްޖު ދުވަހު ރޯދަ ހިފުމާއި އަޅުކަމަކީ އާޚިރަތަށް ފައިދާކުރާނެ އަމަލެކެވެ. ވީހާވެސް ގިނައިން ފާފަ ފުއްސެވުމަށް އެދި ދަންނަވާ ދުޢާކުރަންވާނެއެވެ.އެދުވަސް ބޭކާރުކޮށްލުމުން ފަހުން ހިތާމަކުރަން ޖެހިދާނެއެވެ. " *** ސިދްރާއަށް ހިތްވަރު ލިބުނެވެ."އަހަރެން މީހުންނަށް ދައްކަން އާ ހެދުމެއް ބޭނުމެއްނުވޭ..އަހަރެންމިއީ މީހެއްގެެ އަންބެއް..." މުޅި އެތަނަށް ހިމޭންކަން ވެރިވިއެވެ. ހީރާ ބޮމުން ދިޔަ ފެންފޮދު އަރުތެރޭ ތާށިވިއެވެ. މާރިޔާގެ އަތުން ފޯނު މަރުމަރު ހިލަމޭޒަށް ދޫވިއެވެ. ސަރަފީނާވެސް ލޯބޮޑުކޮށްލިއެވެ. "ކައިވެނިކޮށްގެންނޭ؟"މާރިޔާ ހައިރާންވިއެވެ."ތިޔަ ދައްކަނީ ކޮންކަހަލަ ވާހަކައެއްތަ؟މިރަށަށް އައީ އެކަނި ހުރީމަ..ޖިޔާދު ބުނި އެއްވެސް މީހަކު ނެތޭ...." "ފިރިމީހާވެސް އަހަންނާއެކު އައި..."ސިދްރާގެ އަޑުގައިވީ އިތުބާރެވެ."އޭނަ ގޭގައި އެބަހުރި...އޭނަ ބުނަނީ ތިޔަފަދަ ފަށުވި ހެދުމަކަށް ނޫނީ ގަހަނާއަށް އަހަރެން ބޭނުމެއް ނުޖެހެއޭ..." "ހަމައެކަނި ބާ ކަޅު ހެދުންގަނޑެއްގެ ތެރެއަށް އެރެވިގެން މިރަށުގައި އުޅުމުން އަހަރެމެންނަށް މަލާމާތް ލިބޭނީ..އެޓްލީސްޓް ތަންކޮޅެއް ރީތި އަބާޔާކޮޅެއްވެސް ގަނެލާ.." "އެހާވަރަށް ފައިސާ ނެތް..." "އަހަރެން ދީފާނަން.."އަދަލް ކަންނެތްގޮތަކަށް ހީލިއެވެ. އަޒާލީގެ މަލާމާތުގެ ނަޒަރު އަދަލްއަށް އަމާޒުވިތަން ފެނި ރުވައިލި ތީރެއްފަދައިން ގޮސް ސަރަފީނާގެ ހިތަށް ހެރުނެވެ. އޭނަ އިނީ އަނދަ އަނދައެވެ. ނަމުގެ މާނައާއި ގުޅެއެވެ. ހަމައެކަނި ބޭރުފުށުން ހިނިތުންވެލައިގެން އިނަސް އެތެރެހަށީގައި އަލިފާނުގެ ތޫފާނެކެވެ. އޭނަގެ މޮޔަ ދަރިއަށް އެންމެން ޖެއްސުންކުރާއިރުވެސް އެކުއްޖާއަށް އެއްޗެއް ވިސްނެނީއެއްނޫނެވެ. ޒިހާމް ތަރިތަކުގެ ދަރުބާރުގައި ރަސްކަން ކުރާއިރު އޭނަގެ ދަރި ބިމުގައި ދެެމޭ ފިނިހަކައެކޭ ކޮންތަފާތެއްހެއްޔެވެ؟ "މިހިރީ ފައިސާ...މިއިން އަބާޔާއާއި ރީތިވާ އެއްޗެހި ގަނެލާ.."މާރިޔާ ފައިސާނޫޓުތަކެއް ދިއްކޮށްލީ އަޒާލީއަށެވެ. ހަވީރު ބާޒާރުކޮށްލަން ގޮސްފައި އަބާޔާ ފިހާރައަކަށްވަނުމާއެކު ސިދްރާގެ ލޮލުގައި އަޅައިގަތީ މޫނުގައި އަޅާ ފޮތިތަކެވެ. ނިގާބު އެޅުމުގެ ޝައުގު އިތުރުވީވެސް މިއަދު މިރަށު މަގުމަތިން އޭނައަށް ހުއްޓުނު ނަޒަރުތަކުން ސަލާމަތްވުމަށާއި މަންމަވެސް ނިގާބުއަޅާތީ އެކަމަށް ހުރި ޝައުގެއްގެ ބޮޑުކަމުންނެވެ. އޭނަަގެ މަންމަ ދީނަށް ލޯބިކުރާ މީހަކަށް ވުމުން އަބަދުވެސް ބޭނުންވީ ދަރިފުޅު ހާފިޒަކަށް އަދި އިލްމުވެރިއަކަށްވުމަށެވެ. އޭނަަތައުލީމު ހާސިލުކުރީ އަރަބިއްޔާ ސްކޫލުންނެވެ. މަންމަގެ ކުރެހުމާއި ކެލިގްރަފީވެސް އޭނައަށް ވާރުތަވިއެވެ. އޭނަ ހުސްވަގުތު ކުރާކަމަކީ އެއީއެވެ. އަޒްހަރު ޔުނިވަސިޓީއިން ޖާގަ ލިބުނުތަނާހެން ހިނގި ހާދިސާއާއެކު އޭނަގެ މުޅި ދުނިޔެ ފުރޮޅިގެން ދިޔައީއެވެ. *** މާރިޔާ ޓީވީ ސީރީޒްއެއް ބަލަން އިނީ ކުޝަން އުނގުގައި އަޅައިގެން ނިކަން އަރާމުކޮށެވެ. އަޒާލީއާއި ހީރާ އައިގޮތަށް ޝަކުވާފެށިއެވެ. އަބާޔާ ގަންނަން ފޮނުވުމުން މޫނުއަޅާ ބުރުގާ ގަތްކަމަށާއި އެކުއްޖާ "ވިއާޑް"ކަމުން އެކީގައި ތަނަކަށް ގެންދާން ލަދުގަންނަ ވާހަކަވެސް ބުނެލިއެވެ. މާރިޔާ ބުނީ އަޅާނުލުމަށެވެ. ބޮޑުބޭބެ އެމީހުންގާތުން އެދުނު އެންމެ ކަމެއް ކޮށްދިނުމަކީ އިންސާނިއްޔަތަށްޓަކާ ކޮށްދެވޭ ކަމެއްކަމަށާއި ފަހަރެއްގައި ރަގަޅު އަގެއް ލިބިދާނެކަމުގައި ބުނަމުން ޓީވީ ސީރީޒްއަށް ފުރިހަމަ ސަމާލުކަން ދިނެވެ. ސިދްރާ އެގޮތަށް އުޅެންޏާ ކޮޓަރިއެއްގައި ބަންދުކޮށްގެން ގެންގުޅެންވެސް އޭނަ ފަހެއް ނުޖެހޭނެއެވެ. *** އަދަލް ދުވާލު ހަތަރުދަމުހެން އޮންނަނީ ނިދާލާފައެވެ. މިފަހަކަށް އައިސް ބާރަ ޖަހާއިރަށް ހޭލައިގެން ދެން އޮންނާނީ އަޒުއާ ހައިޓްސްގެ ސޯފާގައި"ކައުޗް ޕޮޓޭޓޯ"އަކަށް ވެގެންނެވެ. އޭނަގެ ކޮޓަރިއަށްވަން މީހަކު ވެއްޖެއްޔާ ހައިރާންވެ އަންތަރީސްވާނެއެވެ. ހުރިހާ ހެދުމަކާއި ގެންގުޅޭ އެއްޗެހި އެއްވެސް ތަރުތީބެއްނެތި އުކާލާފައެވެ. ޕެކެޓްތަކާއި ދަޅުތައް ތަޅުންމަތީގައެވެ. އެކޮޓަރި ސާފުކުރަން މަންމަ ވަނުމުގެ ހުއްދަ ލިބޭނީ ހަފްތާއަކު އެއްފަހަރުއެވެ. އެނޫނިއްޔާ އަދަލް ދޭއްޖެހުމުގެ ކުރިން ލޮލަށް ފެނުމަކީ ތަދުކަމެކެވެ. ނަސޭހަތް ދީދީ ސަރަންފީނާވެސް ވަރުބަލިވެއްޖެއެވެ. އަދަލް ހަވީރު އެކުވެރިންނާއެކު ރާޅު އަޅަން ގޮސްފައި އައިގޮތަށް އެއްފަރާތަކަށް ބޫޓާއި ތެތް އިސްޓާކީނު އެއްލާލާފައި ވަޅުކޮޓަރިއަށް ވަނެވެ. ފެންވަރާލައިގެން ނުކުތީ ތާޒާވެލާ އަންހެން ސެންޓްފުޅިއަކުން ސެންޓްޖަަހައިގެންނެވެ. "މަންމާ...މާ ލަހުން ދޯ މިއާދެވުނީ.."އަދަލް ހިނގައިގަތީ އަޒުއާ ހައިޓްސްއަށް ސައިބޯންދާން ވެގެންނެވެ. އޭނަގެ ފަހަތުން ސަރަންފީނާ އައީ ގޮތް ހުސްވެފައި ހުރެ ބޮލުގައި އަތް ކާއްތަމުންނެވެ. "އަދަލް ތިހެން އުޅެން ލަދެއް ނުގަނޭތަ؟ ދައްތަގެ ހިތް އަދިވެސް ސާފެއްނޫން..ޒިހާމްމެންނަށްވުރެ މޮޅުވާން މަސައްކަތްކުރާށޭ ބުނީމަ އޭލެވެލްއަށް މަކަރު ހެދިގޮތަށް ވަޒީފާއަކަށް ނުގޮސް..މާމަ ދޭ ފައިސާގަނޑު ބުރުއްސާލާފައި ދައްތަމެން ގެއިން ކައިގެން ބޮއިގެން އުޅުނީމަ އެމީހުން ކިހާ މަލާމާތް ކުރާނެ. އެމީހުންގެ ދަރިން ބަސްއަހައިގެން ކިހާ މޮޅު. މަންމަ ކިހާ ލަދެއް ގަންނާނެ އަދަލް ޖާހިލެއްހެން އުޅުނީމަ. އަދި އެމީހުންގެ ސޯފާގައި ނިދާފައި ފްރިޖުން ހުއްދަނުލިބޭ އެއްޗެހި ކައިގެން...ހެޔޮނުވާނެ..ރިޒޯޓަކަށް ދޭބަލަ.." "މަންމާ.އަހަރެންގެ ރިޒުގު ލައްވާފައިވަނީ އެގޭ ތެރޭގައި އެކަމާހެދި .ކީއްކުރާނީ؟ ރިޒޯޓު ފައިސާ ބޭނުމެއްނޫން...ހަލާލުނުވާނެ..ވާދަވެރިކަމަށްވެސް ތާއީދެއްނެތް..." "މިހާރު ކާކުގެ ފަތަވާއެއް ތިއީ؟މިބުނީ ރިޒޯޓުގެ ފައިސާ ހަލާލުނުވާނެއޭ...." ސަރަންފީނާ މޫނު ރަތްކޮށްލަމުން އުކުޅުގައި އަތް ވިއްދައިލިއެވެ. "މަންމައަށްވެސްް އެނގޭނެ.އެކުވެރިންތައް ބައިލައްކައިން ރުފިޔާ ނަގައިގެން ފަރަންޖީ ކުދިންނާއި ކައިވެނިކޮށްގެން ބޭރު ގައުމުތަކުގައި އުދުހެނީ.." "ޢާނ ދެނެހުރިން....އަދަލްއަށް އެހެން ނޫޅެވެންވީ ކީއްވެތަ؟" "ކަންނެތްކަމުން." އަދަލް އެއްޗެއް ނުބުނުމުން ސަރަންފީނާ ކަޅި އަޅައިގަތެވެ."މާތްކަލާކޯ...މިއީ ކޮންފަދަ ބަސްނާހާ ދަރިއެއްތަ؟ މަށަކަށް ދުވަހަކު އުފަލެއް ނުލިބޭނެ. ގެގަނޑުވެސް މިހެން ހުއްޓާ ދުނިޔެއިން ވަކިވާނީ..ރިޒޯޓް ފައިސާ ހަލާލުނުވަންޏާ އެއްވެސް މަސައްކަތެއް ހަލާލެއްނުވާނެ.އެހެނެއްނޫން ވަނީ. އަދަލް ބޭނުންވަނީ ކޮށް މަސްބުރިއެއްހެން ތިހެން އޮންނަން...." "މަންމާ ދުނިޔެއަކީ ވަގުތީ މަންޒިލެއް. އެހާވަރުން ދުނިޔެއާއިހެދި އުޅޭ އެއްޗެއްނޫން....." "ކަންނެތް މީހުން ތިހުރިހާ އެއްޗެއް ކިޔާނެ. ދެން އެކަމަކު ހުރިހާ މޮޅު އެއްޗެއް މަ އެބަޖެހޭ ރޫޅިގެންވެސް ހޯދަދޭން. ހަތަރުދަމު ފޯނު ހިފައިގެން އެބައޮވޭ އެގޭޭ ސޯފާއަށް އަރާފައި...އަޒާލީ ކަޅި އަޅާލައިގެން އިންނަތަން ނުދެކެންތަ؟" "ކަޅި އެޅީމަ އަވަހަށް މުސްކުޅިވާނެއޭ މަންމަ އެކުއްޖާ ގާތު ބުނެބަލަ..." "އަދަލް. ދެފައިގާ ހިފާ އާދޭސްކޮށްފައި ބުނަން...ވަޒީފާއަކަށް ގޮސްގެން ތަންކޮޅެއް ހަރުދަނާވެބަލަ...މަންމަ މިއުޅެނީ އުމްރާއަށްވެސް ނުދެވިގެން..އެހެން މީހުން ހައްޖަށް ދެތިންފަހަރު ގޮސްފި..މިގޭގައި މިހާރު ސިދްރާ އެބައުޅޭ އަދަލް ތިއުޅޭގޮތުގެ ވާހަކަ އެހެން މީހުން ގާތު ދައްކާނެއްނު.." "ހައްޖު ވާޖިބުވަނީ ކުޅަދާނަކަން ލިބިގެންވާ މީހުންނަށޭ މަންމާ...މަންމަގެ ތަގުދީރުގައި ހުރިއްޔާ ހުރިހާކަމެއްވާނެ.."އަދަލް އޭނަގެ މަންމަގެ ކޮނޑުގައި އަތް ބާއްވަމުން ގަޔާއި ކައިރިކޮށްލިއެވެ. ސަރަންފީނާގެެ ރުޅިގަނޑު ފިނިވާން އުޅުނަސް އަތް ނަގާ ދުރުކޮށްލިއެވެ. އިރުކޮޅެއްފަހުން ފެނުނީ އަދަލް އަމިއްލައަށް ކޮފީ ހަދައިގެން ކާކޮޓަރީގައި ހަމަޖެހިލައިގެން އިންތަނެވެ. އެއްވެސް މީހަކު ކިޔާ އެއްޗަކަށް ރުޅިއަކަށް ފަރުވާލެއް ނެތް ފަދައެވެ. އޭނަގެ ސިކުނޑީގައި އެއްވެސް ޚިޔާލެއް ފިކުރެއްނެތެވެ. *** މެންދަމުން އަލިވެ ތިނެއް ޖަހަމުން ދިޔައިރު ސަރަންފީނާވެސް ތެދުވެގެން ތަސްބީހަ ހިފައިގެން ހިނގައިގަތީ ނަމާދުގެއާއި ދިމާލަށެވެ. ހުރިހާ ސުންނަތް ނަމާދުތައް ކޮށްފައި ދޭތެރެއަކުން އަވަށްޓެރިންގާތުގައި ހިއްސާކޮށްލައެވެ. އޭނަގެ ހިތް ބާރުބާރަށް ތެޅިގަތީ ސިދްރާގެ ކޮޓަރީގެ ދޮރު ހުޅުވުނުތަން ފެނިފައެވެ. ސިދްރާ ލޯ ބޮޑުކޮށްގެން ހުއްޓަސް ކަޅި ހުރީ އެއްދިމާލަކަށް ހުއްޓިފައެވެ. އެކުއްޖާ ހުރީ ބުރުގާވެސް ނާޅައެވެ. ޗާބީ ދީފައިވާ ބުދެއްފަދައިން ސީދާ ބަދިގެއާއި ދިމާލަށް ދާތަން ފެނި އޭނަވެސް ފާރަލާންވެގެން ފަހަތުން ދިޔައެވެ. އެކަމަކު ހިތަށް ބިރުވެރިކަން ވަދެފައިވިއެވެ.ތަސްބީހައިގާ ބާރަށް ހިފަހައްޓަމުން މަޑުމަޑުން ކިޔަވަންފެށިއެވެ. ސިދްރާ ބަދިގޭގެ ކައުންޓަރު ކައިރީގައި ހުރެ އެތަނުގައި ނެތް އުނދުންތަކެއް ރޯކުރަން އުޅޭފަދައިން އަތް ހަރަކާތްކުރަން ފެށިއެވެ. އޭނަ ބިރުން ގަނޑުނުވީ ކިރިޔާއެވެ. އަތުގެ ލޯލިތައް ހުރީ ކޮޅަށެވެ. "ހާދަ ހޫނޭ....."ސިދްރާ ކިޔައިލިއެވެ."މަންމާ....ފަރުދާގައި ރޯވަނީ....ފެންފޮދެއް ގެނެސްދީބަލަ މަންމާ..." އޭނަ އަވަސްއަވަހަށް ދުއްވައިގަތީ އަދަލްގެ ކޮޓަރިއާއި ދިމާލަށެވެ. ޓަކި ދިނުމާއެކު ދޮރު ހުޅުވައިލިއެވެ. "ކިހިނެއްވީ މަންމާ؟" "މަންމައަށް ބިރުވެރި ހުވަފެނެއް ފެނުނީ...މަންމަ ނިދެންދެން ކޮޓަރީގައި މަޑުކޮށްލަދީބަލަ............"ސަރަންފީނާ ގަތް ބިރާއެެކު ނަމާދުކުރަންވެސް ހަނދާންނެތުނެވެ. ބައެއްފަހަރު މުޅި އުމުރު ދުވަހު ނަމާދުކޮށް އަޅުކަންކުރިޔަސް އެކަނި ބޭރުފުށުން ކުރާ އަމަލުގައި އިޚުލާސްތެރިކަމެއް ނުހުންނަނީއެވެ. ކުރަން ޖެހޭތީ ނަމާދަށް އަރާ ގުރުއާނުގެ ދެލިގަނޑު އެކަނި ކިޔައިގެން ހެއްދެވިފަރާތާއި އޮތް ގުޅުން ރަަގަޅުނުކުރެވޭނެއެވެ. ބައެއް މީހުންނަށް އެކަން ނޭގެނީއެވެ. *** ޖެހިގެން އައި ދުވަހު އަޒުއާ ހައިޓްސްގައި އޮތީ ސިދްރާގެ ވާހަކައެވެ. ސިދްރާ އެކަނިހުރެ ނުފެންނަ އެއްޗަކާއި ވާހަކަދެއްކީއެވެ. އަދަލް މެންދުރު ކާން ދިޔައިރު އަޒާލީއާއި ހީރާ ކޮންމެވެސް ކަމަކާއި ޒުވާބުކުރަމުން ދިޔައެވެ. އެދެމީހުންގެ މައުޟޫއަކީ އައިލައިނާއާއި މީހުންނަށް ފާޑުކިޔުމައި އެމީހުންގެ ނަޒަރުގައި "އާދައިގެ" ކަންކަމުގެ ތެރެއަށް ނުފެތޭ ކޮންމެކަމަކަށް ހިތްހަމަނުޖެހުން ފައުޅުކުރުމެވެ. އަދަލް އިށީނުމާއެކު މައުޟޫ ބަދަލުވިއެވެ. 'އޭނަ ވާހަކައެއްވެސް ނުދައްކާ...އެއީ ހަމަ ބިރުވެރިކަމެއް.." ހީރާ ބުނެލިއެވެ."އަދި ގޭތެރޭގައިވެސް ބައެއްފަހަރު މޫނު ބުރުގާ އަޅަން ފަށައިފި. އަނެއްބައި ފަހަރު ހަމަ ބުރުހާ ނާޅާވެސް ނިކުންނަ ކަމަށްވަނީ.......އެހެން އުޅޭނީ ކާކު؟ މޮޔައެއްނު....." އަދަލް ބުމަ ހިއްލައިލިއެވެ."ބުނަން ވާހަކައެއް..ތިޔަ ދެމީހުން ރަގަޅުވާނެ ޕޮޑްކާސްޓެއް ފެށިއްޔާ.ނަމަކަށް ކިޔާނީ ހީރާއާއި އަޒާލީގެ މޮޔަ އަމިއްލަ އެދުމުން ފުރިފައިވާ ވިސްނުން...." "އަގް..."އަޒާލީ ލޯ އަޅައިލިއެވެ. "އޭނަ ހަމަ ތަފާތު..." ހީރާ އަޑަށް ބާރުލާފައި ބުނެލިއެވެ."އޭނަ ހުންނަނީވެސް ފާރުތަކަށް ބަލަހައްޓައިގެން.." "އެހެންވިއްޔާ ކީއްތަ؟ހީރާވެސް ތިއިންނަނީ ސަމުސަލެއް އަތުގައި ޖެހުނަސް ސިފައަށް ބަލަން...ހީވަނީ ލޯގަނޑުވެސް ކަލެއަށް ކައިވެނި ހުށަހަޅަން އުޅޭހެން...ސިދްރާވެސް ބޭނުންގޮތަކަށް އުޅުނަދީބަލަ..އެމީހެއްގެ އަމިއްލަކަމެއް.." އޭނަ ރައްދުދިނެވެ. "އޭނަ ހަމަ ހީވަނީ ޖިންނިއެއްހެން..." "އެނގޭތަ އަހަންނަށް ޖިންނިއެއްގެ ވައިބްސް ގެނެސްދެނީ ކޯނޗެއްކަން؟ މިގެއިން ކައްކާ ކާއެއްޗެހި...އަންހެނުންގެ ނަމަށްވެސް ހުތުރު......." އަދަލް އަނގަޔަށް ވައްތަރެއް ޖެއްސިއެވެ. "މަންމަ ގާތު ބުނާނަން..."ހީރާ ތުންފަތް ފިތައިލިއެވެ. "ދޭތެރެ ޖައްސާވާރުގެ ވާހަކައެއް ނުބުނެވޭ...ހާދަ ވަރަކަށް ސްކިން ކެއާ ހަދާފައި؟ އެއްވެސް ކުއްޖެއްގެ އަސްލު ސޫރަ ނޭގޭ....ވީމަ ސިދްރާ މޭކަޕް ނުކޮށް މޫނު ފޮރުވުމެކޭ ތަފާތެއްނެތް އެހެންވެ ހަމަ ބުނެލީ..." "ހަމަ މުޅިން ތަފާތު ދެކަމެއްގެ ވާހަކަ ތިދައްކަނީ އަދަލް.....އެކުއްޖާ އެކްސްޓްރީމްވެގެން އެކަނިއެއްނޫން. ޖިންނި ފިރިޔަކު ހުރީ...މަންމަ މާމަ ކައިރިން އެހީމަ ބުނީ ސިދްރާ އަދި ކައިވެންޏެއް ނުކުރެއޭ..ސިދްރާ އެހެރީ ޖިންނި އަވަލާފައޭ ބުނީވެސް އަދަލްގެ މަންމަ..އަހަރެމެން ކިޔައިގެން އުޅޭ އެއްޗެއްނޫން..ތީ ބޮޑު މޮޔައެއް..އަބަދު ކައުޗްގައި ވެޑުވިގެން ކަންނޭލުގައި ބައްދާލައިގެން އޮންނަނީ.....ތިމީހުން އުޅޭ ގެއަށް ރުގުޔާ ކުރަންވީ......." އަޒާލީ ރުޅިގަނޑު ބޭލިއެވެ. "އަޒާލީ ހުރިހާ ފޮނި އެއްޗެއް ހުސްކޮށްލީ ދޯ...ކުޑަކޮށް ލަހުން ކާން އާދެވުނީމަ..."އަދަލް އާއި ދިމާލަށް ބުނެލި އެއްޗަކަށް އަޅާނުލާ ފްރިޖް ހުޅުވައިލިއެވެ. "އައިސްކްރީމް އެބަހުރި.." އަޒާލީ މޭނުބައިކުރިއެވެ. އަދަލް އުޅޭ ވައްތަރުން ފޫހިވެގެން ހަލާކުވަނީއެވެ. *** ޒިހާމްއާއި އެމިލީގެ މެދުގައި ރޯވި ކޯޅުންގަނޑު ހުޅުފަޅައިގެން ދިޔައީ ރަށަށް ބަދަލުވާން ޒިހާމް ނިންމި ހިސާބުންނެވެ. ފަގީރު ރަށްފުށު ދިރިއުޅުމަކަށް ބަދަލުވުމަކީ މޮޔަކަމެކެވެ. ޒިހާމްއަށް މިހާރު ލިބޭވަރަށްވެސް އާމްދަނީ ނުލިބި ނިކަމެތިކޮށް އުޅެންޖެހުމަކީ އެމިލީގެ ހިތަށް ކެތްކުރެވުނު ކަމަކަށް ނުވިއެވެ. އޭނަ ބޭނުންވަނީ މަތީ ފަންތީގެ އަރާމު ދިރިއުޅުމެކެވެ. އެކުވެރިންނާއެކު ޕެރިހާއި ލަންޑަނަށް ބާޒާރުކޮށްލަން ގޮސް ޕާޓީ ކުރުމެވެ. ރިޒޯޓަކީ އޭނަގެ ހިތުގެ ދިރުމެވެ. އެކަމާއިހެދި ދެބަސްވެފައި އެމިލީ ބޭރަށް ދިޔުމުން ޒިހާމްގެ ހިތަށް އުދަގޫވިއެވެ. މަންމަގެ ލަފާ ހޯދުމުގެ ނިޔަތުގައި ގުޅައިލެވުނެވެ. ހަގީގަތުގައި އެމިލީއާއި ކައިވެނިކުރުމަށްފަހު މަންމައާއި ވާހަކަދައްކައިލާނެ ހަމަހިމޭން އެންމެ ސިކުންތެއްވެސް އޭނައަށް ލިބިފައިނުވެއެވެ. ހުރިހާ ވަގުތެއް ދެވުނީ އަންހެނުންނަށެވެ. ހިތުގެ އުދާސްތައް ބޭރުކޮށް ނުލެވެނީސް މަންމަގެ މިސްރާބު ދިޔައީ މުޅިން އެހެން ދިމާލަކަށެވެ. "ޖިޔާދުގެ ސިދްރާއަށް ޖިންނި އަވަލައިގެން އުޅެނީ...ވަރުގަދަ ހައިޖާނު ގަނޑެއްގެ ތެރޭގައި ސަރަފީނާ އެބައުޅޭ..." މާރިޔާގެ އަޑުގައިވީ ސިއްރުވެރިގޮތެކެވެ. "އޯ...ކިހިނެއްވަނީޔޯ؟"އޭނަގެ ނިތްކުރީގައި ރޫތައް ގިނަވިއެވެ. ހައިރާންކަމަށްވުރެ ފޫހިކަން އަޑުން ފައުޅުވިއެވެ. " އެކަނި ހުރެވެސް ވާހަކަދައްކަނީ...ކޮޓަރި ތަޅުލައިގެން އިނދެވެސް ވާހަކަދައްކާ އަޑުއިވޭ..ޖިންނި ފިރިޔަކު ހުރިކަމަށްވަނީ.." އޭނައަށް ހެވުނެވެ. އޭނަ ހީކުރަނީ ބޮޑުދައިތައާއި މަންމަ ސިފައާއިއެކު މިޒާޖުވެސް ތަފާތުކަމަށެވެ. މަންމަގެ ވިސްނުން ޒަމާނީވާނެކަމުގައި ދެކުނަސް އެހެރީ ބޯދާ ޚިޔާލުތަކެވެ. މާމަމެން ސިކުނޑިއަށް ވައްދާފައި މޫ ހަރުލާފައިވަނީ ޖިންނިތަކާއި އިފުރީތުންނާއި ރަންނަމާރިއެވެ. "މަންމަވެސް ދެން ދައްތަހެން ތި ކަޑަ މިތްސް ގަބޫލުކުރަންފެށީދޯ؟ މަންމާ. ޖިންނިއަކީ ތިގޮތަށް މީހުންގެ ބޮލުތެރެއަށް ވަދެ އުޅޭ އެއްޗެއްނޫން..ތިއީ ސީދާ މެންޓަލް ހެލްތް މައްސަލައެއް...." އޭނަ ފުން ނޭވާއެއް ދޫކޮށްލާފައި އެނދުމަތީގައި ހުރި ލެޕްޓޮޕް ލައްޕައިލިއެވެ." އަޅުގަނޑުގެ ގާތް އެކުވެރިއެއް ހުރޭ...ޑޮކްޓަރ ތައިމޫރު. އޭނަވެސް ދުވަސްކޮޅަކަށް ރަށުގައި މަސައްކަތްކުރަން އެބަ ވިސްނާ..ބޭނުމިއްޔާ އޮންލައިންކޮށް ސިދްރާގެ ކޭސް ހަމަޖެއްސިދާނެ...ތިކަހަލަ ސައިކޮލޮޖިކަލް ކަންތައްތަކުގައި އޭނައަކީ އެކްސްޕާޓެއް.." "އޭނައަކީ ރާގީއެއްތަ؟ މަންމަމެން މިބަލަނީ ރާގީއެއް ހޯދަން..."މަންމަގެ ރާގުން އޭނައަށް ވިސްނުނީ މަންމަ ސައިންސަށް ޝައުގެއްނެތްކަމެވެ. ޒިހާމް އަތުކުރީގައިވާ ގަޑިއަށް ބަލައިލިއެވެ."އޯކޭ މަންމާ ފަހުން ގުޅާލަން..މިހާރު ތަނަކަށް ދާންވެއްޖެ.." "ޒިހާމް މަންމައަށް ގުޅައިލާނެ ވަގުތެއްވެސް މިހާރު ނުވަނީތަ؟ އޭނަގެ އަޑަށް މާޔޫސްކަން ވެރިވިއެވެ."އިއްޔެ މާމަވެސް ބުނި ޒިހާމް މާމް ދެކެލަންވެސް ނާދެއޭ. ތިހާ ބީރައްޓެހިވީ ކީއްވެ؟ "މަންމައަށްވެސް އަޅުގަނޑުގެ ޝެޑިއުލް ހުންނަގޮތް އެނގޭނެ.ހަމަ އެއްވެސް ވަރަކަށް ޓައިމް ނުވަނީ.."އޭނަ ވަރުބަލިވެފައިވާ އަޑަކުން ބުނެލިއެވެ."ރަށަށް ބަދަލުވީމަ ތި ހުރިހާކަމަކަށް ވަގުތު ހުސްވާނީ.." ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ