ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު އިތުރަށް ފުޅާކޮށް، އެމަލު ރާވައި ހިންގި އެންމެން ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކޮށް ހައްގު އަދަބު ދިނުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ގޮވާލައްވައިފި އެވެ.
އަފްރާޝީމް އަވަހާރަކޮށްލިތާ އެއް އަހަރު ފުރުމާ ގުޅިގެން ގާސިމް ނެރުއްވި ބަޔާނުގައި ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލުމަށް ދީފައިވާ ޓެރަރިސްޓު ހަމަލާ ތަހުގީގުކުރުމަށް ދިވެހި ފުލުހުން އަގުހުރި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެކަން ޝުކުރުވެރިކަމާ އެކު ބަލައިގަންނަ ކަމަށެވެ.
ގާސިމް ވިދާޅުވީ ޒުވާން ދީނީ އިލްމުވެރިޔާ އަފްރާޝީމަކީ އިލްމާއި މައުލޫމާތުގެ އަގުހުރި ހަޒާނާއެއް ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގައި ވެސް ހައްގު ބަސް ވިދާޅުވާން ފަސްޖެހިވަޑައިނުގަންނަވާ ސިޔާސީ ލީޑަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ޝަރުއީ ދާއިރާއާ ތައުލީމީ ދާއިރާއަށް ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި ހިދުމަތްތަކެއް އެމަނިކުފާނު ވަނީ ކޮށްދެއްވައިފަ އެވެ. ހަޔާތުގެ ކޮންމެ ވަގުތެއް ވެސް ޝަހީދު ޑރ. އަފްރާޝީމް ހޭދަކުރެއްވި ހެޔޮ ކަންތައްތައް ކުރެއްވުމާ ހެޔޮ މަގަށް ގޮވައިލެއްވުމުގަ އެވެ. މީސްތަކުންނަށް ހިތްހެޔޮކަމާ އެކު ރިވެތި ނަމޫނާ ދެއްކެވުމުގަ އެވެ،" ގާސިމް ވިދާޅުވެފައިވެ އެވެ.
އެ ބަޔާނުގައި ގާސިމް ވިދާޅުވީ އަނިޔާވެރިކަމާއި ލޭއޮހޮރުވުމާއި ޓެރަރިސްޓު އަމަލުތައް ހިންގުމަށް ހިތްވަރުދީ ފިތުނަ ފަސާދަ އުފެއްދުމަށް ހުއްޓާނުލާ ބަޔަކު މި ގައުމުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ފާޅުގައި އެކި ކަހަލަ ޖަރީމާތައް ހިންގުމަށް ހިތްވަރުދީ އެފަދަ އަމަލުތައް ހިންގަމުންދާއިރުވެސް މުޖުރިމުންގެ މައްޗަށް ގާނޫނު ތަންފީޒުކުރުމުގެ ދުވެލި ލަސްވަމުންދާތީ ސީރިއަސްކޮށް ވިސްނަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑރ. އަފްރާޝީމްގެ މަރުގެ ތަހުގީގު އިތުރަށް ފުޅާކޮށް، އިންސާފު ހޯދައިދޭން ގާސިމް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ