ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓުމުގެ ފިޔަވަޅުތައް އަޅަން އުއްތަމަ ފަނޑިޔާރަށް އިލްމުވެރިންތަކެއް ގޮވާލައްވައިފި
ރާއްޖޭގެ ޝަރުއީ ނިޒާމުގެ އިތުބާރު ގެއްލެމުންދާތީ އެކަމާ މެދު އަވަސް ފިޔަވަޅެއް އެޅުއްވުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ރާއްޖޭގެ އިލްމުވެރިންގެ ބަޔަކު މިއަދު ގޮވާލައްވައިފި އެވެ. ރާއްޖޭގެ 31 އިލްމުވެރިއަކު ގުޅިގެން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ކޯޓުތަކުގައި މިހާރު ހިނގާ ބައެއް މައްސަލަތައް ކުރިއަށް ދާ ގޮތުން، ކޯޓުތަކާއި ގާޒީންގެ އިތުރުން މުޅި ޝަރުއީ ނިޒާމު ބަދުނާމުވެފައިވާ ކަމަށެވެ. އެހެންވެ އެކަން ހައްލުކޮށްދެއްވަން އުއްތަމަ ފަނޑިޔާރުގެ އިތުރުން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ވެސް އިލްމުވެރިން ގޮވާލައްވާފައިވެ އެވެ. "މި ކަންކަން އިސްލާހުކޮށް، ކޯޓުތަކުގެ ގަދަރާއި ކަރާމާތް އަލުން އިއާދަނުކުރެވިއްޖެ ނަމަ، މުޖުތަމައުގައި ހަމަނުޖެހުމާއި ފިތުނަ ފަސާދަ އާއި އަނިޔާވެރިކަން އާއްމުވެ، މުޖުތަމައުގައި ބިރުވެރިކަމާއި ނާމާންކަން ފެތުރިގެން ހިނގައިދާނެ އެވެ،" އެ ބަޔާނުގައިވެ އެވެ. ކީރިތި ޤުރުއާނާއި ހަދީސްތަކަށް ރިއާޔަތްކޮށް ނެެރުނު ބަޔާނުގައި ބުނެފައިވަނީ ކުށް ކުރާ މީހުންނަށް އަދަބު ދިނުމަށް ވުރެ އިސްލާމީ ޝަރީއަތުގައި އިސްކަންދީފައިވަނީ ކުށުން ބަރީއަވާ މީހާ އަށް އަދަބު ނުލިބޭކަން ކަށަވަރުކުރުމުގެ މައްޗަށް ކަމަށެވެ. އެހެންވެ، ހާއްސަކޮށް ޖިނާއީ މައްސަލަތަކުގައި ކުށް ސާބިތުކުރަން ޖެހޭ މިންވަރު، އެހެން އެއްވެސް ގާނޫނީ ފަލްސަފާއެއްގައި ނުވާ މިންވަރަށް އިސްލާމީ ޝަރީއަތުގައި ކަށަވަރުކޮށްދީފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. "ހުކުމް ކުރުމުގައި ޒާތީ ހަސަދަ އާއި މާއްދީ މަންފާތައް އިސްކުރުމަކީ އެއްގޮތަކަށް ވެސް އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. އެހެންވެ، މީސްތަކުންގެ މެދުގައި ނިޔާ ކަނޑައެޅުމަކީ ވަރަށް ވިސްނުންތެރިކަމާއި ހަމަހަމަކަމާއި އަދުލުވެރިކަމާ އެކުގައި މެނުވީ ކޮށްގެން ވާނެ ކަމެއް ނޫން" ކަމަށް ބުނެފައިވެ އެވެ. އެ ބަޔާން ނެރުއްވި އިލްމުވެރިންގެ ތެރޭގައި ސިޔާސީ ބޭފުޅުން ކަމަށް ވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ހިމެނިވަޑައިގަންނަވަ އެވެ. އޭގެ އިތުރުން އިލްޔާސް ހުސައިން އާއި ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް އަދި އާދަމް ޝަމީމު ވެސް 31 އިލްމުވެރިންގެ ލިސްޓުގައި ހިމެނެ އެވެ.އެ ބަޔާނުގައި ވަކި ޝަރީއަތަކަށް އިޝާރަތްކޮށްފައެއް ނުވެ އެވެ. އެކަމަކު މިއީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ޝަރީއަތެއް ޖިނާއީ ކޯޓުގައި ހިނގަމުން ދާ ދުވަސްވަރެކެވެ. އޭގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލައެއް ވެސް ކޯޓުގައި ކުރިއަށް ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ