"ބޮޑު ކަރަންޓު ބިލު" ހެދި އެސިސްޓަންޓް މެނޭޖަރު ވަކިކޮށްފި

ބޮޑު އަދަދަކަށް ކަރަންޓް ބިލް ހެދި މައްސަލައަކާ ގުޅިހެން ރ. އަތޮޅު ރަށެއްގެ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު ވަޒީފާއިން ވަކިކޮށްފިއެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ނެރުނު ބަޔާނެއްގައި ވަނީ، އެސިސްޓަންޓް މެނޭޖަރު ވަޒީފާއިން ވަކިކުރީ އެރަށު ގެއެއްގެ މެއި މަހުގެ ބިލަށް ސާޅީސް ހަތަރުހާސް ތިންސަތޭކަ އައްޑިހަ ދެރުފިޔާ އަރާގޮތަށް ރަނގަޅު ނޫން ކަރަންޓް ބިލް ތައްޔާރުކުރުމާ ގުޅިގެން އެކަން ބެލުމަށްފަހުކަމަށެވެ.
ފެނަކައިން މެނޭޖްމަންޓުން ބުނީ އޭނާ ވަޒީފާއިން ވަކިކުރީ ވަޒީފާގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ފަރުވާކުޑަކޮށް އިހްމާލުވެފައިވާތީއާއި، ވަޒީފާގައި އިތުރަށް ބަހައްޓައިގެން ކުންފުނީގެ ނަން ކިލަނބުވެ، އެކުންފުންޏަށް އިތުރަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެންނާތީކަމަށެވެ.
"ފެނަކަ ބޮޑުބިލް" ގެ މައްސަލައިގެ ގޮތުގައި، ސޯޝަލް މީޑިއާގައި ދައުރުވި މިމައްސަލައިގެ ތަޙްޤީގު ނިމިފައިވާކަމަށާއި، ބޮޑުކޮށް ބިލްހެދި ގެއަކީ ޢާންމުގޮތެއްގައި ހަ ރުފިޔާއާއި، ހަތް ރުފިޔާ ކަރަންޓްބިލަށް އަރާ ގެއެއްކަން، އެކަން ބެލިބެލުމުން އެނގިފައިވާކަމަށެވެ. އެހެންކަމުން އެގޭ ބިލަށް އެހާބޮޑު އަދަދެއް އަރާފައިވަނީ، މުވައްޒަފު ބިލްގެ ރީޑިންގ އެންޓަރކުރުމާއި، ބިލު ޕްރޮސެސްކުރުމުގައި ކުންފުނިން ކަނޑައަޅާފައިވާ މިންގަނޑާއި އުޞޫލުން ބޭރުން ބިލް، ޕްރިންޓްކޮށް ފޮނުވާފައިވާތީކަމަށް، ފެނަކަ ކޯޕަރޭޝަނުން މިއަދުވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ