އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް ސުޕްރީމޮ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު އައްޔަން ކުރައްވައިފިއެވެ.
ޑރ. އަހުމަދު އަބްދުﷲ ދީދީ އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެެވެ. އެ ރަސްމީޔާތުގައި ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ރައީސް އަބްދުﷲ ޔާމީންގެ ކުރިފުޅު މަތީގައި އުއްތަމަ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާފައެވެ.
އުއްތަމަ ފަނޑިޔާރު ކަމަށް ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރުމަށް ރުހުންދީފައިވަނީ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 36 މެމްބަރުންގެ ވޯޓުންނެވެ. ރޭގެ ޖަލްސާގައި ބައިވެރި ވަޑައިގެންފައިވަނީ ވެސް ހަމައެކަނި ޕީޕީއެމް އެމްޑީއޭ ކޯލިޝަން އަށް ނިސްބަތްވާ މެމްބަރުންނެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް އަބްދުﷲ ދީދީ އައްޔަން ކުރަން ޖުޑީޝަލް ސާރވިސް ކޮމިޝަނުން ލަފާދީފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ފަނޑިޔާރުކަން ގެއްލިފައިވުމާއެކު އެ މަގާމު ހުސްވެފައިވުމުންނެވެ.
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ދައުލަތުން ކުރި ދައުވާ ސާބިތުވެ ސްޕްރީމް ކޯޓުން ވެސް އެ ހުކުމަށް ތާއީދު ކުރުމުން އަބްދުﷲ ސައީދުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދުގެ ފަނޑިޔާރުކަން ވެސް ވަނީ ގެއްލިފައެވެ.
އުއްތަމަ ފަނޑިޔާރަކަށް ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ