މިވަގުތު ހައްޔަރުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދޮށީ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމްއާ ދޭތެރޭ އިހްސާންތެރިކަމާއެކު އަމަލުކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ގާސިމް ވިދާޅުވެއްޖެ އެވެ.
ދޮށީ ދަރި، ހައްޔަރުކުރުމުން މިވަގުތު ގާސިމް ހުންނެވީ ފުން ހިތާމައެއްގަ ކަމަށް އޭނާގެ ގާތް ބޭފުޅުން ވަނީ ބުނެފަ އެވެ. އެފަދަ ދަނޑިވަޅެއްގައި ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "މި ދުވަސް ހިނގައިދާނެ" ކަމަށެވެ.
"ލޯބިވާ ދަރިފުޅު އިބްރާހިމް ސިޔާދު ގާސިމް ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ކުޑަ ގޮޅީގައި އޮތް ކަމަށްވީ ނަމަވެސް ފުލުހުން އަޅުގަނޑުގެ ދަރުފުޅާމެދު އަދުލުވެރިކަމާއި އިހްސާންތެރިކަމާއެކު ހުރިހާ ކަމެއް ވެސް ކޮށް ދެއްވާނެކަން ޔަގީންކުރަން،" ގާސިމް ވިދާޅުވި އެވެ.
ސިޔާދް ގާސިމް ފުލުހުން އިއްޔެ ހައްޔަރު ކުރީ ވިލާގެ މައި އޮފީސް ބަލައި ފާސްކުރުމަށް ފަހު އެވެ. އަދި ވިލާގެ ޕެރަޑައިސް ރިސޯޓް ވެސް ފުލުހުން ވަނީ ފާސްކޮށްފަ އެވެ. ވިލާ ގްރޫޕްއާ ގުޅުން ހުރި ތަންތަން ފާސްކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ. ފުލުހުން ބުނީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ސިޔާދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ހައްޔަރު ކޮށްފައިވަނީ ކޮން ސަބަބަކާ ހުރެގެން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ގާސިމްގެ ވިޔަފާރީގައި އެންމެ އިސްކޮށް މިހާރު ހުންނަވަނީ ސިޔާދު އެވެ. އެއީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ.
ސިޔާދު ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ހައްޔަރުކުރާ މީހުންގެ ގިނަ ހައްގުތަކެއް ހިފެހެއްޓުމަށްފަހު އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރޭ މާއްދާތަކަކީ، 45 ވަނަ މާއްދާ (ގާނޫނާ ހިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުން) އާއި 46 ވަނަ މާއްދާ (ހައްޔަރުކުރުމާއި، ބަންދުކުރުމުގެ ބާރު) އާއި 49 ވަނަ މާއްދާ (ކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުން) އާއި 56 ވަނަ މާއްދާ (އިސްތިއުނާފުކުރުމުގެ ހައްގު) އެވެ. އޭގެއިތުރުން، 65 ވަނަ މާއްދާ (ހައްލުހޯދުމަށްޓަކައި ދައުވާކުރުމުގެ ހައްގު) ވެސް ވަނީ ހިފަހައްޓާފަ އެވެ.
މީގެއިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނު ވެސް ވަނީ ހިފަހައްޓާފަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ ޝަރީއަތް ހިންގާނެ އުސޫލުތަކާއި މަރުހަލާތައް ބަޔާންކުރާ ގާނޫނެވެ. އެ ގާނޫނު ހިފެހެއްޓުމުން ޝަރީއަތް ހިންގުމުގެ ވަރަށް އަސާސީ ހައްގުތައް ހަނިވެގެން ދާނެ އެވެ. ހައްޔަރުކުރާ މީހާ އާއި ދައުވާކުރެވޭ މީހާގެ ވެސް ހައްގުތައް ހަނިވެގެން ދާނެ އެވެ.
ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީއަތްކުރުމާއި ހައްޔަރުކުރެވޭ މީހުންނާއި ބަންދު ކުރެވޭ މީހުންގެ ހައްގުތަކާއި ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހުންގެ ހައްގުތައް އެއްވެސް ވަރަކަށް ހަނި ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ.
ދަރިފުޅަށް ފުލުހުން އިހްސާންތެރިވާނެ ކަމަށް އުއްމީދުކުރަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ