އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާކޮށްފައިވާ މުހައްމަދު ނަދީމްގެ މައްސަލަ ބައްލަވާ ގާޒީ ކުރިން އެންގުމަކާ ނުލާ ބަދަލުކޮށްފައިވާތީ އެ ކަންބޮޑުވުން ފާޅުކުރުމުން އަޑުއެހުން ފަސްކޮށްފި އެވެ. ނަދީމަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުންނެވެ.
މިއަދު ހެނދުނު 9:00 އަށް ތާވަލުކުރި އަޑުއެހުން ފަށާފައިވަނީ 12:00 ވަނިކޮށެވެ. އަޑުއެހުން ފެއްޓެވުމަށްފަހު މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ ދައުލަތުގެ ވަކީލް އަހުމަދު ނައުޝާދަށް ނަދީމްގެ މައްޗަށް ކުރާ ދައުވާ އިއްވުމަށް އަންގާފަ އެވެ. އެއާއެކު ނަދީމްގެ ވަކީލް މޫސާ ސިރާޖު އިޖުރާއީ ނުކުތާއެއް ނެންގެވި އެވެ.
ސިރާޖު ވިދާޅުވީ، އެ މައްސަލާގައި ކުރިން ބޭއްވި އަޑުއެހުމުގައި އިންނެވީ ގާޒީ ހުސެއިން ޝަހީދު ކަމަށެވެ. އެ އަޑުއެހުމަކީ ނަދީމް އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކުރި އަޑުއެހުމެވެ. އެ އަޑުއެހުމުގައި ދައުވާ ވެސް އިއްވި އެވެ.
މައްސަލަ ބައްލަވާ ފަނޑިޔާރު އެއްވެސް ސަބަބަކާ ހުރެ، ބަދަލުކޮށްފި ނަމަ އެ މައްސަލަ ރައްދުވާ ދެ ފަރާތަށް ވެސް ލިޔުމުން އަންގަން ވާނެ ކަމަށް ގާނޫނުގައި އޮންނަ ކަމަށާއި އެހެން ނަމަވެސް ގާޒީ ބަދަލުވިކަން ނަދީމަށް އަންގާފައި ނެތް ކަމަށެވެ.
ސިރާޖު އެ އިޖުރާއީ ނުކުތާ ފާހަގަކުރުމުން ގާޒީ ހައިލަމް ވަނީ އެ ނުކުތާއަށް ރިޔާއަތްކޮށް ގޮތެއް ނިންމުމަށް އަޑުއެހުން މެދުކަނޑާލާފަ އެވެ. އެހެން އަޑުއެހުމެއް ފަހުން ތާވަލުކުރާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
މި މައްސަލަ މީގެކުރިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމްގެ މައްސަލާގައި ވެސް ކުރިމަތިވި އެވެ. އެ މައްސަލާގައި ވެސް ޝަރީއަތް ކުރިއަށް ނުގެންގޮސް ހުއްޓާލީ އެވެ. އަދި އޭގެ ފަހުން އަޑުއެހުމެއް ތާވަލެއް ނުކުރެ އެވެ.
ނަދީމަށް ދައުލަތުން އިއްވާފައިވާ ދައުވާގައި ބުނެފައިވަނީ 2017 ވަނަ އަހަރުން ފެށިގެން ސަރުކާރު ވައްޓާލަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ކުރަމުން ދިޔަ މަސައްކަތުގައި ނަދީމް ބައިވެރިވެ، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން އެކަމުގައި އެންގެވި އެންގުތަކާ އެއްގޮތަށް ނަދީމް އަމަލުކޮށްފައިވާ ކަމަށެވެ.
އަދި ގާނޫނު އަސާސީއިން ދައުލަތް ހިންގުމުގެ ވަކިވަކި ބާރުތައް ލިބިދީ އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަސްހަލަތުތަކެއް ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި އަމުރެއް ނެރެއްވައިފައިވާތީ ވެސް ނަދީމަށް އެ ދައުވާ ކުރާ ކަމަށެވެ.
އޭގެއިތުރުން ގާނޫނީ އުސޫލުތަކުގެ ބޭރުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް މެދުވެރިކޮށް ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާ ކުރިމަތިލައި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށް ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި އާންމުންގެ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިކުރަން ނަދީމް އުޅެފައިވާ ކަމަށް ވެސް ދައުވާގައި ބުނެ އެވެ.
ގާޒީ ބަދަލުކޮށްފައިވާތީ ނަދީމްގެ ކަންބޮޑުވުން، ޝަރީއަތް ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ