އަފްރާޝީމް ނެތުމުގެ އުނިކަމަކީ ފޫބެއްދެން ދަތި ގައުމީ އުނިކަމެއް - މައުމޫން

މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ވަރަށް އަނިޔާވެރިގޮތަކަށް ހަމަލަދީ އަވަހާރަކޮށްލި ރ.އުނގޫފާރު ދާއިރާގެ މެމްބަރު ޑރ.އަފްރާޝީމް އަލީ ނެތުމަކީ މުޅި ދިވެހި ގައުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތާމައެއް ކަމަށާއި ރާއްޖޭގެ ރައްޔިތުންނާއި އަފްރާޝީމް ވަކިވެވަޑައިގަތުމުން އެ ލިބުނު އުނިކަމަކީ ފޫބެއްދެން ދަތި ގައުމީ އުނިކަމެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އަފްރާޝީމް އަލީއަކީ ވަރަށް ގިނަ ގޮތް ގޮތުން ދިވެހި ގައުމަށް، އެއްވެސް ވަރުބަލިވުމެއް ނެތި ހިދުމަތްކުރެއްވި ބޭފުޅެއް ކަމަށާއި އެމަނިކުފާނު ހިދުމަތްކުރެއްވީ ވަކިދާއިރާއެއްގައި ނޫން ކަމަށެވެ.
އެގޮތުން އެމަނިކުފާނަކީ އިލްމީ ގޮތުން ވަރަށް މަތީ ދަރަޖައަކަށް ތައުލީމް އުގެނިގެން ހުންނެވި ބޭފުޅެއް ކަމަށާއި މަޖިލިސް މެމްބަރެއްގެ އިތުރުން މޮޅު އުސްތާޒެއް ކަމަށް މައުމޫން ވިދާޅުވި އެވެ. މޮޅު ވާހަކަދެއްކުންތެރިއެއްގެ އިތުރުން ސިޔާސީ މުހައްލިބެއް ކަމަށާއި މިފަދަ ބަތޮލެއް މިގައުމުން ވަކިވެ ވަޑައިގަތުމަކީ ޝައްކެއް ނެތް ގޮތުގައި އެކަމަށްޓަކައި އަޅުގަނޑުމެން ވަރަށް ބޮޑަށް ހިތާމަކުރަން ޖެހޭކަމެއް ކަމަށެވެ.
"އަނިޔާވެރި ބައެއްގެ ރަހުމްކުޑަ އަމަލެއްގެ ސަބަބުން އެމަނިކުފާނުގެ ފުރާނަފުޅަށް ލިބުނު ގެއްލުން، މިހިތާމައަކީ އެއްގޮތަކަށް ވެސް ހަމައެކަނި ޕީޕީއެމްއަށް ލިބުނު ހިތާމައެއް ނޫން، މިހިތާމައަކީ މުޅި ދިވެހި ގައުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތާމައެއް، އެމަނިކުފާނު އަޅުގަނޑުމެންނާއި ވަކިވެވަޑައިގަތުމުން އެ ލިބުނު އުނިކަމަކީ އަޅުގަނޑުމެންނަށް ފޫބެއްދެން ދަތި ގައުމީ އުނިކަމެއް،" މައުމޫން ވިދާޅުވި އެވެ.
އަފްރާޝީމްއަށާއި އެމަނިކުފާނުގެ އާއިލާއަށް ހެޔޮ ބަސްތައް ރައްދުކުރައްވާ ވާހަކަފުޅުދައްކަވަމުން މައުމޫން ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލިތާ މިހާރު 1 މަހާއި 22 ދުވަސްވެފައިވާއިރު އެމަނިކުފާނު އަވަހާރަކޮށްލި ގާތިލުންނަކީ ކޮންބައެއްކަން ނޭންގުނު ނަމަވެސް ރާއްޖޭގެ ފުލުހުން މިހާރު ވެސް އެކަމުގައި އެ ހަރަކާތްތެރިވެވަޑައިގަންނަވާ ގޮތަށް ވަރަށް ސާބިތު ކަމާއިއެކީގައި މިތަހުގީގު ކުރިއަށް ގެންދަވާ ލަސްތަކެއް ނުވެ މިކަމާއި ބެހޭ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އަދި ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ޑރ.އަފްރާޝީމް އަލީގެ ގާތިލުން ޝަރީއަތުގެ ކުރިމައްޗަށް ގެނެސް އެބައި މީހުންނަށް ހައްހގު ޖަޒާ ދިނުން ކަމަށާއި މިފަދަ ޖަރީމާތައް ރާއްޖޭގައި ހުއްޓުވޭނީ އެފަދަ މީހުންނަށް ހައްގު ޖަޒާދެވިގެން ކަމަށް ވެސް ރައީސް މައުމޫން މިރޭ ވިދާޅުވި އެވެ.
"އަޅުގަނޑަށް ޔަގީން ދިވެހި ފުލުހުން ވަރަށް ހިންމަތާއި މިންނަތާއި އެކީގައި ވަރަށް ފަރުވާތެރިކަމާއިއެކީގައި ބޭރުގެ ފަރާތްތަކުގެ އެހީގައި މިމައްސަލަ ވަރަށް ރަނގަޅަށް ބައްލަވަމުން އެބަ ގެންދަވާކަން، އެކަމަށްޓަކައި ދިވެހި ފުލުހުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން، އެހެން ނަމަވެސް އަޅުގަނޑު އުއްމީދަކީ މާ ލަހެއް ނުވެ އެބޭފުޅުންގެ ތަހުގީގު މައުލޫމާތު ދިވެހި ރައްޔިތުންނާއި ހިއްސާކުރައްވުން ކަމުގައި ދަންނަވާލަން" ރައީސް މައުމޫން ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ރައީސް މައުމޫން ވަނީ އަންނަ ޑިސެމްބަރު 1 ވަނަ ދުވަހު ރ.އުނގޫފާރު ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވާ ކެންޑިޑޭޓު ޑރ.އަފްރާޝީމްގެ ކޮއްކޮ އިބްރާހިމް އަމީންއަށް ވޯޓުދެއްވުމަށް އެދާއިރާގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ.
އަދި މިއަންނަ އަހަރު ބޭއްވޭ ގައުމީ ޖަލްސާގައި ދީނީ ކޮމިޓީ އިންތިހާބުކުރެވޭއިރު އެކޮމިޓީގެ ރައީސްގެ މަގާމާއި އެކޮމިޓީގެ ރައީސްގެ މަގާމަކީ ޕީޕީއެމްގެ ކައުންސިލްގެ ގޮނޑިއަކަށްވެސް ވުމުން އެގޮނޑިތައް 1 އަހަރަށް ހުސްކޮށް ބޭއްވުމަށް ކައުންސިލުން ނިންމާފައިވާކަން ރައީސް މައުމޫން މިރޭ ހާމަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ