ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އެ މަގާމުން ވަކިކުރަން ޖުމްހޫރީ ޕާޓީން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މަސީހު މަގާމުން ވަކި ކުރަން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މަޖިލީހުގެ މެމްބަރުންތަކެއް ކުރަމުން އަންނަ މަސައްކަތާ ގުޅިގެން، ޕީޕީއެމް މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާ އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން އިއްޔެ ވިދާޅުވީ އެކަމުގެ އަޑީގައި ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށެވެ.
ނިހާނު ވިދާޅުވި ގޮތުގައި މަސީހާ ދެކޮޅަށް ނަގަން އުޅޭ ވޯޓަކީ އިދިކޮޅު މެމްބަރުން މަޖިލީހުގައި ވަގުތު ބޭކާރު ކުރުމަށް މީގެ ކުރިން މަޖިލިހަށް ހުށަހެޅި ކަންކަމާ ދާދި އެއްގޮތް ކަމެކެވެ. އަދި މިކަމުގެ އަޑީގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މައުމޫނާ އެކު މިހާރު މަސައްކަތް ކުރައްވާ ގާސިމް އިބްރާހިމް ވެސް ހުންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "ނިހާން ވިދާޅުވި ފަދައިން ސްޕީކާ މަސީހު މަގާމުން ވަކި ކުރާކަށް ޖޭޕީން ވެސް އަދި އަޅުގަނޑު ވެސް މަސައްކަތެއް ނުކުރަން،" ކަމަށެވެ. އަދި އެކަން ދޮގު ކުރައްވާ ކަމަށް ގާސިމް ވިދާޅުވެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގައި އިސްކޮށް އުޅުއްވަނީ މައުމޫނަށް ތާއީދު ކުރައްވާ މެމްބަރުންނެވެ. އަދި އެ މައްސަލަ ވެއްދުމަށް އިދިކޮޅު މެމްބަރުންގެ އެއްބާރުލުން ލިބެ އެވެ.
މަސީހުގެ އިތުރުން މަޖިލީހުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅުއްވާފައި ހުންނަވާ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން ވެސް ވަނީ ނިންމައިފަ އެވެ.
ދެ ފަޅިވެފައިވާ ޕީޕީއެމްގައި ތިއްބެވި މަޖިލީހުގެ މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން މައުމޫންގެ ފެކްޝަނާ ގުޅިވަޑައިގަތުމާ އެކު، ރައީސް ޔާމީން ކޮންޓްރޯލް ކުރަައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ސާފު އަގުލަބިއްޔަތަށް ބުރޫ އެރުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ. މައުމޫނާ ގުޅިވަޑައިގެންނެވި މެމްބަރުންގެ އިތުރުން ޖޭޕީގެ މެމްބަރުންނާއި އެމްޑީޕީގެ މެމްބަރުންނާއި މިހާރު ޖަލަށް ލާފައިވާ އަހުމަދު މަހުލޫފާއި އެމްޑީއޭގެ މެމްބަރު ހުސައިން އަރީފް އަދި އަދާލަތު ޕާޓީގެ އަނާރާ ނައީމް ހިމެނުމުން މަޖިލީހުގެ ދެ ބައިކުޅަ އެއްބައިހާ ވޯޓު މަސީހާ ދެކޮޅަށް ލިބުމުގެ ފުރުސަތު ބޮޑެވެ.
މަސީހު ވަކިކުރަން މަސައްކަތެއް ނުކުރަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ