ގާޒީ އަހުމަދު ރަޝީދު ކްރިމިނަލް ކޯޓުން ސިވިލް ކޯޓަށް

ކްރިމިނަލް ކޯޓުގައި މީގެ ކުރިން މަސައްކަތް ކުރައްވަމުން ގެންދެވި ގާޒީ އަހުމަދު ރަޝީދު ސިވިލް ކޯޓަށް ބަދަލުކުރައްވައިފިއެވެ.
މިބަދަލު ގެނައީ އަހުމަދު ރަޝިދުގެ އަމިއްލަފުޅު އެދިލެއްވުމުގެ މަތިން ކަމަށް ޖުޑީޝިއަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އިންވަނީ ހާމަކޮށްފައެވެ.
ގާޒީ އަހްމަދު ރަޝީދު ސިވިލް ކޯޓަށް ބަދަލުކޮށްފައި މިވަނީ ސަސްޕެންޑް ކޮށްފައި އަހަރެއް ވަންދެން ބެހެއްޓުމަށްފަހު މިދިޔަ ހަފްތާގެ ތެރޭގައި އޭނާގެ ސަސްޕެންޝަން އުވާލާފައި ވަނިކޮށެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 23 ވަނަ ދުވަހުން ފެށިގެން ޖޭއެސްސީން ބަލަން ފެށި މައްސަލައަކާއި ގުޅިގެން ސަސްޕެންޑުކޮށްފައި ހުންނެވި އަހުމަދު ރަޝީދުގެ ސަސްޕެންޝަން އުވާލާފައިވަނީ މި މަހުގެ ތެރޭގައެވެ.
އަހުމަދު ރަޝީދުގެ ސަސްޕެންޝަން އުވާލާފައިވަނީ ޖޭއެސްސީން އޭނާގެ މައްޗަށް ބެލި މައްސަލަ ސާބިތު ނުވުމުންނެވެ.
ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އަހުމަދު ރަޝީދު ސަސްޕެންޑު ކުރީ ކްރިމިނަލް ކޯޓު ހިންގާ ގޮތާ މެދު ހިތްހަމަ ޖެހިވަޑައިނުގެން ކޯޓުގެ ބައެއް ގާޒީންނާއި ދެއްކެވި ވާހަކައެއްގެ ސަބަބުންނެވެ.
ގާޒީ އަހްމަދު ރަޝީދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު ދެއްވީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ.
އަހްމަދު ރަޝީދު މީގެ ކުރިން ވަނީ ޖޭއެސްސީގައި ގާނޫނީ ވަކީލުން ތަމްސީލް ކުރައްވާ މެންބަރުގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރު ކަންވެސް ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ