ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ކަރަންޓު ކެނޑިފައިވަނީ މިރޭ ގާތް ގަނޑަކަށް 9:20 އެހާއިރު އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލެއިން ކަރަންޓް ކެނޑުނީ މަގުމަތީގައި ހުރި ކަރަންޓު ފޮއްޓެއްގެ ފޯމަރެއް "އޮފް" ވުމާއި ގުޅިގެންނެވެ. އެހެން ކަމުން އެކިސަރަހައްދު ތަކުގައި ހުރި ހަތް ފޮއްޓެއްގެ ފޯމަރު ނިވުނު ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މައްސަލަ ހައްލުކޮށް ކަރަންޓް ދިނުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.
ހުޅުމާލެއިން ކަރަންޓު ކެނޑުމަކީ މިހާރު އާންމުވެފައިވާ ކަމެކެވެ. މީގެކުރިންވެސް އެތައް ފަހަރަކު ހުޅުމާލެެއިން ކަރަންޓު ކެނޑިފައިވެއެވެ. އެހެން ކަމުން ހުޅުމާލޭގައި ދިރިއުޅޭ ބައެއް މީހުން ގެންގުޅޭ ކަރަންޓުގެ ސާމާންތަކަށް މީގެ ކުރިންވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
މިކަމާ ގުޅޭގޮތުން ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގޭގެ އިސް އޮފިޝަލަކު ބުނީ، ކަރަންޓު ދިޔައީ މަގުމަތީގައި ހުރި ކަރަންޓު ފޮއްޓެއްގެ ފޯމަރެއް އޮފް ވުމާއި ގުޅިގެން ކަމަށާއި ކަރަންޓު ދިޔަތާ 20 ވަރަކަށް މިނެޓު ފަހުން އެކަން ހައްލުކުރުމަށްފަހު އަލުން ކަރަންޓު ދީފަވާ ކަމަށެވެ.
ހުޅުމާލެއަކީ މިވަގުތު ރާއްޖޭގައި ދެ ވަނައަށް އެންމެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެވެ. އެގޮތުން ލަފާ ކުރެވޭ ގޮތުގައި ހުޅުމާލޭގައި ގާތް ގަނޑަކަށް 40000 އަށް ވުރެ ގިނަ މީހުން ދިރިއުޅެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ