އިސްރާއީލުގެ އުދުވާނީ ސިފައިން ފަލަސްތީނު މީހެއްގެ ގަޔަށް ބަޑިޖަހާ ޝަހީދު ކޮށްލައިފިއެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިން ފަލަސްތީނު މީހާގެ ގަޔަށް ބަޑިޖަހާފައިވަނީ ހުޅަނގު އައްސޭރީގެ ރެފިއުޖީ އަވަށެއް ކަމަށްވާ އަލްފަރާގައި ރޭ ހިންގި އޮޕަރޭޝަނެއްގެ ތެރޭގައެވެ.
ފަލަސްތީނުގެ އޮފިޝަލެއް ކަމަށް ޚާލިދު މަންސޫރު ވިދާޅުވީ، މިހާދިސާގައި އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދު ކޮށްލާފައިވަނީ އުމުރުން 32 އަހަރުގެ މުހަންމަދު އަލް ސަލްހީ ކަމަށެވެ.
އިސްރާއީލު ސިފައިން އޭނާގެ ގަޔަށް ބަޑިޖެހީ، އޭނާގެ ގެއަށް ސިފައިން ވަންނާން އުޅުމުން އެކަމަށް ހުރަސް އެޅުމުން ކަމަށް ޚާލިދު ވިދާޅުވިއެވެ. އިސްރާއީލު ސިފައިން ބުނެފައިވަނީ ފަލަސްތީނު މީހާގެ ގަޔަށް ބަޑިޖެހީ އޭނާގެ ގޭގެ ތެރެއަށް ވަންނާން އުޅުނު ސިފައިންނަށް ވަޅިން ހަމަލާދޭން އުޅުމުން ކަމަށެވެ.
ފަލަސްތީނުގެ އޮފިޝަލް ވިދާޅުވެފައިވަނީ އިސްރާއީލު ސިފައިން އޭނާގެ ގަޔަށް ހަފަހަރަށް ބަޑިޖަހާފައިވާ ކަމަށެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިން އަލްފަރާ ރެފިއުޖީ ކޭމްޕްގެ ގެތަކަށް ރޭގަނޑު ދަންވަރު ވަދެ ފާސްކުރަމުން ދިޔައީ ތުހުމަތުކުރެވޭ ބަޔަކު ހައްޔަރު ކުރުމަށް ކަމަށް ވެއެވެ.
އަލްފަރާ ރެފިއުޖީ ކޭމްޕަށް އިސްރާއީލު ސިފައިން ވަދެގަތުމުން އެމީހުންނަށް ގޮވާތަކެތިން ހަމަލާދީ، އެމީހުންނާ ދިމާއަށް ބަޔަކު ބަޑިވެސް ޖެހިކަމަށް ބުނެއެވެ. ނަމަވެސް އިސްރާއީލު ސިފައިންގެ އެއްވެސް މީހަކަށް ކަމެއް ނުވާކަމަށް ބުނެއެވެ.
އިސްރާއީލު ސިފައިންނާ ފަލަސްތީނު މީހުންނާ ދެމެދު 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ހިނގަމުންދާ ކުރިމަތިލުންތަކުގައި އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްތީނުގެ 248 މީހުން ޝަހީދު ކޮށްލާފައި ވެއެވެ. ފަލަސްތީނު ޒުވާނުންގެ ރައްދު ހަމަލާތަކުގައި އިސްރާއީލުގެ 40 މީހުން މަރާލާފައި ވެއެވެ.
އަލްފަރާ ރެފިއުޖީ ކޭމްޕްގައި އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ފަލަސްތީނު މީހަކު މި ޝަހީދުކޮށްލީ، ގުދުސްގައި ފަލަސްތީނު މީހަކު ޓްރަކަކުން ޖައްސައި އިސްރާއީލު ސިފައިންގެ 4 މީހުން މަރާލިތާ 48 ގަޑިއިރުވެސް ނުވަހީހެވެ. މިހަމަލާގައި އިސްރާއީލު ސިފައިންގެ އިތުރު 15 މީހުންނަށް ބޮޑެތި އަނިޔާތައް ވިއެވެ.
އިސްރާއީލުގެ އުދުވާނީ ބާރުތަކުން މިހާރުވަނީ ހަމަލާދިން ޓްރަކް ދުއްވި ޒުވާނާ ނިސްބަތްވާ އިރުމަތީ ގުދުސްގެ ޖަބަލް މުކާބަރް ވަށައިގެން ބަންދުކޮށްފައެވެ.
ފަލަސްތީނު މީހެއްގެ ގަޔަށް ބަޑިޖަހާ ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ