މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.
ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވައިޓް އެލާޓް ނެރުނީ ނ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދަށެވެ.
މި ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ ރޭ ފަތިހު 4:15 އިން ފެށިގެން މިއަދު ހެނދުނު 9:15 އަށެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުގައި މެދުރާއްޖެތެރެއަށާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްރަށަށް ގުގުރުމާއެކު ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
ރާއްޖެއަށް އިއްޔެއިން ފެށިގެން ބައެއް ހިސާބުތަކަށް ވިއްސާރަކުރަން ފަށާފައި މިވަނީ ވާރޭނުވެހޭތާ ދެ މަހަށްވުރެ ގިނަ ދުވަސް ފަހުންނެވެ. ވާރޭނުވެހޭތާ ގިނަ ދުވަސްވާތީ އިއްޔެ މެންދުރު ނަމާދަށްފަހު މުޅި ރާއްޖޭގައި ވަނީ އިސްތިސްގާ ނަމާދު ވެސް ކޮށްފަ އެވެ. އެ ނަމާދު ކުރަމުން ދަނިކޮށް ވެސް ބައެއް ރަށްރަށަށް ވާރޭ ވެހެނުއިރު މާލެއަށް ވެސް އިއްޔެ ވަނީ ވާރޭ ވެހެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ