ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޑިޖިޓަލައިޒޭޝަން މުހިންމު: މިނިސްޓަރު
ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޑިޖިޓަލައިޒޭޝަން މުހިންމު ކަމަށާއި ސަރުކާރުން މިއަދު ފެށި މަސައްކަތަކީ އެ ކަމުގެ ބިންގާކަމަށް ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ، ސިއްހީ ދާއިރާ ޑިޖިޓަލައިޒްކުމުގެ ގޮތުން އައިޓީ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ތަކެތި އަތޮޅު ތެރޭ ރަށްރަށާ ހަވާލުކުރުމަށް މިއަދު ބޭއްވި ހަފުލާގައެވެ. މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ހަފުލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޖަޒީރާއެއްގެ ގޮތުގައި ރާއްޖޭގެ ރަށްތައް ބެހިފައިވާއިރު ޑިޖިޓަލް ކުރުމަކީ ޚިދުމަތް ދިނުމަށް އެންމެ ފަސޭހަވާނެ މަގުކަމަށެވެ. "މިއަދު އަޅުގަނޑުމެން މި ފެށި މަސައްކަތަކީ، ކުރިމަގުގައި ތަޞައްވަރު ކުރެވިފައިވާ، ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމުގެ މުހިއްމު މަސައްކަތުގެ ބިންގާ އެޅުން. ފުރިހަމަ އައިޓީ އިންފްރާސްޓަރަކްޗާއަކާއެކު ނޫނީ މި ދެންނެވި ތަޞައްވަރުގައި ކުލަ ނުޖެއްސޭނެ،" މިނިސްޓަރު ވިދާޅުވިއެވެ. މީގެ ކުރިން ދަތިކަން ހުރީ ހަމައެކަނި ވަސީލަތްތައް ގާއިމްކުރެވިފައި ހުރި މިންވަރުން އެކަނި ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބަލި މީހުންގެ މައުލޫމާތު އެއްކޮށް، ބަލަހައްޓައި، އެ މައުލޫމާތު އެހެން ފަރާތްތަކަށް ހިއްސާކުރުމަކީ ވެސް ކުރިން އޮތް ވަރަށް ބޮޑު ދައްޗެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެއިރު އެ ކަން ކުރަނީ ޑިޖިޓަލް ނިޒާމެއްގެ ބަދަލުގައި ހުރިހާ މައުލޫމާތެއް އަމިއްލައަށް ލިޔެ ފޮތްފޮތުގައި ރައްކާކޮށްގެންކަމަށެވެ. "މިކަމަށް އޭރު ހުރި ހަމައެކަނި ވަސީލަތްތަކަކީ، ފަންސޫރާއި ގަލަމާއި ކަރުދާހާއި ވޯކީޓޯކީ. ވޯކީޓޯކީގެ ސިގްނަލް ރަނގަޅަށް ނުލިބޭތީ، ރަށުގެ ފުއްޓަރު ފަރާތުގެ ގާތަކު މަތިން، ދަނޑުގެ ހާމަ ސަރަހައްދުން، ބަނދަރުމަތިން، އަދި ފަޅުގައި އަޅާފައިވާ ދޯނިފަހަރަށް އަރައިގެން ވެސް ސިގްނަލް ލިބޭތޯ މަސައްކަތް ކުރަންޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ސިއްހީ ދާއިރާއަށް އަންނަ ތަރައްގީއާއެކު މިއަދު ހުރިހާ ގޮތަކުން ވެސް ފަސޭހަ ބަދަލުތައް އައިސްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އެ ބަދަލުތަކާއެކު ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވެފައިވާއިރު އެ ބަދަލާ އެއްގޮތަށް ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ގޮތަށް ބަދަލު ގެނައުން މުހިންމުކަމަށް ވިދާޅުވިއެވެ. ނައިބު ރައީސް ފައިސަލް ނަސީމް އައިޓީ ސާމާނު ހަވާލުކޮށްދެއްވުން -- މިނިސްޓަރު ވިދާޅުވީ އެ ކަމަށް އެންމެ މުހިންމު ބަދަލަކީ ސިއްހީ ނިޒާމު ޑިޖިޓަލައިޒްކުރުންކަމަށެވެ. "އަޅުގަނޑުމެން އަމާޒު ހިފައިގެން ހެލްތު ސެކްޓަރު ޑިޖިޓަލައިޒް ކުރުމަށް މިހާރު ފަށާފައިވާ މަސައްކަތަކީ މިހާރަށްވުރެ މާފުޅާކޮށް ޓެކްނޮލޮޖީގެ ބޭނުންހިފުމަށް ހަމަޖެހިފައިވާ ސިއްހީ ޚިދުމަތުގެ ދާއިރާއަށް އަނެއްކާ ވެސް އިންގިލާބީ ބަދަލު ގެނެސްދޭނޭ އުއްމީދީ މަސައްކަތެއް،" މިނިސްޓަރު ވިދާޅުވިއެވެ. މިއަދުގެ ހަފުލާގެ ތެރެއިން ފަސް ރީޖަނަލް ހޮސްޕިޓަލަށާއި 15 އަތޮޅު ހޮސްޕިޓަލުގެ އިތުރުން 163 ސިއްހީ މަރުކަޒަށް އައިޓީ އިކުއިޕްމަންޓް ހަވާލުކޮށްފައިވެއެވެ. މުޅި މި މަޝްރޫއަށް 56 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވާކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ. މި މަޝްރޫއުގެ ދަށުން އެކި ރަށްރަށަށް ޖުމްލަ 608 ކޮމްޕިއުޓަރު ސިސްޓަމާއި، 44 ލެޕްޓޮޕާއި 500 ޓެބްލެޓުގެ އިތުރުން 14 ވީޑިއޯ ކޮންފަރެންސް ސިސްޓަމްވަނީ ދީފައެވެ. އަދި 551 ޕްރިންޓަރު ވެސް ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ