ޒިކުރާ މިސްކިތް ހަދަން އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ކުރީގެ ސަރުކާރުން ހެދި އެއްބަސްވުން ބާތިލު ކުރުމުން ދިމާވި މައްސަލަ ކޯޓުން ބޭރުން ހައްލުކޮށް، ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް އެ ކުންފުނިން ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ.
މައްސަލައިގެ ފެށުން -
މަޖީދީ މަގު ޒިކުރާ މިސްކިތް ހިމެނޭ ބިމުގައި 10 ބުރީގެ މިސްކިތެއް އަޅަން އިސްލާމިކް
މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު އެއްބަސްވުން ހެދީ 9
ޖުލައި 2018 ގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ އެއްބަސްވުމުގެ ދަށުން އިސްލާމިކް މިނިސްޓްރީއިން އެ ކުންފުންޏަށް 30 މިލިއަން ރުފިޔާ ވެސް ދިނެވެ.
އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާ ކަމަށް ބުނެ
މިހާރުގެ ސަރުކާރުން އެއްބަސްވުން ބާތިލުކުރުމުން 111 މިލިއަން ރުފިޔާގެ
ބަދަލެއް ހޯދަން އެސްޖޭ އިން ސިވިލް ކޯޓުގައި ދައުވާ ކުރި އެވެ. ސިވިލް ކޯޓުން 13 ޖެނުއަރީ 2021ގައި ނިންމީ އެ ބަދަލު ނަގައިދޭން ނުޖެހޭ ކަމަށެވެ. އެ ހުކުމާ މެދު ހިތްހަމަ ނުޖެހި އެސްޖޭ އިން ދެން ދިޔައީ ހައި ކޯޓަށެވެ.
ތަފްސީލް - ނަމަވެސް، އެސްޖޭއިން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލަ އަނބުރާ ގެންދަން އެދި އެ ކުންފުނިން އިއްޔެ ސިޓީ ފޮނުވާފައިވާތީ ހައި ކޯޓުން އިއްޔެ ވަނީ އެ މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށްފަ އެވެ. އިއްޔެއަކީ އެ މައްސަލައިގައި ހުކުމް ކުރަން ތާވަލުކޮށްފައި އޮތް ދުވަހެވެ.
މި މައްސަލަ ބާތިލު ކުރީ މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވި ފަނޑިޔާރު ހުސެއިން މަޒީދާއި ހުސެއިން ޝަހީދުގެ އަގުލަބިއްޔަތުންނެވެ.
މައްސަލަ ބާތިލު ކުރުމާ މެދު ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔު ތަފާތުވި އެވެ. އޭނާއަށް ފެނިވަޑައިގަތީ މައްސަލައިގައި އެސްޖޭ އިން އިސްތިއުނާފު ކުރަން ހުށަހެޅި ނުކުތާއާ މެދު ކޯޓުން ގޮތެއް ނިންމާފައި ނުވަނީސް، އެސްޖޭ އިން އަމިއްލައަށް އެ ނުކުތާއާ މެދު ގޮތް ކަނޑައަޅައި ފޮނުވި ސިޓީއެއްގެ މައްޗަށް މައްސަލަ ބާތިލު ނުކުރެވޭނެ ކަމަށެވެ.
އެސްޖޭއިން މި މައްސަލަ އަނބުރާ ގެންދިޔައީ ކޯޓުން ބޭރުގައި އިސްލާމިކް މިނިސްޓްރީއާއި އެޓާނީ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާކޮށް އެއްބަސްވުމަކަށް އާދެވުމުންނެވެ.
އެ
މައްސަލައިގެ ޑިސްޕިއުޓް ރިޒޮލިއުޝަންގައި އެއްބަސްވީ، ޒިކުރާ މިސްކިތުގެ އެއްބަސްވުމުގެ ދަށުން އެސްޖޭއަށް މިނިސްޓްރީން ދެއްކި 30 މިލިއަން ރުފިޔާގެ
ބަދަލުގައި ދެފަރާތަށް އެއްބަސްވެވޭ ގޮތެއްގެ މަތިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތެއް
އަޅައިދިނުމަށެވެ. އެ 30 މިލިއަން ރުފިޔާ ހޯދަން މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ވަނީ ދައުވާކޮށްފަ އެވެ.
އެސްޖޭގެ ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެއްބަސްވުމަކަށް ގޮސްފަ އެވެ. މިސްކިތް އަޅަން އިތުރަށް ހިނގާ ހަރަދުތައް ވެސް އެސްޖޭ އިން ސީއެސްއާރްގެ ދަށުން ދައްކާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ދެ ފަރާތުން އެއްބަސްވި ކަންކަމުގެ މައްޗަށް މި މަހުގެ ތެރޭގައި ސެޓްލްމަންޓް އެއްބަސްވުމެއްގައި ވެސް ސޮއި ކުރި އެވެ. ދައުވާތައް އަނބުރާ ގެންދިޔުމަކީ އެ އެއްބަސްވުމުގެ ޝަރުތެކެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ
އާއި އެސްޖޭގެ ޑިރެކްޓަރު ޝިހާދު
އިބްރާހީމް އެވެ.
އެސްޖޭއިން އަޅާ މިސްކިތުގެ ތަފްސީލު:
މިސްކިތް އަޅާނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޕްލޮޓް ނަންބަރު 20394 (N5-30) ގައި
މައި ހޯލު އަދި ބޭރުގެ ޖާގަ އާއެކު 3،000 މީހުންނަށް ނަމާދުކުރެވޭނެ
މިސްކިތުގައި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމު ހުންނާނެ
427 ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމަން ޖެހޭނެ
ކޯޓުން ބޭރުގައި މައްސަލަ ހައްލުވުމުން އެސްޖޭ އިން ޒިކުރާ މިސްކިތުގެ މައްސަލަ އަނބުރާ ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ