އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މާލޭގައި ބާއްވާ ސިލްސިލާ މުޒާހަރާތަކުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރްޓީއެލް) ބަސްތަކަށް ހުރަސްއެޅުން ތަކުރާރުވަމުންދާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
އިދިކޮޅުގެ މުޒާހަރާގެ ބައިވެރިން ބަސް ދަތުރަށް ހުރަސް އަޅާތީ އާރްޓީއެލް ހިންގާ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިންވެސްވަނީ ކަންބޮޑުވުން ފާޅުކޮށް، އެކަން ހުއްޓުވާ ދިނުމަށް އެދިފައެވެ.
ބަސް ހުއްޓުވާ އިދިކޮޅު މުޒާހަރާގެ ބައިވެރިން އަޑުގަދަކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ މީސްމީޑިއާގައި ދައުރުވެފައެވެ.
މިކަމާ ގުޅިގެން، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތަކުން ބާއްވަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގައި ޓްރެފިކަށް ހުރަސް އެޅުމަކީ އާންމު ކަމަކަށް ވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ވަކި ގަޑިތަކަކަށް ތަންތަނަށް އާއްމުން ގެންދަން ދަތިވާ ކަމަށް ވެސް އާޒިމްވަނީ ވިދާޅުވެފައެވެ.
އާޒިމްވަނީ އެގޮތަށް އަމަލު ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އެފަދަ އަމަލުތައް ހިންގާ އާންމުންނަށް އުނދަގޫވާނެހެން ޢަމަލުކުރަމުންދާ މީހުންނަށް ފިޔަވަޅު އަޅައި ދިނުމަށާއި އެކަން އިސްލާހުކުރުމަށް އޭނާވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.
މިމައްސަލައިގައި އާންމުންގެ ކަންބޮޑުވުންވެސް ހުރިއިރު، އާންމުން ބުނާ ގޮތުގައި، އާންމު ދަތުރުފަތުރުގެ ނިޒާމަކީ ވަކި ބަޔަކަށް ވަކި ކުލަޔަކަށް ވަކި ގިންތިއަކަށް ނޫނީ ވަކި ޢަޞަބިއްޔަތަކަށް ނޫނީ ވަކި ފިކުރަކަށް މަޚްޞޫޞްވެގެންވާ ޚިދުމަތެއް ނޫނެވެ.
އެ ޚިދުމަތުގެ ތެރެއިން ބަހުގެ ޚިދުމަތަކީ ހުއްދަ ދެވިފައިވާ ވަކި ޚާއްޞަ މަގުތަކަކުން އާންމުންނަށް ސުހޫލަތްތެރިކަން ގެނެސްދޭ އަދި ޚާއްޞަކޮށްފައިވާ ބަސް ސްޓޮޕްތަކަށް މީހުން އަރުވައި ބާލަން ކަނޑައެޅިފައިވާ ޚިދުމަތެކެވެ.
އެ ޚިދުމަތަށް ބުރޫއަރާފަދަ ކަމެއް ކުރާ ހިނދު، ބަހުން ދަތުރުކުރާ އެތައް ފަރާތްތަކަކަށް ވަޤުތުތަކެއް ގެއްލިގެންދާކަން އާންމުން ފާހަގަކުރެއެވެ.
މިފަދަ ނާތަހުޒީބުކަންކަން ކުރާއިރު، ބަސް ދަތުރަށް ހުރަސް އެޅުމަކީ އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލުން މިނިވަންވާނެ ކަމެއްތޯ އަހައި އާންމުންވަނީ ސުވާލުކޮށްފައެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި މަނީލޯންޑަރކޮށް ރިޝްވަތު ގަބޫލުކުރިކަން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ، އެމަނިކުފާނު 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެންގީއްސުރެ އިދިކޮޅުން ދަނީ ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ.
އެގޮތުން ޕީޕީއެމް މުޒާހަރާގެ ބައިވެރިން ވަނީ ދާދި ފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މޮޓޯ ކޭޑަށް ވެސް ހުރަސް އަޅާފައެވެ.
މިކަންކަމާ ގުޅިގެން އިދިކޮޅުގެ ބަހެއް ހޯދާލުމަށް ގުޅުމުން ފޯނަށް ޖަވާބުދެއްވާފައި ނުވާތީ އެފަރާތުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
"ބަސްތަކަށް ހުރަސް އެޅީމާ ރައީސް ޔާމީން މިނިވަންވޭތަ؟"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ