''ސިއްހީ ދާއިރާގެ 3710 ދިވެހި މުވައްޒަފެއްގެ މުސާރައަށް ހެޔޮބަދަލު އަންނާނެ''

ސިއްހީ ޚިދުމަތްތެރިންގެ މުސާރަ ބޮޑުކުރަން ސަރުކާރުން ނިންމަވާފައިވާއިރު، މި ބަދަލާއެކު ދާއިރާގެ 3710 ދިވެހި މުވައްޒަފެއްގެ މުސާރައަށް ހެޔޮބަދަލު އަންނާނެކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ދެއްވި ހާއްސަ މެސެޖެއްގައި ވަނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މެއި 1 ވަނަ ދުވަހުން ފެށިގެން ގެންނަވާ ކުރިއެރުންތައް ޢިއުލާންކޮށް ދެއްވާފައެވެ.
އޭގެފަހުން ސަރުކާރުން ވަނީ އެ ކުރިއެރުންތަކުގެ ތަފްސީލް ހާމަކުރެއްވުމަށް ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ ބާއްވާފައެވެ. ރައީސް އޮފީހުގައި ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި މުސާރައިގެ ކުރިއެރުމުގެ ތަފްޞީލްތައް ޙިއްސާކުރެއްވީ، މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމާއި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އަދި ނެޝަނަލް ޕޭކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުޙައްމަދު ފައިޒަލްއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޭފްރޭމްވޯކްގެ ދަށުން ޞިއްޙީ ދާއިރާގެ މުސާރަތަކަށް ގެންނަވާފައިވާ މައިގަނޑު ބަދަލުތައް ހާމަކުރައްވަމުން ނެޝަނަލް ޕޭކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ފައިޒަލް ވިދާޅުވީ މި ބަދަލާއެކު އެލައިޑް ހެލްތުގެ ފަންނުތަކަށް މުސާރައިގެ އެކަށީގެންވާ ކުރިއެރުމެއް ގެންނަވާފައިވާނެކަމަށެވެ. އަދި ހުރިހާ ފަންނުތަކުގެ މުވައްޒަފުންވެސް އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލުކުރުމަށް ބާރުއެޅުމުގެ ގޮތުން ފުރަތަމަ ޑިގްރީއަށް މުސާރައިގެ ފަރަގުތަކެއް ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
ހަމަ އެހެންމެ ޞިއްޙީ ދާއިރާގެ ފަންނުތަކުގެ ތެރެއިން މިހާތަނަށް ދިވެހިން ބިނާކުރުމަށް ދަތިކަމަށް ފާހަގަކުރެވޭ ފަންނުތަކަށް ދިވެހިން ކުރިމަތިލުމަށް ހިތްވަރު ދިނުމުގެ ގޮތުން އެފަދަ ފަންނުތަކަށް ނިސްބަތުން ރަނގަޅު މުސާރަތަކެއް ކަނޑައަޅާފައިވާނެ ކަމަށް ފައިޒަލް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ކެންސަރުފަރުވާތައް ފަދަ ޚާއްޞަ ފަރުވާތަކަށް ޙާއްޞަ ފަންނުވެރިން ބޭނުންވާތީ އެފަންނުތަކަށްވެސް އެކަށީގެންވާ ރަނގަޅު މުސާރަތަކެއް ކަނޑައަޅާފައިވާނެކަމަށާއި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ހޮސްޕިޓަލްތަކަށް ޞިއްޙީ ދާއިރާގެ ފަންނުވެރިން ހޯދުމުގައި ކުރިމަތިވާ ދަތިތައް ޙައްލުކުރުމަށްވެސް މި ޕޭ ޕްރޭމްވޯކްގައި މުސާރަ ކަނޑައެޅުމުގައި އިސްކަންދީފައިވާނެކަން އޭނާ ވަނީ ވިދާޅުވެފައެވެ.
ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ ޖުމްލަ 3710 މުވައްޒަފުންގެ މުސާރައަށް މި ބަދަލާއެކު ހެޔޮބަދަލުތަކެއް އަންނަ އިރު އެބަދަލުތައް އަންނާނީ ހަމައެކަނި ދިވެހި މުވައްޒަފުންނަށްކަން މި ރޭގެ ޕްރެސްކޮންފަރެންސްގައި ވަނީ ފާހަގަކުރައްވާފައެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ވަނީ ޞިއްޙީ ދާއިރާގައި ހިމެނޭ 67 ޖޮބް މެޓްރިކްސްގެ މުސާރަތަކަށް ގެނެވުނު ބަދަލުތަކުގެ ތަފްޞީލުތައް ހާމަކުރައްވާފައެވެ. އޭގެތެރޭގައި ހިމެނެނީ ހެލްތު އެންޑް ސޯޝަލް ސެކްޓަރގެ 63 ޖޮބް މެޓްރިކްސްއަކާއި ހެލްތު އެޑިއުކޭޝަންގައި ހިމެނޭ 2 ޖޮބް މެޓްރިކްސްއަކާއި ސޯޝަލް ސރވިސްގައި ހިމެނޭ 2 ޖޮބް މެޓްރިކްސްއެކެވެ.
މީގެ ތެރޭގައި ހިމެނެނީ ރީޖަނަލް ހޮސްޕިޓަލްތަކުގެ 520 މުވައްޒަފުންނާއި އަތޮޅު ހޮސްޕިޓަލުތަކުގެ 471 މުވައްޒަފުންނާއި ހެލްތު ސެންޓަރުތަކުގެ 965 އަދި އައި.ޖީ.އެމް.އެޗް. ގެ 1004 މުވައްޒަފުންނާއި ހުޅުމާޅެ ހޮސްޕިޓަލުގެ 298 މުވައްޒަފުން އަދި މިނިސްޓްރީ އޮފް ހެލްތާއި އެމިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ 452 މުވައްޒަފުންނެވެ.
މީގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހުރި ބައެއް ފަންނުތަކާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑިޕާޓްމަންޓް އޮފް ޖެވެނަލް ޖަސްޓިސްގެ ބައެއް ފަންނުތަކާއި ސްކޫލްތަކުގެ ޞިއްޙީ ދާއިރާއާ ގުޅުންހުރި ފަންނުތަކެއްވެސް މީގެ ތެރޭގައި ހިމެނެއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ޞިއްޙީ ދާއިރާގެ ޚާއްޞަ އެލަވަންސްތަކާއި އިނާޔަތްތަކުގެ ތަފްޞީލްތައްވެސް ހާމަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ