އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އަންނަ ހޯމަ ދުވަހު ރިޓަޔާ ކުރައްވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ވީކިހިނެއް؟ - އެ މަނިކުފާނުގެ ރިޓަޔަމަންޓްގެ ސަބްމިޝަން ހުށަހެޅުއްވީ މިދިޔަ 8 މެއިގަ އެވެ. އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމަން މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމަށް ތާވަލުކުރި އެވެ.
ތަފްސީލް - އެނގިފައިވާ ގޮތުގައި، ކޮމިޝަނުގެ ބައްދަލުވުމުން ނިންމީ އަންނަ ހޯމަ ދުވަހު ޝަރަފުވެރިކަމާއެކު އުއްތަމަ ފަނޑިޔާރު ރިޓަޔާކުރެއްވުމަށެވެ.
ރިޓަޔާކުރަން ކޮމިޝަނުން ނިންމިކަން، އެ ކޮމިޝަނުގެ މީޑިއާ އޮފިޝަލަކު ވެސް ކަށަވަރުކޮށްދެއްވި އެވެ.
"މިއަދު ބޭއްވި ކޮމިޝަން ބައްދަލުވުމުގައި ރިޓަޔާކުރައްްވަން ނިންމަވާފައިވީ. މީގެ އިތުރު ތަފުސީލުތައް އަންނަ ހަފުތާގައި ކޮމިޝަނުން ދޭނެ،" މީޑިއާ އޮފިޝަލް 'ދައުރު'އަށް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ރިޓަޔާ ކުރައްވާ އުއްތަމަފަނޑިޔާރަކަށް ގަނޑުކޮށް 5 ލައްކައެއްހާ ރުފިޔާއާ އެކު މަހަކު 70،000ރ.ގެ އިތުރު އެލަންސެއް ދިނުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި އެވެ. އެ ގޮތުން:
ރިޓަޔާމަންޓް އެލަވަންސް ދިނުމުގައި ހިދުމަތް ކުރި މުއްދަތުގެ ގޮތުގައި ފަނޑިޔާރު ކަމުގައި ހޭދަވި މުއްދަތުގެ އިތުރުން މުޅި ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމެނުމަށް ހިމަނާފައިވޭ؛ އޭރުން މުއުތަސިމްއަށް މިހާރު ގަޑުކޮށް ލިބިވަޑައިގަންނަވަން އޮތް 185،100ރ.ގެ ބަދަލުގައި ލިބިވަޑައިގަންނަވާނީ 493،600ރ.
އޭގެ އިތުރުން ދަތުރުފަތުރުގެ އެލަންސް (ޑްރައިވަރެއްގެ މުސާރަ އާއި ޕެޓްރޯލް) އާއި ލިވިން އެލަވަންސަށް މަހަކު 70،000ރ. ދިނުމަށް ހިމެނޭ
ކޮމިޓީން ނިންމީ ޕޭ ކޮމިޝަނުން ވަކި ގޮތެއް ނިންމުމަށެވެ. އެ ކަމުގައި ޕޭ ކޮމިޝަނުން ވަކި ގޮތެއް ނިންމި ކަމެއް ނޭނގެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން މުއުތަސިމް އަދާކުރައްވާ މިއީ ދެވަނަ ފަހަރެވެ. އެގޮތުން:
ފެހި ގާނޫނުއަސާސީއާ އެކު، އެންމެ ފުރަތަމަ އެކުލަވާލި 'ދާއިމ'ީ ސުޕްރީމް ކޯޓުގެ ބެންޗުގައި މުއުތަސިމް ހިމެނިވަޑައިގަންނަވާ
މުއުތަސިމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ހިދުމަތް އޭރު ކުރެއްވީ، 10 އޮގަސްޓު 2010 އިން 2014ގެ ނިޔަލަށް
މުއުތަސިމަށް ފަނޑިޔާރުކަމުގެ މަގާމު އޭރު ގެއްލުނީ ބެންޗުން ދެ ފަނޑިޔާރަކު މަދުކުރަން ޖެހޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހަކުން
އުއްތަމަ ފަނޑިޔާރުގެ ގޮތުގައި ދެވަނަ ފަހަރަށް މުއުތަސިމް ސުޕްރީމް ކޯޓަށް އައްޔަންކުރީ 8 ޑިސެމްބަރު 2019ގައި
މުއުތަސިމް އަދާކުރެއްވި އިތުރު މަގާމުތަކަކީ:
1994 އިން 2001ގެ ނިޔަލަށް ފޮރިން މިނިސްޓްރީގެ ލީގަލް ސެކްޝަންގެ ޑިރެކްޓަރެއްގެ މަގާމު
2001 އިން 2005ގެ ނިޔަލަށް މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީންގެ މަގާމު
2005 އިން 2010ގެ ނިޔަލަށް ކްލިޕާ އެންޑް ގެލިއޮން ލޯ އެސޯސިއޭޓްސްގެ ޕާޓްނާއެއްގެ ގޮތުގައި
މުއުތަސިމް ހާސިލްކުރެއްވި ތައުލީމު:
ބަޗެލާ އޮފް ލޯ ހާސިލްކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބަކިންހަމްއިން 1992ގައި
މާސްޓާސް ހާސިލްކުރެއްވީ ފިލޮސޮފީގެ ދާއިރާއިން؛ ސްކޮޓްލޭންޑްގެ ޔުނާވިސިޓީ އޮފް ގްލެސްގޯއިން 1994ގައި
އުއްތަމަ ފަނޑިޔާރު އަންނަ ހޯމަ ދުވަހު ރިޓަޔާކުރައްވަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ