ފަންނުވެރިންނާއި އުފެއްދުންތެރިން އުފެއްދުންތައް ހިމާޔަތްކޮށް، އެކި ބާވަތުގެ ފިކުރީ މުދާ ހިމާޔަތްކުރުމަށް އިންޓެލެކްޗުއަލް ޕްރޮޕަޓީ (އައިޕީ) އޮފީހެއް އުފައްދަން އެކަމާ ގުޅޭ އިންޓެލެކްޗުއަލް ޕްރޮޕަޓީ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން، ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސެއިން ހަމީދު އެވެ. މި ބިލު މަޖިލީހަށް ހުށަހަޅުއްވަމުން ހުސެއިން ހަމީދު ވިދާޅުވީ އެ ބިލުގެ ބޭނުމަކީ ރާއްޖޭގެ ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން ކަމަށެވެ. އަދި ދިވެހި ފަންނުވެރިންނާއި އުފެއްދުންތެރިންނާއި ޒުވާނުންނަށް މީގެ ކުރިން ލިބިފައި ނުވާ ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށެވެ.
ބިލުގައިވާ ގޮތުން އެ ބިލުގެ ބޭނުމަކީ:
ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އިނޮވޭޝަންއަށް ހިތްވަރުދިނުން އެ ދާއިރާ ކުރިއެރުވުން
ގައުމުގެ އިގްތިސާދު ތަރައްގީއަށް މަގުފަހިކުުރުމަށްޓަކައި އައިޕީ އޮފީހުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރުން
އެކި ބާވަތުގެ ފިކުރީ މުދަލާއި އެއާގުޅޭ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވޭނެ ނިޒާމެއް ގާއުމުކުރުން
ތަފްސީލް - މި ބިލުގައިވާ ގޮތުން، ފިކުރީ މުދަލަކީ ފިކުރީ މުދަލާ ގުޅޭ ކަމާ ބެހޭ ގާނޫނުތަކުގެ ދަށުން ހިމާޔަތްކޮށްދޭ އެންމެހާ ބާވަތުގެ މުދަލެވެ. އޭގެ ތެރޭގައި ޓްރޭޑްމާކާއި ކޮޕީރައިޓާއި ޕޭމަންޓާއި އިންޑަސްޓްރިއަލް ޑިޒައިނާއި ޖިއޮގްރަފިކަލް އިންޑިކޭޝަންތައް ހިމެނެ އެވެ.
ބިލުގައިވާ ގޮތުން، މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާ އެކު އައިޕީ އޮފީހެއް އުފެދުނީ އެވެ. މި އޮފީސް ހިންގަމުންދާނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުންނެވެ. އަދި މަޖިލީހަށް ޖަވާބުދާރީވާނީ ވެސް މިނިސްޓަރެވެ.
މި އޮފީސް ހިންގުމުގެ އިސް ފަރާތަކީ ފަސް އަހަރުގެ މުއްދަތަަކަށް ރަޖިސްޓްރާ އޮފް އިންޓަލެކްޗުއަލް ޕްރޮޕަޓީގެ މަގާމަށް އައްޔަންކުރާ ބޭފުޅެކެވެ. އެ މަގާމަށް މީހަކު އައްޔަންކޮށް، ވަކިކުރާނީ އަދި އޭނާގެ މުސާރަ ހަމަޖައްސާނީ ވެސް މިނިސްޓަރުގެ ލަފާގެ މަތިންނެވެ.
މި އޮފީހުން ކުރާނެ މަސައްކަތަކީ:
ފިކުރީ މުދާ ރަޖިސްޓްރީކުރުން
ފިކުރީ މުދަލުގެ ދަފްތަރު ބެލެހެއްޓުން
ސަރަހައްދީ އަދި ބައިނަލްއަގުވާމީ އިންޓަލެކްޗުއަލް ޕްރޮޕަޓީ ޖަމާއަތްތަކާ ގުޅުން ގާއިމުކޮށް ފަންނީ އެހީތެރިކަމާ ލަފާ ހޯދުން
ފިކުރީ މުދަލާ ގުޅޭ ގާނޫނުގެ ދަށުން ދޭންޖެހޭ ހިދުމަތްތައް ދިނުމާއި ފީ ނެގުން
ބިލު ހުށަހަޅުއްވަމުން މެމްބަރު ހުސެއިން ހަމީދު ވިދާޅުވީ، ފިކުރީ މުދާ އުފައްދާ އެތައް ބަޔަކު ރާއްޖޭގައި ތިބިއިރު މީގެ ކުރިން ދުވަހަކު ވެސް އެ ފަރާތްތަކަށް ގާނޫނެއްގެ ދަށުން ހިމަޔާތް ލިބިފައި ނުވާ ކަމަށެވެ. އެކަމަށް ހާއްސަ އޮފީހެއް ލިބިގެންދިއުމުން އެފަދަ ފަންނުވެރިންނާއި އުފެއްދުންތެރިންގެ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ އޭނާ ވިދާޅުވި އެވެ.
"މި އޮފީހުގެ ސަބަބުން ފިކުރީ މުދަލުގެ ވައްކަމުގެ ބިރެއް ނެތި ލޯކަލް ވިޔަފާރީވެރިންނާ އީޖާދުކުރާ ފަރާތްތަކަށް ފަށައިގަންނާނެ މަގެއް ފަހިވެގެންދާނެ. މިފަދަ ކަންކަމަށް ހާއްސަ އުސޫލުތަކެއް މި ބިލުގެ ބަޔާންކޮށްފައިވުމަކީ މި ބިލު މުހިންމުވާ އެންމެ ބޮޑު އެއް ސަބަބު،" ހުސެއިން ހަމީދު ވިދާޅުވި އެވެ.
މި ބިލަކީ މުހިންމު ބިލެއް ކަމަށް ދެކުނަސް، ބައެއް މެމްބަރުން ފާހަގަކުރެއްވި ގޮތުގައި މިވަގުތު ގައުމުގެ އިގްތިސާދީ ހާލަތު އޮތް ގޮތުން އައިޕީ އޮފީހަކީ ކޮންމެހެން މިވަގުތު ގާއިމުކުރުން މުހިންމު އޮފީހެއް ނޫނެވެ. އެ މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި އޮފީހާއެކު ސަރުކާރުން ކުރަންޖެހޭ ހަރަދުތައް އަނެއްކާވެސް އިތުރުވެގެން ދިއުމެވެ.
ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ، އެ ބިލު ހުށަހަޅުއްވަނީ ރައީސްގެ ލަފާފުޅުގެ މަތިން ނަމަ، އެއީ ރަނގަޅު ކަމެއް ކަމަށް ދެކޭ ކަމަށެވެ. އެކަމަކު އެފަދަ އޮފީހެއް ގާއިމުކުރުމަކީ އިގްތިސާދު ވަރަށް ރަނގަޅަށް އޮތް ގައުމުތަކުގައި ކުރަންޖެހޭނެ ކަމެއް ކަމަށާއި ރާއްޖޭގައި އިގްތިސޯދު އޮތީ ހުއްޓިފައި ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގުނީ، އެންމެ ފަހުން ބޭއްވި އެކްސްޕޯގައި ވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އެ ބޭފުޅުންގެ އެނޮވޭޓިވް ހިޔާލުތައް ނުކުމެ އެ ތަކެތި މާކެޓުކުރުމަށް ފަހު، އެ ތަކެތި ބައްލަވައިގެން ފަރާތްތަކުން ވެސް އެ ފަރާތްތަކަށް ފައިސާ ނުދޭ ވާހަކަ،" މައުރޫފް ވިދާޅުވި އެވެ.
"ކިހިނެއްތޯ އާ އީޖާދީ ހިޔާލުތަކުގެ ތެރެއިން ތަކެތި އުފައްދާ ރަޖިސްޓްރީކޮށް، އަމިއްލަ ޕްރޮޕަޓީއެއްގެ ގޮތުގައި މާކެޓުކޮށް ދުނިޔޭގެ ބަވަނަވެފައިވާ އިގްތިސާދުގައި ފައި ހިފަހައްޓާލާނީ. މިފަދަ ގާނޫނުތައް ގެނައުމަށް ވުރެ މުހިންމީ އެ ވިޔަފާރީއަށް ފަހި މާހައުލެއް ގާއިމުކޮށްދިނުން."
މައުރޫފް ވިދާޅުވީ:
މުޅި ގައުމުގެ އިގްތިސާދު މިވަގުތު އޮތީ ފަހަތަށް، ހިފަހައްޓާލެވޭނެ އެއްވެސް ގޮތެއް ނެތް
ޑޮލަރުގެ އަގު މިވަގުތު ހުރީ މިއިން ދުވަހަކު ނުދާހާ މަތީގައި، އަދިވެސް ދަނީ މައްޗަށް
ކުދި ވިޔަފާރީތަކަށް ފުރުސަތު ނުލިބޭ ހާލަތަކަށް ގައުމުގެ ހާލަތު ދިޔައީމާ މިފަދަ ގާނޫނުތަކުގެ ބޭނުމެއް ނުހިފޭނެ
އައިޕީ އޮފީހެއް އުފެއްދުމުގެ ބޭނުމެއް މިވަގުތު ނެތްކަން ފާހަގަކޮށް، ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީ ވެސް ވާހަަކަދެއްކެވި އެވެ. އޭނާ ވިދާޅުވީ މިފަދަ ބިލެއްގެ މުހިންމުކަން ބޮޑު ނަމަވެސް، އެއީ މިވަގުތު އިގްތިސާދު ތަންދޭ ކަމެއްކަމަށް ނުފެންނަ ކަމަށެވެ.
"އަނެއްކާވެސް އިތުރު އޮފީހެއް އުފެދިގެން އިތުރު ހަރަދުތަކެއް އަޅުގަނޑުމެން ކުރަންޖެހޭއިރު އިގްތިސާދު މިއޮތީ އެ ހާލަތަކަށް ނޫން އެކިއެކި ސަބަބުތަކާ އެކު. ލިބޭ ފައިސާއިން އަޅުގަނޑުމެންނަށް މިދެވެނީ ހަމައެކަނި ދަރަނި ދައްކާ މުވައްޒަފުންގެ މުސާރައާ ބޭނުންވާ ޒަރޫރީ ބޭނުންތައް ފުރިހަމަކުރެވޭ ހާލަތުގައި. އެހެންކަމުން މިފަދަ ކަމަކާ ދޭތެރޭގައި ސަރުކާރުން މިގޮތަށް ވިސްނުމަކީ ރަނގަޅު ވިސްނުމެކޭ ނަމަވެސް އަދި އިތުރަށް ވިސްނާލަންޖެހޭ ކަމެއް އޮތީމާ އެ ވާހަކަ ވެސް ދަންނަވާލީ،" ސައުދުﷲ ވިދާޅުވި އެވެ.
އެގޮތަށް ވާހަކަ ކުރިއަށް ގެންދިއުމަށްފަހު ސައުދުﷲ ވަނީ ގައުމަށް އަދި އިގްތިސާދަށް ފައިދާ ނުވާނެ ގޮތަކަށް އިދިކޮޅުން ވެސް ވާހަކަތައް ނުދެއްކެވުމަށާއި މި ބިލު ފަރުމާ ކުރުމުގައި ވެސް މުސްތަގުބަލަށް ވިސްނާ އެންމެ ރަނގަޅު އަދި ފައިދާވާނެ ގޮތަކަށް އެކަން ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.
ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސެއިން ޒިޔާދު ވެސް ވިދާޅުވީ ބިލަކީ މުހިންމު ބިލެއް ކަމަށާއި އެކަމަކު އިގްތިސާދީ ހާލަތު އޮތް ގޮތުން އެކަމަށް ވަކި މުވައްސަސާއެއް އުފައްދަން ތާއީދުނުކުރެވޭ ކަމަށެވެ. އަދި މި އޮފީހަކީ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިނގާ ތަނަކަށްވުމުން އެކަންބޮޑުވުން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވިގޮތުން މިފަދަ އިދާރާތައް ދުނިޔޭގެ އެހެން ގައުމުތަކުގައި އޮންނަނީ މިނިވަން މުވައްސަސާއެއްގެ ގޮތުގަ އެވެ.
އެކަމަށް އިތުރު އޮފީހެއް ނުހައްދާ މިނިސްޓްރީގެ ތެެރެއިން އެކަން ކުރެވޭ ގޮތް ހެދުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
"އަޅުގަނޑުގެ ބޮޑު ސުވާލަކީ މިވަގުތަށް މި ބިލު ހަމަ މިހާ މުހިންމުހޭ. އިތުރު މުވައްސަސާއެެއް އުފައްދާތީ. އިތުރު ވަޒީފާތަކެއް އުފެދިގެންދާނެ އެއީ އަޅުގަނޑު ގަބޫލުކުރާ ކަމެއް. ނަމަވެސް އެއްކޮޅުން މި ދައްކަނީ ސަރުކާރުގެ ރިކަރަންޓު ހަރަދު ބޮޑުވެގެނެއް މިކަން ނުކުރެވިގެން މިއުޅެނީ،" ހުސެއިން ޒިޔާދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަނެއްކާވެސް މި އުފައްދަނީ އިތުރު މުވައްސަސާއެއް. އެ ތަަނަށް އަނެއްކާވެސް ނަގާނީ ސިޔާސީ މުވައްޒަފުން. ސިޔާސީ މުވައްޒަފުން ނެގޭނީ މިނިސްޓަރު އައްޔަންކުރަންޏާ."
ގުޅުންހުރި - ފަންނުވެރިންނާއި އުފެއްދުންތެރިންގެ އުފެއްދުންތައް ހިމާޔަތްކުރަން ހާއްސަ އޮފީހެއް އުފެއްދުމަށް ބިލެއް ހުށަހެޅިއިރު، ފަންނުވެރިންނާއި އުފެއްދުންތެރިންގެ އުފެއްދުންތައް ހިމާޔަތްކުރަން ޓްރޭޑްމާކް ބިލެއް ވެސް އިއްޔެ މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ. އެކަކު އަނެއްކަކުގެ އުފެއްދުންތައް ވަގަށް ނުވަތަ ނަކަލުކޮށްގެން ބޭނުންކުރުން ހުއްޓުވުމަށް، އެފަދަ އަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތަކެއް އެ ބިލުގައިވެ އެވެ.
ފިކުރީ މުދާ ހިމާޔަތްކުރަން ހާއްސަ އޮފީހެއް އުފައްދަން ބިލެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ