ބްރޯޑްކޮމްއާ ޗައިނާގެ ގައުމީ ރޭޑިއޯ/ޓީވީއާ ދެމެދު އެއްބަސްވުމެއް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި ޗައިނާގެ ނޭޝަނަލް ރޭޑިއޯ އެންޑް ޓެލެވިޒަންއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއީ ބްރޯޑްކާސްޓިން އަދި އޯޑިއޯ-ވިޝުއަލް ދާއިރާގައި އެއްބާރުލުން އިތުރުކުރުމުގެ މަގްސަދުގައި ދެ ގައުމުގެ ދެމެދުގައި ކޮށްފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ސަފާ ޝަފީގެވެ. ނޭޝަނަލް ރޭޑިއޯ އެންޑް ޓެލެވިޜަންގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ މިނިސްޓާ ސާއޯ ޝޮމިން އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ މި އެއްބަސްވުމުގެ ދަށުން ބްރޯޑްކާސްޓިން އަދި އޯޑިއޯ-ވިޝުއަލް ދާއިރާގައި ހިންގުމާއި ރެގިއުލޭޓަރީ ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމާއި ދެ ގައުމުގެ ތާރީހާއި ސަގާފީ ވަސީލަތްތައް ދިރާސާކުރުމާއި ޓީވީ ސީރީޒް އަދި އެނިމޭޝަން އާއި ޑޮކިއުމެންޓަރީ ފަދަ އެކި ބާވަތުގެ އޯޑިއޯ-ވިޝުއަލް ޕްރޮގްރާމްތައް އުފެއްދުމުގައި ޓީވީ ސްޓޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބާރުލުން ދިނުން ހިމެނޭ ކަމަށެވެ.
އަދި އޯޑިއޯ-ވިޝުއަލް އާއި މީޑިއާ ސްޓޭޝަންތަކަށް ދާއިރާއިން އެހީތެރިވެދީ، ބްރޯޑްކާސްޓިން އަދި އޮންލައިން އޯޑިއޯ-ވިޝުއަލް ޓެކްނޮލޮޖީ އާއި ބްރޯޑްކާސްޓިން ސިނާއަތަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޗައިނާގެ ޝާންޒީ ޕްރޮވިންސްގެ ޒިއާންގައި މިހާރު ކުރިއަށްދާ "ޓެލެވިޒަން ފެސްޓިވަލް" ގެ ހަވާސާގަ އެވެ. މި މަހުގެ 15 އިން 17 އަށް ކުރިއަށްދާ މި ފެސްޓިވަލް ގައި ސަފާގެ އިތުރުން ކޮމިޝަނަރު އައިމިނަތު ނުޒުހާ ވެސް ބައިވެރިވެ އެވެ.
މި ފެސްޓިވަލަކީ ބްރޯޑްކާސްޓިން ޓެލެވިޒަން އަދި އޮންލައިން އޯޑިއޯ ވިޒުއަލް ދާއިރާތަކުގައި ސިޔާސަތުތައް ވިލަރެސް ކުރުމާއި، މައުލޫމާތު ބަދަލުކުރުމާއި އަދި ސިނާއީ-ޓެކްނޮލޮޖީގެ އެއްބާރުލުން އިތުރުކުރުމާއި އެސްސީއޯގެ ކުރިމަގު ހިއްސާކުރާ ގާތް މުޖުތަމައެއް އުފެއްދުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ފެސްޓިވަލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ