ދިވެހި ރުކަށް ގެއްލުންދޭ ޕެސްޓް ކޮންޓްރޯލް ކުރަން ޗައިނާގެ އެހީތެރިކަން ހޯދުމަށް އެ ގައުމާއެކު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މަރްޔާމް މާރިޔާ އެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އެވެ.
ދެ އަހަރު ދުވަހުގެ އެ އެއްބަސްވުން އަމާޒު ކޮށްފައިވަނީ ފުޑް ސެކިއުރިޓީއަށާއި އެގްރިބިޒްނަސް ކުރިއެރުވުމުގެ މުހިންމު ބާވަތެއް ކަމަށް ކަނޑައަޅާފައިވާ ދިވެހި ރުކަށެވެ.
އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނީ ޗައިނާއާއެކު ސޮއިކުރި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރާއްޖެއަށް ބޯޑަރުހުރަސްކޮށް އެތެރެވެފައިވާ ރުކާއި ރުކުގެ ބައިތަކަށް ގެއްލުންދޭ ޕެސްޓު ކޮންޓްރޯލްކުރުން ކަމަށެވެ.
ރުއްތަކުގެ ޕެސްޓް ކޮންޓްރޯލް ކުރުމުގެ މި އެއްބަސްވުމުގައި ސޮއިކޮށްފައި މިވަނީ ރާއްޖޭގައި ދިވެހި ރުއް އިންދުމުގެ ބަދަލުގައި ކަދުރު ރުއް އިންދުމަށް ސަރުކާރުން އިސްކަން ދީފައިވާތީ އެކަމާ އާންމުން ނުރުހުން ފާޅުކުރަމުން ދަނިކޮށެވެ.
މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވާއިރު އެ ސަރަހައްދު ކަދުރު ރުކުން ފުރާލުމުން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް ވަނީ އަމާޒުވެފަ އެވެ.
ރާއްޖޭގެ ރުއްތަކަށް ގެންލުންދޭ ސޫފާސޫފީގެ ތެރެއިން އެންމެ ނުރައްކާތެރި ކޮކޮނަޓް ހިސްޕިޑް ބީޓްލް ނަމަކަށް ކިޔާ ރުކުމަޑި ކޮންޓްރޯލްކުރުމަށް ނެޗުރަލް އެނެމީ ލެބޯޓަރީއެއް ޗައިނާގެ އެހީތެރިކަމާއެކު ހދ. ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ ރުއްތަކަށް ގެއްލުންދޭ ރުކުމަޑި ކޮންޓްރޯލްކުރުމަށް ތިމާވެއްޓާއި ރައްޓެހި، އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާއިން ވަނީ އެއްބަސްވެފަ އެވެ.
ދިވެހި ރުކަށް ގެއްލުންދޭ ޕެސްޓު ކޮންޓްރޯލްކުރަން ޗައިނާއާއެކު ސޮއިކޮށްފި ދިވެހި ރުކަށް ގެއްލުންދޭ ޕެސްޓު ކޮންޓްރޯލްކުރަން ޗައިނާއާއެކު ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ