ފަލަސްތީނުގެ އޮފިޝަލުންނަށް އެމެރިކާއިން ވިސާ ދޫކުރުން މަނާކުރުމަށް ނިންމި ނިންމުން ސްޕެއިންއިން ވަރަށް ބޮޑަށް ކުށްވެރިކޮށްފިއެވެ.
އެމެރިކާއިން ވަނީ ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް އާއި އިތުރު 80 އޮފިޝަލުން އެގައުމަށް އެތެރެވުން މަނާކޮށް ވިސާ ނުދޭން ނިންމާފައެވެ.
ސްޕެއިންގެ ފޮރިން މިނިސްޓަރ ޖޯސޭ މެނުއެލް އަލްބާރެސް ވިދާޅުވީ، މިއީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، މިކަމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަންނަންވާނެ ކަމެއް ނޫން ކަމަށެވެ.
ކޯޕަންހޭގަންގައި ބޭއްވުނު އީޔޫ ފޮރިން މިނިސްޓަރުންގެ ނުރަސްމީ ބައްދަލުވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން ސްޕެއިންގެ ފޮރިން މިނިސްޓަރ އަލްބާރެސް ވިދާޅުވީ، ފަލަސްތީނުގެ ވަފުދު ނުވަތަ ރައީސް މަޙްމޫދު އައްބާސްއަށް އދ. ގެ އާންމު މަޖިލީހުގައި ބައިވެރިނުވެވުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެފަރާތްތަކުގެ ރައްކާތެރިކަމާއި އިމްތިޔާޒުތައް ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ލިބެންޖެހޭނެ، އަދި މިކަން ދިފާއުކުރުމުގައި އިއްތިހާދު (ޔޫރަޕިއަން ޔޫނިއަން) އެންމެ ކުރީ ސަފުގައި ތިބެންޖެހޭނެ، މިއަދުގެ ބައްދަލުވުމުން މިކަމުގެ ސާފު މެސެޖެއް ދޭންޖެހޭނެ،" އަލްބާރެސް ވިދާޅުވިއެވެ.
މި ފުރުސަތުގައި އަލްބާރެސް ވަނީ އިސްރާއީލު-ފަލަސްތީނު ހަނގުރާމައާ ގުޅޭގޮތުން އިއްތިހާދުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސްޕެއިނުން ގޮވައިލަމުންދާ ގޮވައިލުން ތަކުރާރުކުރަށްވާފައެވެ. އަދި ހަމައެކަނި ބަޔާން ނެރުމަކުން މިހާރު ފުދޭނެކަމަށް ނުފެންނަ ކަމަށް އޭނާ އިންޒާރުދެއްވިއެވެ.
"އިއްތިހާދުން ކުރަނީ މާ މަދު މަސައްކަތްތަކެއް، އަދި އެވެސް މާ ލަހުން، އަދި އެއްވެސް ކަމެއް ނުކޮށް ތިބެނީ، އެއްވެސް ކަމެއް ހާސިލުކުރެވިފައެއް ނުވޭ، އެހެންކަމުން ބަޔާން ނެރުމުގެ ދައުރު މިހާރު ވަނީ ނިމިފައި، އަޅުގަނޑުމެން ކުރިއަށް ދާންޖެހޭ،" އޭނާ ވިދާޅުވިއެވެ.
ސްޕެއިނުން ހުށަހަޅާފައިވާ އެކްޝަން ޕްލޭނެއްގެ ތަފްސީލު ދެއްވަމުން އަލްބާރެސް އިތުރަށް ވިދާޅުވީ، ޔޫރަޕިއަން އިއްތިހާދަށް އިސްރާއީލާ ގުޅުން ބޭއްވޭނީ އިންސާނީ ޙައްޤުތަކުގެ ތެރެއިން ކަމަށެވެ. އަދި ކޮމިޝަނުގެ ރިޕޯޓުން ސާފުކޮށް ދައްކުވައިދީފައިވާ ފަދައިން، ބޮޑެތި ޚިލާފުވުންތަކެއް ހިނގާފައިވާނަމަ ފިޔަވަޅުއަޅަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
''މިހާރު މިއީ ހަނގުރާމައިގެ ވަގުތެއް ނޫން، މިއީ ޢަމަލުކުރަންޖެހޭ ވަގުތު، ހަނގުރާމަ ހުއްޓުވުމަށް ޢަމަލުކުރަންޖެހޭ ވަގުތު، އިސްރާއީލުން ޣައައްޒާއަށް ކުރަމުންދާ ބަނޑަށްޖެހުމުގެ ބްލޮކޭޑް ނިމުމަކަށް ގެނައުމަށް ޢަމަލުކުރަންޖެހޭ ވަގުތު،" އޭނާ ވިދާޅުވިއެވެ.
ސްޕެއިނުން އިއްތިހާދަށް ހުށަހަޅާފައިވާ އެކްޝަން ޕްލޭނަކީ، ޔޫރަޕިއަން ޤާނޫނުތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރުން ކަމަށް އަލްބާރެސް ފާހަގަކުރެއްވިއެވެ. އޭނާ ވަނީ ޔޫރަޕިއަން އިއްތިހާދުން އަޅަންޖެހޭ 4 މުހިންމު ފިޔަވަޅެއް ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ
- ހަތިޔާރު ވިއްކުން މަނާކުރުން: އިއްތިހާދުން އިސްރާއީލަށް ހަތިޔާރު ވިއްކުން މަނާކުރުން.
- ފިޔަވަޅު އެޅުން: ދެ ދައުލަތުގެ ޙައްލަށް ހުރަސްއަޅަން އުޅޭ ކޮންމެ ފަރާތަކަށްވެސް ދަތިކުރުމަށް ފިޔަވަޅު އަޅާ މީހުންގެ ލިސްޓު އިތުރުކުރުން.
- މާލީ އެހީތެރިކަން: ފަލަސްތީނު ނެޝަނަލް އޮތޯރިޓީއަށް ވަރަށް ބޮޑަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން.
- ބައިނަލްއަޤްވާމީ ޤާނޫނަށް ތަބާވުން: ބައިނަލްއަޤްވާމީ ކޯޓު އޮފް ޖަސްޓިސްގެ ހުރިހާ ޙުކުމްތަކާއި ލަފާދޭ ބަޔާންތަކަށް ޢަމަލުކުރުން. މިސާލަކަށް، ޣައިރު ޤާނޫނީ އާބާދީތަކުން އަންނަ އުފެއްދުންތަކާއެކު ވިޔަފާރިކުރުން ހުއްޓުވުމެވެ.
ޔޫރަޕިއަނުން އިއްތިހާދާއި އިސްރާއީލާ ދެމެދު ވެފައިވާ އެއްބަސްވުން ފުރިހަމައަށް ހުއްޓާލުމަށްވެސް ސްޕެއިނުން ހުށަހަޅާކަމަށް އަލްބާރެސް ވިދާޅުވިއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ފަލަސްތީނު އޮފިޝަލުންނަށް ވިސާ ނުދިނުމަށް އެމެރިކާއިން ނިންމުން ބަލައެއް ނުގަނެވޭނެ: ސްޕޭން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ