ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމަކީ އަނދިރި ދައުލަތެއް ކަމަށާއި މި ވެރިކަމުގައި ރައްޔިތުން އިހުސާސް ކުރަނީ ދަތިކަމާއި އަޅުވެތިކަމާއި ނިކަމެތިކަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވި އެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓުން "ވޭކް އަޕް" ނަމުގައި އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، މުއިއްޒުގެ ވެރިކަމުގައި ޝަކުވާ ނޫން ޖާގައެއް އުފުލުމުގެ ޖާގައެއް ރައްޔިތުންނަށް ނުލިބޭ ކަމަށެވެ.
"ޝަކުވާ ނޫން ކަމެއް އުފުލާނެ ޖާގަ ދިވެހިރާއްޖޭގައި ނެތީ މިއަދު. މިއީ އަޅުގަނޑުމެން ފެބްރިކޭޓް ކުރާ ކަމެއް ނޫން. މިއީ ދިވެހި ރައްޔިތުން މިއަދު އިހުސާސް ކުރާ، އުދާސް ކުރާ ދަތިކަމާއި އަޅުވެތިކަމާއި ނިކަމެތިކަން،" ޔާމީން ވިދާޅުވި އެވެ.
މުއިއްޒުގެ ވެރިކަމަކީ އަނދިރި ދައުލަތެއް ކަމަށް ސިފަ ކުރައްވަމުން ޔާމީން ވިދާޅުވީ، ސަރުކާރުން ހިންގާ ބޭއިންސާފުގެ ނަތީޖާއަކަށްވާނީ ދިވެހި ރައްޔިތުން ފުނޑިގެންް ދިޔުން ކަމަށެވެ.
"އަނދިރި ދައުލަތެއްގެ ފަރާތުން މި ހިންގާ ބޭއިންސާފުގެ ނަތީޖާއަކަށް ވެގެންމިދަނީ ދިވެހި ރައްޔިތުން ފުނޑިގެން ދިޔުން،" ޔާމީން ވިދާޅުވި އެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، މިއަދު ދިވެހިރާއްޖޭގައި ހަމަޖެހިލައިގެން އުޅެނީ ސަރުކާރުގެ ވެރިންނާއި އެ ވެރިންގެ ރަހުމަތްތެރިން ކަމަށެވެ. އެކަމަކު، ރައްޔިތުންގެ ހާލަތު ދުވަހުން ދުވަހަކަށް ދަށްވަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއަދު ހިތްހަމަޖެހިލައިގެން މި އުޅެނީ ވެެރިންނަށް ތިއްބެވި ބޭފުޅުންނާ އެބޭފުޅުންގެ އާރުކާޓީގެ ތެރޭގައި ތިބޭ މީހުން. ޖީބުތައް ފަލަވެގެން މި ދަނީ ރިޝްވަތުގެ ފައިސާއިން. އެއް ދުވަހުން އަނެއް ދުވަހަށް ރައްޔިތުންގެ ހާލަތު މި ދަނީ ދަށަށް. މިއީކީ ގައުމެއް އޭގެ ޒާތުގައި ވާނެ ގޮތެއް ނޫން،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ، ސިޔާސީ މައިދާނުގައި ކަންކަން ހިނގާ ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނާ ގޮތުގެ ޅެމެއް ވިދާޅުވެފަ އެވެ.
"ފިނިފެންމަލާ އަސުރުމަލާ ގުލްޝަން އުޖާލާކޮށްފިއްޔޭ، ހިނިތުންވެގެން ބަނޅިދާ ކޮކާ ފޮނި ބޯހިތުން އައިސް އުދުހެނީ. ފަނޑު ނޫ ކުލައިން ގެނުވައިފިޔޭ ބަލިމަޑުކަމާ ހައިހޫނުކަން، ގަނޑުބޮޑުނުކޮށް ފައްކާވިޔޭ ވައުދާ ކޮރަޕްޝަން ގައިގޯޅިކޮށް،" ޔާމީން ވިދާޅުވި އެވެ.
ހުލާސާކޮށް އިއްޔެ: މުއިއްޒު ހިންގަވާ އަނދިރި ދައުލަތުގެ ސަބަބުން ރައްޔިތުން ފުނޑުފުނޑު ވަނީ ހުލާސާކޮށް އިއްޔެ: މުއިއްޒު ހިންގަވާ އަނދިރި ދައުލަތުގެ ސަބަބުން ރައްޔިތުން ފުނޑުފުނޑު ވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ