ލަދު ނުގަންނަ ނަމަ ހަމަ ކޮންމެ ކަމެއް ވެސް ކުރަންވީ އެވެ. ހިޓުލަރަކީ ވެސް ދުނިޔެއަށް ލަދެއް ހުރި އިންސާނަކަށް ވީ ނަމަ އޭނާގެ ވާހަކަ ވެސް ތާރީހުގައި ލިޔެވޭނީ މިހާރު މި ލިޔެ އުޅޭ ގޮތަކަށް ނޫނެވެ. އޭނާއަށް ވެސް ބޭނުންހައި ކަމެއް ކޮށްލެވުނީ ލަދެއް ހަޔާތެއް ނެތީމަ އެވެ.
އެޑޮލްފް ހިޓްލަރު 1933 ގައި ވެރިކަމާ ހަވާލުވިއިރު ނާޒީ ޕާޓީގެ ބާރުގެ ދަށުގައި އޮތީ ޖަރުމަނުގެ 4،700 މީޑިއާގެ ތެރެއިން އެންމެ 3 އިންސައްތައަށްވުރެ މަދު މީޑިއާ އެކެވެ. އެއީ އެ ޕާޓީގެ ފައިސާއިންނާއި އެ ޕާޓީއަށް ހަރަދު ކުރާ ފަރާތްތަކުން އުފައްދާފައިވާ ތަންތަނެވެ. ހިޓުލަރު ވެރިކަމަށް އައުމާއެކު އޭނާ ކަންކަން ރާވާލައި ހިންގާލަން ފެށިގޮތުގެ ހުލާސާ ލިޔުމެއް މީގެ ކުރިން ލިޔުނީމެވެ. ތިރީގައި އެވަނީ އެ ލިޔުމެވެ. އެހެންވީމާ މި ލިޔުމުގައި އެ ވާހަކަތައް ތަކުރާރެއް ނުކުރާނަމެވެ.
ދި އެނޭބްލިންގ އެކްޓު ނުވަތަ ހުރިހައި ބާރެއް ލިބިދިން ގާނޫނަށް ފަހު ބައެއް ސިޔާސީ ޕާޓީތައް މަނާކުރެވުމުން އެ ޕާޓީތަކާއި، އެ ޕާޓީތަކާ ގުޅުންހުރި މީހުންގެ މަދަދާއެކު ހިންގަމުން ގެންދިޔަ އެތައް ނޫސްތަކެއް އުވިގެން ދިޔަ އެވެ. އޭގެ ފަހަށް ކޮމިއުނިސްޓް އަދި ސޯޝަލް ޑިމޮކްރެޓިކް ޕާޓީތަކުގެ ޗާޕުހާނާތަކާއި، އެކަމަށް ބޭނުންކުރި ހުރިހައި އާލާތްތައް ދައުލަތަށް އަތުލީ އެވެ. އެ ފެށުނީ ސަރުކާރުގެ މޫނުމަތި ރީތިކުރުމާއި، ސަރުކާރާ ދެކޮޅު މީޑިއާތައް ނައްތާލައި، ނޫސްވެރިކަން ފުރިހަމަ ބާރުގެ ދަށަށް ގެނައުމުގެ މަރުހަލާ އެވެ.
ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް މީޑިއާތަކުން އެންމެ ފުރަތަމަ ވެސް އާންމު ކުރަން ފެށީ ސަރުކާރާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ގައުމުގައި ހަމަނުޖެހުން އުފައްދަން އުޅޭކަމުގެ ހަބަރުތަކެވެ. އިދިކޮޅު ސިޔާސީ ލީޑަރުންގެ ތެރެއިން ސަރުކާރާ ދެކޮޅަށް ކަމެއް ކޮށްފާނޭކަމަށް ފެންނަ ކޮންމެ ލީޑަރެއް އަގު ވައްޓާލުމަށް އެ މީޑިއާތަކުން މަސައްކަތްކުރި އެވެ. މިމަގުން ފެތުރި ހަބަރުތަކުން އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށްފަހު، އެކަން ހައްލުކުރުމުގެ ނަމުގައި އިދިކޮޅު ސިޔާސީ ލީޑަރުން ހިފައި ހައްޔަރުކުރަން ފެށި އެވެ. އެކަން ކުރާން މަގުމައްޗަށް ނެރުނީ ނާޒީންގެ އެންމެ މަތީ ފަންތީގެ ޕެރަމިލިޓަރީ އެވެ. ސިޔާސީ ވާދަވެރިންނަށް އަނިޔާކޮށް އެމީހުން ބަންދުކުރެވުނީ އެކަމަށް ހާއްސަކޮށްގެން ހެދި ބަންދު މަރުކަޒުތަކާއި ކޮންސެންޓްރޭޝަން ކޭމްޕްތަކުގަ އެވެ. އޭގެ ފަހުގައި ނާޒީ ގުންޑާއިން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އޮފީސްތަކަށް ވަދެ، ޕްރިންޓިންގ ޕްރެސްތަކާއި ނޫސްތައް ހަލާކުކުރި އެވެ.
ނާޒީ ވެރިކަމުން ނޫސްވެރިކަމުގެ މައްޗަށް ބާރު ހޯދުމަށް އެޅި އެންމެ މުހިންމު ފިޔަވަޅަކީ 1933 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި، "އެޑިޓަރުންގެ ގާނޫނު" ފާސްކުރުމެވެ. މި ގާނޫނު ހިންގާނޭ ބެލެނެވެރި ފަރާތެއްގެ ގޮތުގައި އެކަށައެޅުނީ މިނިސްޓްރީ އޮފް ޕަބްލިކް އެންލައިޓްންމަންޓް އެންޑް ޕްރޮޕެގެންޑާ އެވެ. އެ މިނިސްޓްރީ ހިންގާ ވަޒީރަކީ ޖޯސަފް ގޮބެލްސް އެވެ. ހައްދު ފަހަނައެޅި ހަރުކަށި ފިކުރުގެ މީހެކެވެ. މާޗް 25، 1933 ގައި އޭނާ އޭނާ ނޫސްވެރިންނަށް މައުލޫމާތު ދެމުން އެ މިނިސްޓްރީގެ މެންޑޭޓު ނުވަތަ ހަވާލުކުރެވިފައިވާ ޒިންމާ ކިޔައިދިނެވެ.
އޭނާ ބުންޏެވެ. "މިނިސްޓްރީގެ މަސްއޫލިއްޔަތަކީ ޖަރުމަނުވިލާތުގައި އިލްމާއި، ފިކުރު ކުރިއެރުވުމުގެ ގޮތުން ހަރަކާތްތެރިވުމެވެ. މިނިސްޓްރީގެ ދައުރަކީ، ސަލާމަތީ ދާއިރާގައި ދިފާއީ މިނިސްޓްރީގެ ދައުރާ އެއްފަދަ ދައުރެކެވެ. މާއްދީ ގޮތުން އަމިއްލަ ނަފްސު ދިފާއުކުރުމުގެ ގާބިލުކަން އިތުރުކުރަން މަސައްކަތް ކުރާ ފަދައިންގެ ފިކުރިއްޔާތުގެ ދިފާއުގައި ހަރަކާތްތެރި ކުރުވުމަކީ އެހާމެ މުހިންމު، ނުވަތަ އެއަށްވުރެވެސް މުހިންމު ކަމެކެވެ." އޭނާ އެ ބުނާ ފިކުރިއްޔާތަކީ ހިޓްލަރުގެ ސަރުކާރަށް ފުރިހަމައަށް ބޯ ލެނބުމާއި ހަމަ އެއްވެސް ގޮތަކުން އެ ސަރުކާރަށް ފާޑެއް ނުކިޔުމުގެ ފިކުރެވެ.
ޕްރޮޕަގެންޑާ މިނިސްޓްރީން ގެންދިޔައީ "އެޑިޓަރުންގެ ގާނޫނު" ގެ ކޮންމެ އަކުރެއް ތަންފީޒު ކުރުމަށް އެ ހިނދަކަށް ބޭނުން ޖެހުނު ކޮންމެ ކަމެއް ކުރަމުންނެވެ. އެ ގާނޫނުގެ 14 ވަނަ މާއްދާގައި އޮތްގޮތުން 'ދައުލަތާމެދު ފިތުނަ އުފެދޭ ގޮތަށް ޖަރުމަނުގެ ނޫހެއްގައި ނުވަތަ އެ ނޫން ވެސް ނޫހެއްގައި ލިޔުމަކީ މަނާ ކަމެކެވެ.' އެ މާއްދާ މާނަކުރަނީ ޕްރޮޕަގެންޑާ މިނިސްޓްރީއަށް ފެނުނު ގޮތަކަށެވެ. ސަރުކާރުން ކުރާ ކަމަކަށް ފާޑު ކިޔުމަކީ ފިތުނަ އުފެއްދުމެވެ. އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކުގެ ވާހަކަ ދެއްކުމަކީ ދައުލަތަށް ހިޔާނާތްތެރިވުމެވެ.
'އެޑިޓަރުންގެ ގާނޫނު' އެއީ ތަފްސީލު ގާނޫނެއް ނޫނެވެ. ނޫސްވެރިންނަށް މަރުގެ އަދަބު ދެވޭނޭ ވާހަކައާއި ޖަލަށް ލެވޭނޭ ވާހަކައެއް އެއަކު ނެތެވެ. ދެލިގަނޑުގައި އޮތީ 'ގައުމީ އެއްބައިވަންތަކަން' 'ގައުމިއްޔަތު' 'ހަމަޖެހުން' ފަދަ މަތި އޮމާން ބަސްތަކާއި އިބާރާތްތަކެވެ. އަސްލު މަންޒަރު ފެންނަނީ އެ ގާނޫނު ތަންފީޒު ކުރަމުން ގެންދިޔަ ގޮތަށް ބެލުމުންނެވެ.
އެ ގާނޫނުގައި އޮތްގޮތުން ޔަހޫދީންނާއި، ޔަހޫދީންނާ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ވެސް ނޫސްވެރިކަމުގައި ހަރަކާތްތެރިވުން މަނާ ވެ އެވެ. ނޫސްވެރިކަމުގައި ހަރަކާތްތެރިވާ މީހުންނަކީ ވެސް އެ ގާނޫނުގެ ދަށުން ކަނޑައަޅާ ގޮތުގައި "ޕަބްލިކް ސަރވަންޓުން" ނެވެ. އެ ގާނޫނުން ވަނީ ނޫސްވެރިންނަށް ހާއްސަ ޒިންމާތަކެއް ހަވާލުކޮށްފަ އެވެ. އޭގެ ތެރެއިން މުހިންމު ޒިންމާއަކީ "ދައުލަތުގެ ގަދަރާއި ބާރު" ކުރިއެރުވުމާއި ދިފާއުކުރުމުގެ ޒިންމާ އެވެ. އެ ބުނާ ދައުލަތަކީ ހިޓުލަރާއި އޭނާގެ ސަރުކާރެވެ.
މި ހުރިހައި ފިޔަވަޅުތަކެއްގެ ނަތީޖާއެއްގެ ގޮތުން، ޖަރުމަނުވިލާތުގެ ނޫސްވެރިކަން މުޅިން ނާޒީންގެ ބާރުގެ ދަށަށް ގެނެވުނެވެ. މިނިވަން ނޫސްވެރިކަން ނެތިދިޔައީ އެވެ. އަދި ނޫސްތަކަކީ ހަމައެކަނި ނާޒީ ވެރިކަމުގެ އަޑު އުފުލާ ވަސީލަތްތަކަކަށް ވެގެންދިޔަ އެވެ. މިކަމުގެ ސަބަބުން ޖަރުމަނު ރައްޔިތުންނަށް ލިބެމުންދިޔައީ ސަރުކާރުން ފޯރުކޮށްދޭން ބޭނުންވާ މައުލޫމާތެއް އެކަންޏެވެ.
ހިޓުލަރަށް އޭނާގެ ގަދަ ބާރު ރަނގަޅަށް ހިންގައި ލެވުނީ މީޑިއާގެ ފުރިހަމަ ކޮންޓްރޯ ނެގުމަށްފަހުގަ އެވެ. މިއީ ލިޔެވިފައިވާ ތާރީހެވެ. ކިޔާލަން ބޭނުން ކޮންމެ މީހަކަށް ފެންނާނޭ ގޮތަށް އެހުރީ ޝާއިއު ކުރެވިފަ އެވެ. ތާރީހު ލިޔުނު މީހުންގެ ބޭނުމަކީ އިރެއްގައި ހިޓުލަރު ފަދަ ނުބައި ނުލަފާ ވެރިޔަކު އުޅުނުކަން ބުނެދިނުމެވެ. އެހެނަސް ބައެއް މީހުން މި ތާރީހު ކިޔާލަނީ ހިޓުލަރު އެ ހިނގި މަގުން ހިނގާން ކަމަށް ހިތަ އެވެ. އެވެރިންނަށް އަދި ނުކިޔޭ ބާބަކީ 'އީގަލްސް ނެސްޓުން' ހިޓުލަރު ފައްސައި ނަގާލެވުނުގެ ގޮތުގެ ބާބެވެ.
ހިޓުލަރުގެ ޕްރޮޕެގެންޑާ މިނިސްޓްރީއާއި 'އެޑިޓަރުންގެ ގާނޫނު' ހިޓުލަރުގެ ޕްރޮޕެގެންޑާ މިނިސްޓްރީއާއި 'އެޑިޓަރުންގެ ގާނޫނު'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ