އެޓުލީގެ ފިލްމަށް ދީޕިކާ ދިނީ 100 ދުވަސް

ފިލްމު "ޕުޝްޕާ"ގެ އެކްޓަރު އައްލޫ އަރުޖުން ލީޑް ރޯލް ކުޅޭ ޑައިރެކްޓަރު އެޓުލީގެ ފިލްމުގެ ޝެޑިއުލްއަށް 100 ދުވަސް ދިނުމަށްފަހު ފިލްމުގެ މަސައްކަތަށް ނޮވެމްބަރު މަހު ނުކުންނާނެކަން އިއުލާނުކޮށްފިއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުގައި މި ފިލްމުގެ މަސައްކަތް ތެލުގޫ އެކްޓަރު އައްލޫ އުރުޖުން އާއި ތަމަޅަ ޑައިރެކްޓަރު އެޓުލީގެ ހުރިހާ ވަގުތެއް ވަނީ ހުސްކޮށްފައެވެ. ނަމަވެސް މި ފިލްމުގެ އިތުރުން ބަތަލާ ދީޕިކާ ވަނީ އެކްޓަރު ޝާހްރުކް ޚާންގެ ކެރިއަރުގެ އެންމެ މުހިއްމު އެއް ޕްރޮޖެކްޓް ކަމަށްވާ ފިލްމު "ކިންގް"ގެ ރޯލަކަށް ވެސް ސޮއިކޮށްފައެވެ. އެޓުލީގެ މި ފިލްމަށް ވަގުތީ ގޮތުން " AA22xA6" ނަން ދީފައިވާއިރު މިއީ ވަރަށް ބިޔަ ޕްރޮޖެކްޓެއް ކަމަށާއި ފިލްމަށް ކަނޑައަޅާފައިވާ ބަޖެޓު ވެސް އެހާމެ ބޮޑު ކަމަށް ރިޕޯޓުތައް ބުނެއެވެ. ތެލުގޫ އެކްޓަރު އައްލޫ އަރުޖުން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ދީޕިކާ އާއި އައްލޫ އަރުޖުންގެ އިތުރުން މި ފިލްމުގެ ވަރަށް މުހިއްމު ރޯލްތަކުން ފިލްމީ ތަރިން ކަމަށްވާ ރަޝްމިކާ މަންދަންނާ، ޖާންވީ ކަޕޫރު އަދި މްރޫނާލް ތާކުރު ފެންނާނެ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. މިހާތަނަށް ދީޕިކާ ކުޅެފައިނުވާ ކެރެކްޓާ އަކުން ބެލުންތެރިންނަށް ބަތަލާ މި ފިލްމުން ފެންނާނެއިރު ދީޕިކާ ކުޅެން ހަމަޖެހިފައިވާ ވަރަށް ވަރުގަދަ އެކްޝަން ސީންތައް ފިލްމުގައި ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފިލްމާ އެކު ފިލްމު "ކިންގް"ވާނީ ދީޕިކާ މަންމައަކަށް ވުމަށްފަހު މަސައްކަތް ފަށާނެ ހަމައެކަނި ބޮލީވުޑްގެ ދެ ފިލްމަށެވެ. އެހެންކަމުން އަންނަ އަހަރަކީ ދީޕިކާއަށް ވަރަށް ބިޒީ އަހަރެއް ކަމަށާއި 2026 ނިމެންވާއިރަށް ދެ ފިލްމުގެ މަސައްކަތް ވެސް އެއްކޮށް ނިންމާލުމަށް ބަތަލާ ޕްލޭންކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ