ބައޮގްރަފިކަލް ޑްރާމާ 'ސޯންގްސް އޮފް ޕެރެޑައިސް' މި މަހު އެމެޒޯން ޕްރައިމްއަށް
ކަޝްމީރުގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރާޖް ބޭގަމްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ބައޮގްރަފިކަލް ޑްރާމާ "ސޯންގްސް އޮފް ޕެރެޑައިސް" މި މަހު އެމެޒޯން ޕްރައިމް ވީޑިއޯއިން ޕްރީމިއާ ކުރަން ނިންމާފައިވާކަން އިއުލާނުކޮށް ފިލްމުގެ ޕޯސްޓާއެއް ވެސް ދައްކާލައިފިއެވެ. މި ފިލްމުގައި ރާޖާ ބޭގަމްގެ ކެރެކްޓާއިން ފެންނާނީ އިންޑިއާގެ ޕޮޕް މިއުޒިކް ކުޅުންތެރިޔާ އަދި ލަވަކިޔުންތެރިޔާ ސަބާ އާޒާދު އާއި ފިލްމީ ތަރި ސޯނީ ރަޒްދާންއެވެ. މި ދެ ތަރިން ފިލްމުގައި ނޫރު ބޭގަމްގެ ކެރެކްޓާއިން ފެންނާނެއިރު ސަބާ ފެންނާނީ ލަވަކިޔުންތެރިޔާގެ ޒުވާން އުމުރުގެ ދުވަސްވަރުއެވެ. އަދި ސޯނީ ކުޅޭނީ ނޫރު ބޭގަމްގެ ހަޔާތުގެ ފަހު ދުވަސްކޮޅު ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެއިތުރުން މި ފިލްމުގެ ކާސްޓުގައި ހިމެނޭ އިތުރު ތަރިންގެތެރޭ ޝީބާ ޗައްޑާ، ޒައިން ޚާން ދުއްރާނީ، ތާރުކް ރައިނާ އަދި ލިލީތާ ޑުބޭ ހިމެނެއެވެ. "ސޯންގްސް އޮފް ޕެރެޑައިސް"ގެ ބަތަލާ ސަބާ--ފޮޓޯ/ޕިންކްވިލާ ކަޝްމީރުގެ މެލޮޑީ ކުއީންގެ ގޮތުގައި މަޝްހޫރުކަން ހޯދި ލަވަކިޔުންތެރިޔާ ރާޖް ބޭގަމްގެ ބައޮގްރަފިކަލް ޑްރާމާ އަކީ ދާނިޝް ރެންޒޫ ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ގިނަބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ލަވަކިޔުންތެރިޔާ ކަޝްމީރުން މިހާތަނަށް އިންޑިއާގައި އުފެދުނު އެންމެ ހުނަރުވެރި އެއް އަންހެން ލަވަކިޔުންތެރިޔާއެވެ. ރާޖާ ބޭގަމްގެ ހުނަރުވެރިކަމާ އެކު މިއުޒިކަށް ކޮށްދިން ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އިންޑިއާގެ ސަރުކާރުން ސިވިލިއަނުންނަށް އަރުވާ މަތީ ޝަރަފު ޕަދުމާ ޝްރީ އެވޯޑު ވެސް ވަނީ އަރުވާފައެވެ. ރާޖް ބޭގަމް މަރުވެފައި ވަނީ އުމުރުން 89 އަހަރުގައި 2016 ވަނަ އަހަރުއެވެ. ރާޖާ ބޭގަމްގެ ބައޮގްރަފިކަލް ޑްރާމާ "ސޯންގްސް އޮފް ޕެރެޑައިސް" އެމެޒޯން ޕްރައިމްގައި ޕްރީމިއާ ކުރާނީ މި މަހުގެ 29 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ