ގެދޮރުވެރިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގައި ދުވާރު ހެދުމުގެ މަސައްކަތް ފަށައިފި
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ސަރަހައްދުގައި ދުވާރު ހެދުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ، 4000 ފްލެޓަށް އަލަށް މީހުން ބަދަލުވުމުގެ ކުރިން، އެ ސަރަހައްދުގައި ދިރިއުޅުމަށް ބޭނުންވާ މައިގަނޑު އަސާސީ ވަސީލަތްތައް ގާއިމުކުރުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން، ދެވަނަ ފިޔަވަހީގެ ނިރޮޅުމަގު، ޒޯން އެކެއް އަދި ޒޯން ދޭއްގެ ދުވާރު ހެދުމުގެ މަސައްކަތް މި ވަގުތު ކުރިއަށްދާއިރު، ޒޯން އެކެއްގެ 75 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ޒޯން ދޭއްގެ 58 ޕަސެންޓު މަސައްކަތް ނިމިފައިވާއިރު، މި ދެ ޒޯނުގެ ދުވާރު ހެދުމުގެ މަސައްކަތް އަންނަ މަހުގެ މެދުތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. މީގެ އިތުރުން ޒޯން ތިނެއްގެ ދުވާރު ހެދުމުގެ މަސައްކަތް ފެށުމަށް ޓަކައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ވެސް ފަށައިފައިވާ ކަމަށް ބުންޏެވެ. އެޗްޑީސީ އިން ކުރަމުންދާ މަސައްކަތްތަކުގެ މަންޒަރު-- ފޮޓޯ/ އެޗްޑީސީ ދުވާރު ހެދުމުގެ މަސައްކަތުގެ އިތުރުން، ދެވަނަ ފިޔަވަހީގައި ގެދޮރުވެރިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގައި ޖުމްލަ ފަސް ބަސް ސްޓޮޕް ގާއިމްކުރުމުގެ މަސައްކަތް ވެސް އެޗްޑީސީން އަންނަނީ ކުރަމުންނެވެ. އެގޮތުން އެ ސަރަހައްދުގެ ނިރޮޅުމަގުގައި ގާއިމުކުރި ބަސް ސްޓޮޕްގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި ދެވަނަ ބަސް ސްޓޮޕް، އެ ސަރަހައްދުގެ ހިތިގަސް މަގުގައި ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ބަސް ސްޓޮޕްގެ މަސައްކަތް ވެސް މި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެ އެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރީ ސަރުކާރުން ފެށި 4،000 ހައުސިންގެ މަސައްކަތް ނިމި، މިހާރު ކުރިއަށް ދަނީ އެ ތަންތަން މީހުންނަށް ދިނުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނި ގޮތުގައި މިހާތަނަށް ދެހާސް މީހުން ވަނީ ސޮއިކޮށްފައެވެ. ގެދޮރުވެރިޔާ ފްލެޓްތައް ސަރަހައްދުގައި އަސާސީ މުހިންމު ވަސީލަތްތައް ގާއިމްކުރާއިރު ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ދިން ފޭސް ދޭއްގެ ބޮޑު ސަރަހައްދުގައި އަދި ކަރަންޓާއި ފެން ވެސް ނުލައެވެ. މަގާއި ޕޭމަންޓު ހެދުމުގެ މަސައްކަތް ވެސް ނުފަށައެވެ. އެހެންވެ ގޯތި ލިބުނު ގިނަ ބަޔަކަށް އަދި އެ ތަނުގައި ގެ އަޅަން މަސައްކަތް ނުފެށި ލަސްވާކަމުގެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ. އެހެންނަމަވެސް އެ ތަނުގައި މުއްސަނދިންނަށް ޚާއްސަކޮށް އަސޭރިއާ ހައުސިންގެ ނަމުގައި މަޝްރޫއެއް އަންނަނީ ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ