މީޑިއާއާ ގުޅޭ ބިލާ ޝައްމޫން ދެކޮޅު ހެދީ ރައީސްގެ ކުރިމަތީގައި

ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި ތާރީހީ ލިޔުންތެރިޔާ ޝައްމޫން ޖަލީލް ނުވަތަ އާއްމު ނަމުން ނަމަ، ލޫކަސް ހދ. ކުމުންދުއަށް ގޮސް ހުރީ، އެ ރަށުގެ މިސްކިތެއް ހުޅުވުމަށް ރަށު ކައުންސިލުން ދިން ދައުވަތެއްގަ އެވެ. އާސާރީ އެ މިސްކިތް އަލުން ހުޅުވުމުގެ ރަސްމިއްޔާތު އިއްޔެ ނިމުނު ނަމަވެސް އޭނާ ދެން މަޑުކުރީ، ރައީސް މުހައްމަދު މުއިއްޒު މިހާރު ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ކުމުންދުއަށް ވަޑައިގަންނަވާތީ، އެ މަނިކުފާނަށް މަރުހަބާ ކިޔުމަށެވެ.
އެކަމަކު ރައީސަށް މަރުހަބާ ކިޔުމަށް ރަށުގެ ރައްޔިތުން މަޑުކޮށްލައިގެން ތިބި ސަފުގައި ޝައްމޫން ހުއްޓިގެން ހުރީ އެހެން މަގްސަދަކާ ވެސް އެކުގަ އެވެ. އޭނާގެ އަނގަމަތީގައި ހުރީ ޓޭޕް އަޅާފަ އެވެ. ހިފަހައްޓައިގެން ހުރީ، މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮތް، މީޑިއާތައް ރެގިއުލޭޓް ކުރުމާ ގުޅޭ ބިލާ ދެކޮޅު ހަދާކަމަށް ލިޔެފައިވާ ބޯޑެކެވެ.
"ނޫސްވެރިންނަށް އުނދަގޫވާނެ ބިލެއް މި އަންނަނީ،" ޝައްމޫން ބުންޏެވެ.
"މި ބިލާ ދެކޮޅަށް ނޫސްވެރިން މާލޭގައި އެބަ މުޒާހަރާ ކުރޭ. އެހެންވެ، އަޅުގަނޑު ހަމައެކަނި ރައީސަށް މަރުހަބާ ކިޔުމަށް ހުއްޓިގެން ހުރުން އަމިއްލަ ނަފްސަކަށް ގަބޫލެއް ނުކުރެވުނު. ބޭނުންވީ އެކަނި ހުރެގެން ނަމަވެސް، ނޫސްވެރިންގެ މި ކަންބޮޑުވުން ރައީސާ ހަމައަށް ގެންދަން."
ކުރީ ސަރުކާރުގައި، ހެރިޓޭޖް މިނިސްޓްރީގެ އިސް މަގާމެއް އަދާކުރުމަށް ފަހު، ފަހުން އިސްތިއުފާ ދިން ޝައްމޫނަކީ، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަންނަ މޫނެކެވެ. އެމްޑީޕީގެ އިސް އެކްޓިވިސްޓެއްގެ ގޮތުގައި މަޝްހޫރުވެފައި އޮތް ނަމަވެސް، ސަރުކާރު ބަދަލުވުމާ އެކު ފެނުނީ ރައީސް މުއިއްޒުގެ ނިންމުންތަކަށް ތާއީދު ކުރާ މީހެއްގެ ގޮތުގަ އެވެ. އެކަމަކު ޝައްމޫން ބުނި ގޮތުގައި، ރައީސްއަށް އޮތް އޭނާގެ ތާއީދު އަނބުރާ ގެންދިޔައީ، ސުޕްރީމް ކޯޓާ ގުޅޭ ބިލް ފާސްކުރި ހިސާބުންނެވެ. މިހާރު ފާސްކުރަން އުޅޭ މީޑިއާ ބިލް ވެސް، ލިިޔުންތެރިއެއްގެ ގޮތުން އަދި ސޯޝަލް މީޑިއާގައި ހަރަކާތްތެރި މީހެއްގެ ހައިސިއްޔަތުން އޭނާއަކަށް ބަލައެއް ނުގަނެވެ އެވެ.
އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އެ ޒުވާނާ ފާހަގަ ކުރީ، މިހާރު ހިންގަމުން އަންނަ ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އުވާލައި، އެއް އިދާރާއެއްގެ ގޮތުގައި ހިންގަން ނިންމުމެވެ. މުޅިން ތަފާތު މަސައްކަތެއް ކުރާ ދެ އިދާރާއެއް އެއްކޮށްލައި އެތަނަށް އައްޔަން ކުރާ ވެރިން ރައީސް ނުވަތަ ސަރުކާރު ކޮންޓްރޯލް ކުރާ މީޑިއާތަކުން ހަމަޖައްސާ ނަމަ، ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިގެން ދާނެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ.
"އެ އުފައްދާ ކޮމިޝަނަށް ގިނަ މެމްބަރުން އައްޔަން ކުރާނީ މީޑިއާތަކުން ވޯޓު ދީގެންކަމަށް އޭގައި ބުނަނީ. އެކަމަކު އެންމެ ގިނަ ވޯޓު ލެވޭނީ، ޕީއެސްއެމަށް. އެއީ ދައުލަތުން ހިންގާ ތަނެއް. ކޮމިޝަނުގެ ރައީސް އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ ތާއީދު ކުރައްވާ ބޭފުޅެއް ކަމަށް އޮންނަނީ. ހުރިހާ ބާރެއް މި ނަގަނީ ސަރުކާރުން،" ޝައްމޫން ބުންޏެވެ.
"މި ބިލް ފާސްކޮށްފައި މީޑިއާގެ ވާހަކަ ދައްކާނެ ކަމެއް ނެތެއްނު؟"
އޭނާ ބުނި ގޮތުގައި، މި ބިލްގެ ސަބަބުން، ކޮންޓެންޓު އުފައްދާ މީހުންނާއި ނޫސްވެރިންނަށް ވަރަށް އުނދަގޫ ވާނެ އެވެ. މި ބިލާ އެކު، އިދިކޮޅު ހުރިހާ ނޫސްތަކެއް ހުއްޓޭނެކަމަށް ގަބޫލު ކުރެ އެވެ. އެހެންވެ، މިއީ ހަގީގަތުގައި ވެސް ދެކޮޅު ހަދަން ޖެހޭ ބިލްއެއް ކަމަށް ޝައްމޫން ބުންޏެވެ.
ޝައްމޫން ބުނި ގޮތުގައި، އޭނާގެ ޝުއޫރު ލިޔެފައިވާ ބޯޑު ރައީސަށް ފެނިވަޑައިގެންނެވި އެވެ. އެ ކިޔުއްވި އެވެ. އަދި ވަކި އެއްޗެކޭ ވިދާޅުނުވެ، ސަލާމް ކުރައްވާފައި ވަޑައިގެންނެވީ ކަމަށް ބުންޏެވެ. އެކަމަކު އޭނާގެ އުއްމީދަކީ އެ ބިލާ މެދު ނޫސްވެރިންގެ ކަންބޮޑުވުން ރައީސް އަޑުއައްސަވައި އެ އަމަލު ކުރެއްވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ